ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

"ކޮމިޝަންގެ ރިޕޯޓް ލިބިއްޖެ، ފިޔަވަޅުތައް އަޅަން ފަށައިފިން"

Jul 23, 2020
5

ހިޔާނާތުގެ މައްސަލަތައް ބަލަން އުފައްދާފައިވާ އެސެޓް ރިކަވަރީގެ ކޮމިޝަނުގެ ރިޕޯޓް ލިބިފައިވާ ކަމަށާއި އެ ރިޕޯޓާއި ގުޅިގެން ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން ބަލަނީ 2012 އިގެ ޖެނުއަރީ ފެށިގެން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ނިމެންދެން ހިނގާފައިވާ ހިޔާނާތުގެ މައްސަލަތަކެވެ.

ރައީސް ސޯލިހު ޓްވީޓް ކުރައްވައި މިއަދު ވިދާޅުވީ "ކޮރަޕްޝަނާއި ވައްކަމުގެ ބޮޑެތި މައްސަލަތައް ބެލުމަށް ޤާއިމުކުރި ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު އެކޮމިޝަނުން ވަނީ އަޅުގަނޑަށް ހުށަހަޅާފައި" ކަމަށެވެ. އަދި ވިދާޅުވީ އެ ރިޕޯޓާ ގުޅިގެން ކުރަންޖެހޭ ކަންކަން "އަޅުގަނޑު ކުރަން ފަށައިފިން" ކަމަށެވެ.

ރައީސް އެފަދައިން ވިދާޅުވި އިރު އެ ކޮމިޝަނުން މިއަދު ރައީސް އޮފީހުގައި ނޫސްވެރިންގެ ބައްދަލުވުމެއްވެސް ބާއްވަ އެވެ.

އެ ކޮމިޝަނުން ހިންގާ އެންމެ ބޮޑު ތަހުގީގަކީ، މިފަހުން ރާއްޖޭގައި ހިނގި އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލަ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގެ ތަހުގީގެވެ.