ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫއަރާނެ އަދި ގައުމީ ސަލާމަތަށް ނުރައްކާވާނެފަދަ އެއްވެސް އެއްބަސްވުމެއް އެއްވެސް ގައުމަކާއެކު މިިދިޔަ ސަރުކާރުން ހަދާފައިނުވާނެ ކަމަށް ޕީޕީއެމުން ބުނެފި އެވެ.
އެޕާޓީން މިހެން ބުނެފައިވަނީ އިންޑިއާގެ އަސްކަރީ މަތިންދާ ބޯޓެއް ދިވެހިރާއްޖޭގައި ބޭއްވުމަށް ދިވެހިރާއްޖެއާއި އިންޑިއާ އާއި ދެމެދު ކުރީ ސަރުކާރުން ސޮއިކޮށްފައިވާ ކަމަށް ސަރުކާރުގެ ބައެއް އިސްވެރިން ވިދާޅުވެފައިވަނިކޮށެވެ.
ޕީޕީއެމުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގައުމީ ދިފާއީ ބާރުގެ ހުނަރާއި ގާބިލްކަން އިތުރު ކުރުމަށްވެސް އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްވިޔަސް ނުވަތަ ރާއްޖޭގެ ފަސްގަަނޑުގައި އެހެން ގައުމެއްގެ އަސްކަރީ ބަޔކު ގާއިމްވެފައި ތިބުމަކީވެސް އެއްވެސް އިރެއްގައި އެ ޕާޓީން ތާއީދުކުރި ކަމެއް ނޫން ކަމަށެވެ.
"..އަދި އެފަދަ ކަމަކަށް މަގުފަހިވާ ގޮތަށް މުއާމާލަތްކޮށް އެއްބަސްވުންތައް ހެދުމަކީވެސް މި ކޯލިޝަނުން ކުރާނެ ކަމެއް ނޫން. ހަމަ އެއާއެކު ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހާރިޖީ އަދި އަސްކަރަީ ދާއިރާއިންވެސް އެކުވެރި ގައުމުތަކާ ގުޅުން ބަދަހިކޮށް ދެމެހެއްޓުމަކީ މި ކޯލިޝަނުން އަބަދުވެސް މަރުހަބާ ކިޔާނެ ކަމެއް،"
ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ހުރަސް ނޭޅޭ ކަންކަމުގައި ރާއްޖޭއާއި އެކުވެރި ގައުމުތަކާއެކު ގައުމުގެ ތަރައްގީއަށްއަށް އެހީތެރިކަން ހޯދުމާއި ވަސީލަތްތައް ހޯދުމާއި ވަސީލަތްތައް ގާއިމްކުރުމަކީ މުހިންމު ކަމެއް ކަމަށާ އެކަމަށް ޕީޕީއެމްގެ ސަރުކާރުން އަބަދުވެސް މަސައްކަތް ކޮށްފައިވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
"ދިވެހިންގެ ގައުމިއްްޔަތު ދިފާއުކޮށް، ރާއްޖޭގެ މިނިވަންކަން ކަށަވަރުކުރުމުގައި ޕްރޮގްރެސިވް ކޯލިޝަން އަބަދުވެސް ދެމި ތިބޭނެ ކަމުގެ ޔަގީންކަން މި ފުރުސަތުގައި އަރުވަން. އަދި ގައުމުގެ ސިޔާދަތާއި އިގްތިސާދީ މިނިވަން ކަމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ނުކުރުމަށް ސަރުކާރަށް ގޮވާލަން،" ޕީޕީއެމްގެ ބަޔާނުގައިވެއެވެ.
އިންޑިއާގެ އަސްކަރީ މަތިންދާ ބޯޓެއް ދިވެހިރާއްޖޭގައި ބޭއްވުމަށް ދިވެހިރާއްޖެއާއި އިންޑިއާ އާއި ދެމެދު މީގެ ތިން މަހެއްހާ ދުވަސްކުރިން އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ވާހަކަ ދަނީ ދެކެވެމުންނެވެ. ނަމަވެސް ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ އިންޑިއާގެ އަސްކަރީ މަތިންދާ ބޯޓެއް ދިވެހިރާއްޖޭގައި ބޭއްވުމަކީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އައު އެއްބަސްވުމެއްގައި ސަރުކާރުން ސޮއިނުކުރާ ކަމަށެވެ.