ކުޅިވަރު

އިބްރޮހިމްވިޗްގެ ކުރިމަގާމެދު ސުވާލު އުފެދިފައި

އޭސީ މިލާންގެ ފޯވަޑް ޒްލަޓާން އިބްރޮހިމްވިޗް އެ ޓީމުގައި އިތުރަށް ދެމިހުރުމާމެދު ސުވާލު އުފެދިއްޖެ އެވެ.

ސަސުއޯލާ އާ ދެކޮޅަށް އަންގާރަ ދުވަހު ކުޅުނު މެޗުގައި މިލާންގެ ދެ ލަނޑުވެސް ކާމިޔާބު ކުރީ އިބްރަހިމޮވިޗް އެވެ. ޖަނަވަރި މަހު މިލާން އާއެކު އިބްރަހިމޮވިޗް އެއްބަސްވުން ހެދީ ސީޒަން ނިމެންދެންނެވެ.

ސީޒަންގައި ބާކީ އޮތީ ތިން މެޗެވެ. މިދިޔަ މަހު އަލުން ސީޒަން ފެށުމަށް ފަހު މިލާން އިން ވަނީ ބަލި ނުވެ 10 މެޗު ފުރިހަމަ ކުރި އެވެ. ހޯދި ރަނގަޅު ނަތީޖާ އާއެކު އެ ކުލަބުން ވަނީ ކޯޗް ސްޓެފަނޯ ޕިއޮލީގެ ކޮންޓްރެކްޓް އާ ކޮށްފަ އެވެ.

ކޮންޓްރެކްޓް އާ ކުރުމާ ބެހޭގޮތުން ސުވާލު ކުރުމުން ޒްލަޓާން ބުނީ އެއްވެސް މީހަކު އޭނާ އާ ވާހަކަ ނުދައްކާ ކަމަށެވެ.

"އަހަރެންނަށް އެބައޮތް ތިން މެޗު، އަދިވެސް 10 ދުވަސް، އެއްވެސް މީހަކު އަހަންނާ އެއްވެސް ވާހަކައެއް ނުދައްކާ، އަހަރެން އުންމީދު ކޮށްގެނެއް ނޫން ހުންނަނީކީވެސް ވާހަކަ ދައްކާނެ ކަމަކަށް،" އިބްރާ ބުންޏެވެ. "އަހަރެމެންނަށް ކޮންޓްރޯލް ނުކުރެވޭ ކަންކަން ހުންނާނެ."

އުމުރުން 38 އަހަރުގެ ފޮވަޑް ވަނީ މިސީޒަންގެ 17 މެޗުގައި އަށް ލަނޑު ޖާހަފަ އެވެ.