ކުޅިވަރު

އީގަލްސް މަރުގެ މެޗަކަށް

ދިވެހި ޕްރިމިއާ ލީގްގައި، ދަ ގުރާންޑޭ ސްޕޯޓްސް ކުލަބާ ދެކޮޅަށް މިއަދު ކުޅޭ މެޗަކީ، ލީގް ކާމިޔާބު ކުރުމުގެ ރޭހުގައި އީގަލްސްއަށް މަރުގެ މެޗެއްގެ ގޮތުގައި އެ ޓީމުގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) ސިފަ ކޮށްފި އެވެ.

ލީގްގައި މިހާތަނަށް ކުޅުނު ދެ މެޗުންވެސް އީގަލްސް ވަނީ ބަލިވެފަ އެވެ. މިދިޔަ ސީޒަންގެ މުޅި ލީގްގައި އީގަލްސް ބަލިވީ ދެ މެޗުންނެވެ.

"ދެ މެޗުން ބަލިވެފަ ދެން މި މެޗުން އަޅުގަނޑުމެން ބަލިވެއްޖެއްޔާމު އިތުރަށް ލީގަށް ވާދަ ކުރަން އިން ޗާންސް ދިޔައީ އޭ ހަމަ ބުންޏަސް ގޯހަކަށް ނުވާނެ," ދަ ގްރާންޑޭ އާ ދެކޮޅަށް ކުޅޭ މެޗުގެ ޕްރީ މެޗު ޕްރެސްގައި ވާހަކަ ދައްކަމުން މޯހަން ބުންޏެވެ. "ކުޅުންތެރިންނަށް ވަރަށް ބޮޑަށް އެނގޭ އެކަންވެސް. އެހެންވީމަ އެހުރިހާ ގޮތަކަށް ކުޅުންތެރިން ތައްޔާރުވެފަ ތިބީ. އިރާދަ ކުރެއްވިއްޔާ މެންޓަލީވެސް ކުޅުންތެރިން ވަރަށް ރަނގަޅަށް ތައްޔާރު ވެފަ ތިބި މެޗަކަށް މި މެޗު ވެގެންދާނެ."

ލީގްގެ ތިން ބުރު އޮތް އިރު ތިން މެޗުން ބަލިވެގެން ލީގު ހޯދުމުގެ އުންމީދު ދޫކޮށްލަނީތޯ ސުވުލު ކުރުމުން މޯހަން ބުނީ، ރާއްޖެ ކަހަލަ ޓީމުތައް މަދު ލީގެއްގައި ތިން މެޗުން ބަލިވެގެން ލީގް ހޯދުމުގެ ފުރުސަތު ކުޑަ ވާނެ ކަމަށެވެ.

"ފަހަކަށް އައިސް ރާއްޖޭގެ ލީގް ގޮއްސަ ހުރި އުސޫލުތަކަށް ބަލާއިރު ދެ ޓީމެއް އާންމުކޮށް ލީގް ޗެމްޕިއަނަށް މި ވާދަ ކުރަނީ. ވާދަ ކުރާއިރު ދެ މެޗެއް ވަރު ބަލިވެއްޖެ ކަމުގައި ވާނަމަ ގިނަ ފަހަރަށް މި އިންނަނީ ލީގާ ކައިރި ނުކުރެވޭ ހިސާބަށް ގޮސްފަ. އެގޮތަށް ވެއްޖެއްޔާމު ތިން މެޗުން ބަލިވެގެން އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ ލީގް ލިބޭނެ ކަމަކަށް،" މޯހަން ބުންޏެވެ.

"މިދިޔަ ސީޒަންގައިވެސް ދެ މެޗުން ބަލިވެ މެޗުތަކެއް އެއްވަރު ވުމާއެކީގައި ލީގް ނުލިބި ދިޔައީ ލީގްގެ ކުރިއަށް ހުރި 19 މެޗުގައި ވަރަށް ރަނގަޅު ކާމިޔާބެއް ހޯދައިގެން ނުނީ ގަބޫލު ނުކުރެވޭ ލީގް ކާމިޔާބު ކުރެވޭނެ ކަމަކަށް."

ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗާއި ލީގްގައި ކުޅުނު ދެ މެޗުގައިވެސް އީގަލްސްގެ ގޯލް ބެލެހެއްޓީ ޒުވާން ކީޕަރު މުހައްމަދު ސިނާހް އެވެ. މިއަދުގެ މެޗުގައި ކީޕަރުގެ މަގާމަށް ބަދަލު އަންނާނެ ކަމަށް މޯހަން ވަނީ ބުނެފަ އެވެ. މިދިޔަ އަހަރު ލީގްގެ ފަހު ކޮޅުގައި ލޯން އެއްބަސްވުމެއްގެ ދަށުން ގުރީން ސްޓްރީޓަށް ކުޅެ ކުރިއެރުންތަކެއް ހޯދި ހަސަން އަލފް އިބްރާހިމްވެސް ޓީމުގައި އެބަހުއްޓެވެ. މިދިޔަ ފަސް އަހަރު އީގަލްސްއަށް ކުޅުނު ލަންކާގެ ގޯލްކީޕަރު ސޫޖަން ޕެރާރާ ވަނީ، މިދިޔަ ސީޒަނަށް ފަހު އީގަލްސް ދޫކޮށްލާފަ އެވެ. އޭނާގެ ބަދަލުގައި އީގަލްސްއިން ވަނީ މޮންޓަނީގުރޯގެ ކީޕަރެއް ކަމަށްވާ މިލާން ޖެލްވަކް ގެނެސްފަ އެވެ. މިދިޔަ ބުދަ ދުވަހު އޭނާ ވަނީ މާލެ އައިސްފަ އެވެ. މިއަދުގެ މެޗުގައި ޖެލްވަކް ކުޅޭނެ ކަމަކަށް މޯހަން ނުބުނެ އެވެ.

މޯހަން ބުނީ، އީގަލްސް އާ ދެކޮޅަށް ނުކުންނަ ދަ ގުރާންޑޭ ޓީމަކީ އެ ޓީމު ކުޅުނު ދެ މެޗުގައިވެސް ރަނގަޅު ގޭމެއް ކުޅެ ނަތީޖާ ނެރެފައިވާ ޓީމެއް ކަމަށެވެ. އެފަދ ޓީމަކާ ދެކޮޅަށް ކުޅެން އީގަލްސްއިން ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހޭނެ ކަން މޯހަން ފާހގަ ކުރި އެވެ. ދަ ގުރާންޑޭގެ ކޯޗް އިސްމާއީލް މަހްފޫޒު (އިންމަ) ބުނީ، އީގަލްސް ކުރީ ދެ މެޗުން ބަލިވެފައި އޮތަސް އަނިޔާގެ މައްސަލަ އެ ޓީމުގައި ހުރި ކަމަށް ވިޔަސް އެ ޓީމާމެދު ދަ ގުރާންޑޭއިން ދޭ ސަމާލު ކަމަށް ކުޑަވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި ކުޅުންތެރިންނަށް ވެސް އެގޮތަށް ވިސްނައިދީފައިވާނެ ކަމަށް އިންމަ ބުންޏެވެ.

އީގަލްސް ވައިސް ކެޕްޓަން އަހްމަދު ރިޒުވާން (ރިޒޭ) ހުރީ އަނިޔާގަ އެވެ. މަޑުމަޑުން ރިކަވާ ވަމުން އަޔަސް އަދި ކުޅެވޭނެ ކަމަށް ބުނަން ނޭންގޭ ކަމަށް މޯހަން ބުންޏެވެ. ޑިފެންޑަރު އަހްމަދު ނޫމާން (ހެލްމެޓް) އެއްކޮށް ވަނީ ރިކާވާވެފަ އެވެ.