ދަ ގްރާންޑޭ ސްޕޯޓްސް ކުލަބުގެ މައްޗަށް 3-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ކުލަބު އީގަލްސްއިން ލީގްގެ ދެ ވަނަ މަގާމު ޔަގީން ކޮށްފި އެވެ.
އީގަލްސް އަށް ދެ ވަނަ މަގާމު ޔަގީންވީ، ދެ ވަނަ މަގާމާ ކައިރީގައި އޮތް ޓީސީ ސްޕޯޓްސް ކުލަބު މާޒިޔާ އަތުން ރޭ އެއްވަރުވެ، މިއަދުގެ މެޗު އީގަލްސް ކާމިޔާބު ކުރުމުންނެވެ. ޓީސީ އާއި އީގަލްސް އާ ދެމެދު މިހާރު އޮތީ ފަސް ޕޮއިންޓްގެ ބޮޑު ފަރަގެކެވެ. މިހަފުތާގެ ކުޅޭ މެޗުތަކަށް ފަހު ކޮންމެ ޓީމަކަށްވެސް ބާކީ އޮތީ އެންމެ މެޗެކެވެ. ޓީސީން ގްރީން ސްޓްރީޓާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ، ލީގްގެ ފަހު މެޗުގައި ޗެމްޕިއަން މާޒިޔާ އަތުން އީގަލްސް ބަލިވެއްޖެނަމަ ޓީސީ އާއި އީގަލްސް އާ ދެމެދު ޕޮއިންޓްގެ ފަރަގު ދެ ޕޮއިންޓަށް ކުޑަ ވުން ފިޔަވައި ލީގްގެ ގަދަ ތިނަކަށް އަންނާނެ ބަދަލެއް ނެތެވެ.
ލީގްގެ ދެ ވަނަ މަގާމު ހޯދުމާއެކު، މިއީ އީގަލްސްގެ ތާރީހްގައި ދިވެހި ލީގްގައި ހޯދި އެންމެ ބޮޑު ކާމިޔާބީ އެވެ. މިއަދުގެ މެޗަށް ފަހު ވާހަކަ ދައްކަމުން އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) ބުނީ ލީގްގެ ތިން މެޗެއް ފިޔަވައި އެހެން މެޗުތައް ދިޔައީ އޭނާ ބޭނުންވި ގޮތަށް ކަމަށާއި އެ ތިން މެޗުގައި އީގަލްސްއަށް ނަތީޖާ ރަނގަޅު ކުރިނަމަ ލީގް ހޯދުމުގެ ފުރުސަތުވެސް އޮތް ކަމަށެވެ.
މިއަދުގެ މެޗުގައި އީގަލްސްގެ ފުރަތަމަ ލަނޑު މެޗުގެ އަށް ވަނަ މިނެޓްގައި ޖަޕާންގެ މިޑްފީލްޑާ ޓޮށިކީ އޮކަމޯޓާ ކާމިޔާބު ކުރީ ހިޝާމް ސަލީމް (ކޮކީ) ނަގައިދިން ހުރަސް ބޮލުން ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ. ޓޮށީ ބޮލުން ބޯޅަ ފޮނުވާލިއރު ގްރާންޑޭގެ ކީޕަރު މުހައްމަދު ފައިސަލްއަށްވެސް ހުރެވުނީ ހަދާނެ ގޮތެއް ނެތި ބޯޅައަށް ބަލަހައްޓައިގެންނެވެ.
ދެ ވަނަ ލަނޑު އަހްމަދު ރިޒްވާން (ރިޒޭ) ކާމިޔާބު ކުރީ 22 ވަނަ މިނެޓްގަ އެވެ. ހަސަން ރާއީފް އަހްމަދު (ހަންނަ) އޭރިއާގެ ކަނާ ދިމާލުގައި ހުރެފައި ގޯލްގެ ދުރު ކަނަށް އަމާޒުކޮށް ފޮނުވާލި ބޯޅަ ރިޒޭގެ ފައިން ގޯލް ތެރެއަށް ކޮށްޕާލީ ބޯޅަ ގޯލަށް ވަންނާން ދަނިކޮށެވެ.
ދެ ވަނަ ހާފުގައި، އީގަލްސްއިން ބެލީ ޑިފެންސް ކޮށްގެން ކައުންޓަ އޭޓޭކުގައި ލިބޭ ފުރުސަތުތަކުގެ ބޭނުން ކުރުމަށެވެ. ދެ ވަނަ ހާފުގައި ދަ ގްރާންޑޭއަށް ތަނަވަސް އެއްވެސް ފުރުސަތެއް ނުދީ އީގަލްސްއިން ވަނީ އެޓީމުގެ ގޭމް ހިފައްހައްޓާފަ އެވެ. އެ ޓީމުގެ ތިން ވަނަ ލަނޑު ރިޒޭ ކާޟިޔާބު ކުރީ 90 ވަނަ މިނެޓްގަ އެވެ.