ސައޫދީ އަރަބިޔާގެ 40 އަހަރުގެ ފިރިހެނަކު ގެއްލިގެން ހޯދަމުން ދަނިކޮށް ހަނަފަސް ސަހަރާގައި ސަޖިދައިގައި އޮތް ގޮތަށް މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ރިޔާޒު ޕްރޮވިންސްގެ ވާދީ އަލް ދަވާސިރްގައި ދިރިއުޅޭ ދުވައިހީ ހަމޫދު އަލް އަޖަލީން ގެއްލިގެން ހޯދަން ފެށީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ހަނަފަސް ސަހަރާގެ ތެރެއިން އޭނާ ފެނުނީ އާދިއްތަ ދުވަހު އެވެ. އޭރު ގެއްލިގެން ހޯދާތާ ތިން ވަނަ ދުވަހެވެ.
ފިރިހެންމީހާގެ އާއިލާއިން ފުލުހުންނަށް އެމީހާ ގެއްލުނުކަމުގެ މައުލޫމާތު ދިނީ އޭނާއާ ފޯނުން އެއްގޮތަކަށް ވެސް ގުޅޭނެ ގޮތެއް ނުވުމުންނެވެ.
އެމީހާ ހޯދަމުން ދަނިކޮށް އޭނާ ދުއްވި ޕިކަޕް ޓްރަކް ސަހަރާ ތެރެއިން ފެނުނީ އެވެ. ދެން އެ ވެހިކަލް ކައިރިއަށް ގޮސް ބެލިއިރު ވެހިކަލާ މާ ދުރުނޫން ހިސާބެއްގައި ފިރިހެންމީހާ ސަޖިދައިގައި އޮއްވާ ފެނުނެވެ. އަދި ކައިރިއަށް ގޮސް ބެލިއިރު އެ އޮތްގޮތަށް އޮވެ ފިރިހެންމީހާ އޮތީ މަރުވެފަ އެވެ.
އޭނާ ދުއްވި ޕިކަޕް ޓްރަކްގައި ގިނަ އަދަދަކަށް ލަކުޑި ހުއްޓެވެ. އެހެންކަމުން ލަފާ ކުރެވެނީ އޭނާއަކީ ލަކުޑި ހޮވައިގެން ވިއްކައިގެން އާއިލާ ބަލަހައްޓާ މީހެއް ކަމަށެވެ.
މި މީހާ ސަޖިދައިގައި އޮވެ މަރުވެފައި އޮތް މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވައިރަލް ވުމުން ގިނަ ބަޔަކު އޭނާއަށް ހެޔޮ ދުއާކޮށް ތަފާތު މެސެޖުތައް ޕޯސްޓް ކޮށްފައި ވެއެވެ. އަދި އޭނާ މަރުވެފައިވަނީ ވަރަށް ރަނގަޅު މަރަކުން ކަމަށް ގިނަ ބަޔަކު ހިޔާލު ފާޅުކޮށްފައި ވެއެވެ.