ލައިފްސްޓައިލް

މައިކް ޓައިސަން ދެން ތަޅާފޮޅާނީ މިޔަރަކާ!

ގްރޭޓް ވައިޓް ޝާކް އަކާ ތަޅާފޮޅަން މައިކް ޓައިސަން ތައްޔާރުވާން ފަށައިފި އެވެ. މި އާދަޔާހިލާފު މެޗުގައި ބައްދަލު ކުރަނީ ދުނިޔޭގެ އެންމެ ވަރުގަދަ މީހާ އާއި ކަނޑުގެ އެންމެ ވަރުގަދަ ދިރުމެވެ.

ޑިސްކަވަރީ ޗެނަލުން އިންތިޒާމްކުރާ މި މެޗުގައި މިޔަރާ ޗެލެންޖް ކުރަން ކުރީގެ ހެވީވެއިޓް ޗެމްޕިއަން މައިކް ޓައިސަން މިހާރު ވަނީ އެއްބަސްވެފަ އެވެ. މި މެޗަށް ކިޔަނީ "ޓައިސަންސް ވާސަސް ޖޯޒް: ރަމްބްލް އޮން ދަ ރީފް" އެވެ.

ކަނޑުއަޑީގެ މި ސްޓަންޓްގައި ޓައިސަން ބައިވެރިވަނީ "ސައިންޓިފިކް ރިސާޗް" އެއްގެ ނަމުގަ އެވެ.
މި ކުރިމަތިލުން އިނގިރޭސި ވިލާތުގެ ޓީވީން އަންނަ އޯގަސްޓް މަހުގެ 16 ވަނަ ދުވަހު ދައްކަން ވަނީ ހަމަޖެހިފަ އެވެ.

ޓައިސަންގެ މި ތާރީޚީ މެޗުގައި ކުރީގެ މަޝްހޫރު އެނައުންސަރު މައިކަލް ބަފާ ވެސް ބައިވެރިވާނެ އެވެ. ޑީސްކަވަރީގެ ބަޔާނުގައި ބުނެފައިވަނީ ޝޮޓް އަށް ގޮވުމުގެ ބައި ކުރިޔަށް ގެންދާނީ މައިކަލް އެވެ.

ޓައިސަން ހެވީވެއިޓް ތެޅުމެއް ނުތަޅާތާ ގިނަ ދުވަސްތަކެއް ވެފައިވާތީ އެނބުރި އަންނަން ބިރު ގަންނަ ކަމަށް ވެއެވެ. އެހެންވެ ޑިސްކަވަރީގެ މި ޗެލެންޖް ގަބޫލުކުރީ ހިތުގައިވާ ބިރުވެރިކަން ނައްތާލުމަށެވެ. އެގޮތުން މިޔަރަކާ ކުރިމަތިލާ މި ކުރާ ޗެލެންޖުން އޭނާގެ ހިތުގައި އެނބުރި އައުމަށް އޮތް ބިރުވެރިކަން ފިލައި ބައިނަލްއަގުވާމީ މުބާރާތްތަކުގައި އަލުން ވާދަކުރުމުގެ ހިތްވަރު ލިބޭނެކަމަށް ޓައިސަން ބުންޏެވެ.