މާޒިއާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އޭއެފްސީ ޗެލެންޖް ކަޕްގެ އުއްމީދުތައް ވަނީ ވަރަށް ބޮޑަށް ކުޑަވެއްޖެ އެވެ.
އިއްޔެ ކުވައިތުގެ އަލް އަރަބީއާ ދެކޮޅަށް ކުޅުނު މެޗުން 2-0 އިން ބަލިވުމާއެކު، މާޒިއާއަށް ދެވަނަ ބުރަށް ދިއުމުގެ އަމިއްލަ ބާރު، މިހާރު ވަނީ ގެއްލިފަ އެވެ.
މެޗު ފެށުމާއެކު ކުޑަކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަލް އަރަބީ އިން ވަނީ ލީޑު ނަގާފަ އެވެ. މެޗުގެ 7 ވަނަ މިނެޓުގައި ޔޫސުފް މަޖީދު ބޮލުން ޖެހި ގޯލަކުން އަރަބީ ކުރިއަށް ދިޔަ އެވެ. އޭގެ އެއް މިނެޓު ފަހުން އަލީ ޚަލަފް ވަނީ އިތުރު ގޯލެއް ޖަހާ ލީޑު 2-0 އަށް ފުޅާކޮށްފަ އެވެ.
މި ބަލިވުމާއެކު މާޒިއާ ވަނީ މުބާރާތުގެ ދެ މެޗުންވެސް ބަލިވެފަ އެވެ. އޭގެ ކުރިން ކުޅުނު މެޗުގައި ތުރުކުމެނިސްތާނުގެ އަރްކަޑަގް އަތުން 2-1 އިން ބަލިވި އެވެ.
މި ވަގުތު ގްރޫޕްގައި އެއްވަނައިގައި އޮތީ 6 ޕޮއިންޓާއެކު އަރްކަޑަގް އެވެ. އަލް އަރަބީ އާއި އަބްދޭޝް އަށް 3 ޕޮއިންޓް ލިބިފައިވާއިރު، މާޒިއާ އަށް އަދި އެއްވެސް ޕޮއިންޓެއް ނުލިބެ އެވެ.
ކުރިއަށް އޮތް ބުރުގައި މާޒިޔާ ބައްދަލުކުރާނީ އަބްދޭޝްއާ އެވެ. ދެވަނަ ބުރަށް ދިއުމުގެ އުއްމީދު އާލާކުރުމަށް މާޒިޔާއަށް މި މެޗުން ކޮންމެހެން މޮޅުވާން ޖެހޭނެ އެވެ.