އީގަލްސް ލީޑްގައި ވަނިކޮށް އަޔާޒު އަހްމަދު (އަޔާ) ދަ ގުރާންޑޭއަށް ލަނޑު ކާމިޔާބު ކޮށް ދީ މެޗު 1-1 ން އެއްވަރު ކޮށްފި އެވެ.
މެޗު އެއްވަރު ވުމަކީ ގުރާންޑޭ އާއި އީގަލްސްއަށް ވެސް ހިތްހަމަ ޖެހޭނެ ނަތީޖާއެއް ނޫނެވެ. ނަމަވެސް ދެ ވަނަ ހާފުގެ ކުރީ ކޮޅު އީގަލްސްއިން ލީޑް ނަގާފައި ވަނިކޮށް ގުރާންޑޭއިން ފަހު 15 މިނެޓަށް އެޅުނު ފަހުން ލަނޑު ޖެހުމަކީ އެ ޓީމަށް ލިބޭނެ ހިތްހަމަ ޖެހުމެކެވެ.
މެޗުން މޮޅު ވެވުނުނަމަ، ގުރާންޑޭއަށް ވެލެންސިއާގެ މައްޗަށް ތިން ޕޮއިންޓްގެ ލީޑެއް ނެގޭނެ އެވެ. މިރޭ ވެލެންސިއާ އިން ގުރީން ސްޓްރީޓާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ، ގުރާންޑޭގެ މައްޗަށް ދެ ޕޮއިންޓްގް ލީޑެއް ނެގުމުގެ ފުރުސަތު ވެލެންސިއާ މިހާރު އެބައޮތެވެ.
މިއަދު ކުޅުނު މެޗުގައި އީގަލްސްގެ ލަނޑު މެޗުގެ 56 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ރަޝިއާގެ ފޯވަޑް ކޯމިޝިން ވްލަޑިސްލާވް އެވެ. އޭނާ އެ ލަނޑު ޖެހީ ގުރާންޑޭގެ ކީޕަރު އިޔާން އާއި އެ ޓީމުގެ ޑިފެންސަށް ހެދުނު މިސްޓޭކަކުންނެވެ. ގުރާންޑޭގެ ޑިފެންޑަރު ގާސިމް ޝަމާމް ފަހަތަށް ބާރު ބޯޅައެއް ދިނުމުން ކީޕަރު އިޔާންއަށް އެ ބޯޅަ ރަނގަޅަށް ދިފާއު ނުކުރެވުމުން އޭނާގެ ފައިދަށުން އެ ބޯޅަ ގެއްލުނެވެ.
އެ ބޯޅަ ލިބުނީ ބޯޅައަށް ވިއްދި ވްލަޑިސްލާވް އަށެވެ. އޭނާ އެ ބޯޅަ ހިފައިގެން އެނބުރެން ވަގތު ނުލިބުމުން ބޯލަ ފަހަތައް ޕުޝްކޮށްލީ އަބްދުﷲ ސަމީހް މުސާ (ސަމިއްޓޭ) އެރުމުންނެވެ. ސަމިއްޓޭ މަސައްކަތް ކުރީ ގުރާންޑޭގެ ޑިފެންޑަރު ހަސަން ޝިފާން ކައިރިން ބޯޅަ ނައްޓާލާށެވެ. އޭނާ ކޮށްޓާލި ބޯޅަ ފައިން ދޫވެ ދެން އަނެއްކާވެސް އަލުން ބޯޅަ ލިބުނީ ވްލަޑިސްލާވް އެވެ. އޭނާ ވަނީ އެނބުރިގެންފައި އެ ބޯޅަ ގޯލްގެ ތެރެއަށް ވައްދާލާފަ އެވެ.
މެޗުގެ 74 ވަނަ މިނެޓްގައި އަޔާޒު ޖެހި ގޯލަކީ، އޭނާގެ ކްލާސިކް ގޯލެކެވެ. އީގަލްސްގެ ހާފުގެ މެދެއްހާ ހިސާބުން ޔަޝްފާދު ހަބީބު (މުލަކޭ) ދިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު އަޔާ ވަނީ އީގަލްސްގެ ދެ ކުޅުންތެރިން ނައްޓަލައި އޭރިއާގެ ބޭރުން ގޯލްގެ ކަނަށް ބޯޅަ ވައްދާލާފަ އެވެ.