ދިވެހި ޕްރެމިއާ ލީގް

ޝަހާއުގެ އޮލިމްޕިކް ގޯލެއް، އީގަލްސް ފުރަތަމަ ޕޮއިންޓް

ދަ ގުރާންޑޭގެ މުހައްމަދު ޝަހާއު ކާމިޔާބު ކުރި އޮލިމްޕިކް ގޯލުން، ދަ ގްރާންޑޭއިން އީގަލްސް އަތުން މޮޅުވާން ދަނިކޮށް، މެޗުގެ ފަހު ކޮޅުގައި އަހްމަދު ރިޒްވާން، (ރިޒޭ) ލަނޑު ޖަހައި އީގަލްސް ބަލިވިޔަ ނުދީ ސަލާމަތް ކޮށްފި އެވެ. މެޗު އެއްވަރުވީ 1-1 ންނެވެ.

ނަގާ ކޯނަރުން ސީދާ ޖަހާ ލަނޑަށް ފުޓްބޯޅައިގައި މަޝްހޫރު ވެފައި ވަނީ އޮލިމްޕިކް ގޯލްގެ ނަމުންނެވެ. ޝަހާއު އޮލިމްޕިކޯއެއް ހެދީ މެޗުގެ 59 ވަނަ މިނެޓްގައި ދަ ގުރާންޑޭއަށް ލިބުނު ކޯނަރު ނެގިގޮތަށް ގޯލްގެ ތެރެއަށް އޮޅާޅައިގެންނެވެ. ބޯޅަ ގޯލްގެ ތެރެއަށް ވަނީ އީގަލްސްގެ މޮންޓަނީގޯރޯގެ ކީޕަރު މިލާން ޖެލޮވަކް އަތުގައި ޖެހިލާފަ އެވެ.

ރިޒޭ އީގަލްސްއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މެޗުގެ 90 މިނެޓް ހަމަވާން ހަތަރު މިނެޓް ބާކީ ހުއްޓަ އެވެ. ލީގްގައި ކުޅުނު ފުރަތަމަ ދެ މެޗުން އީގަލްސް ބަލި ވެފައި ވުމުން އެ ޓީމުގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) ސިފަ ކުރީ މަރުގެ މެޗެއްގެ ގޮތުގަ އެވެ. އެ މެޗުން ބަލި ވެއްޖެނަމަ ލީގް ހޯދުމުގެ އުންމީދު އީގަލްސްއަށް ގެއްލުނީ ކަމަށް މޯހަން ވަނީ ބުނެފަ އެވެ.

ރިޒޭއަށް ލިބުނު އަނިޔާ މުޅިން ރިކަވާ ނުވިނަމަވެސް، އޭނާ މެޗަށް ނެރުނީ ކުޅެވޭވަރު ވާތީ އެވެ. މެޗުގެ މުހިންމުކަން އީގަލްސްއަށް ބޮޑުވުމުންނެވެ. ސީޒަންގައި އީގަލްސް ކުޅުނު ހަތަރު ވަނަ މެޗަށް، އެ ޓީމު ނުކުތީ މޮންޓަނީގުރޯގެ ކީޕަރު މިލާން ޖެލޮވަކް ފުރަތަމަ 11 ގައި ހިމަނައިގެންނެވެ. އޭނާ މާލެ އައިސްފައި ވަނީ މިދިޔަ ބުދަ ދުވަހު އެެވެ. ކުރިން ދިޔަ ތިން މެޗުގައި ގޯލް ބެލެހެއްޓީ ޒުވާން ކީޕަރު މުހައްމަދު ސިނާހް އެވެ.

ރިޒޭ ލަނޑު ކާމިޔާބު ކުރީ މެޗުގެ 96 ވަނަ މިނެޓްގައި އަބްދުﷲ ސަމީހް މޫސާ (ސަމިއްޓޭ) ދަ ގުރާންޑޭގެ އޭރިއާގެ ބޭރުން އޭރިއާގެ އަރިމަތިން އަރައި އޭރިއާ ތެރެއަށް ނަގައިދިން ބޯޅައިންނެވެ. ސަމިއްޓޭ ދިން ބޯޅަ ކޮންޓްރޯލްކޮށް ރިޒޭ ވަނީ ގޯލްގެ ތިރީ ކަނަށް ބޯޅަ ވައްދާލާފަ އެވެ. އޭގެ ފަހުން ނަތީޖާ ފުޅާ ކުރުމަށްވެސް އީގަލްސްއަށް ރަނުގެ ފުރުސަތެއް ލިބުނެވެ. މެޗުގެ 90 މިނެޓްގައި އީގަލްސްގެ ކުޅުންތެރިން ގުރާންޑޭގެ ގޯލް ކުރިމައްޗަށް ނެގި ބޯޅަ އިމްރާން ނަޝީދު ބޮލުން ފޮނުވާލުމުން ގުރާންޑޭގެ ބިދޭސީ ޑިފެންޑަރު ކޮމިލޯވް އަބްދުއްރަސަލް ބޮލުން ދިފާއު ކުރީ ގޯލް ގޯލް ލައިން މަތިންނެވެ.