ލައިފްސްޓައިލް

މައިންބަފައިންގެ މަރުގެ ބަދަލުހިފި ޒުވާން އަންހެންކުއްޖާ

އަފްޣާނިސްތާނުގެ ކުޑަ އަންހެންކުއްޖަކު އޭނާގެ މައިންބަފައިން މަރާލި ދެ ހަނގުރާމަވެރިން މަރާލައި މައިންބަފައިންގެ މަރުގެ ބަދަލު ހިފައިފި އެވެ. ދެ ހަނގުރާމަވެރިން މަރާލުމުގެ އިތުރުން އިތުރު ބަޔަކު ވެސް މި އަންހެންކުއްޖާގެ ހަމަލައިގައި ވަނީ ޒަޚަމް ކޮށްލާފަ އެވެ.

މި ކުއްޖާގެ މައިންބަފައިންގެ ކުށަކީ އެމީހުންނަކީ ސަރުކާރަށް ތާއީދުކުރާ ބަޔަކަށް ވުމެވެ. އެހެންވެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރާ ހަނގުރާމަވެރިންގެ ބަޔަކު އައިސް ކުއްޖާގެ ބައްޕަ ގޭގައި ހުއްޓާ ގަދަކަމުން ބޭރަށް ނެރުނީ އެވެ. އަދި ފިރިމީހާ ސަލާމަތްކުރަން އަންހެންކުއްޖާގެ މަންމަ މަސައްކަތް ކުރުމުން ހަނގުރާމަވެރިން ވަނީ އެ ދެމަފިރިންގެ ގަޔަށް ބަޑި ޖަހާ މަރާލާފަ އެވެ.

ގަމަރް ގުލް، 16، އަކީ އަފްޣާނިސްތާނުގެ މެދުތެރޭގައި އޮންނަ ގޯރް އަވަށުގައި ދިރިއުޅޭ ކުއްޖެކެވެ. އޭނާގެ ބައްޕައަކީ އެ އަވަށުގެ އެންމެ އިސް މީހާ އެވެ.

މައިންބަފައިން މަރާލިތަން ފެނިފައި ގޭގައި އޮތް އޭކޭ47ގެ ބޮޑު ރައިފަލެއް ހިފައިގެން ގުލް ނުކުމެ ހަނގުރާމަވެރިންގެ ތެރެއިން ދެ މީހެއްގެ ގަޔަށް ބަޑި ޖަހާ މަރާލައި އެހެން ބަޔަކު ޒަޚަމް ކޮށްލީ ކަމަށް ލޯކަލް ޕޮލިސް ހެޑް ހަބީބުއްރަހްމާން މަލެކްޒާދާ ވަނީ ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ ގުލްގެ އުމުރުން އަދި 14 ނުވަތަ 16 އަހަރެވެ. އެހިސާބުގަނޑުގައި އުފަންވާ ކުދިންގެ ރެކޯޑްތައް މާ ރަނގަޅަށް ބެލެހެއްޓެމުން ނުދާތީ ސީދާ އޭނާގެ އުމުރެއް ނޭނގޭ ކަމަށް ވެސް ފުލުހުންގެ އިސް އޮފިޝަލް ވިދާޅުވި އެވެ.

މި ހާދިސާ ހިނގުމުން ގުލް އަށް ހަމަލަދޭން ތާލިބާނުންގެ ހަނގުރާމަވެރިންގެ ބަޔަކު އަލުން އެ ގޭ ދޮށަށް އައި ނަމަވެސް އަވަށްޓެރިންނާއި ސަރުކާރަށް ނިސްބަތްވާ ސިފައިންގެ މެދުގައި ވަރަށް ގަދަޔަށް ބަޑީގެ ހަމަލަ ބަދަލު ކުރެވި އެންމެ ފަހުން ހަނގުރާމަވެރިން ވަނީ އެތަނުން ގޮއްސަ އެވެ. އަދި މިހާރު ސަރުކާރުން ވަނީ ގުލް އާއި އޭނާގެ ކޮއްކޮ ރައްކާތެރި ތަނަކަށް ގެންގޮއްސަ އެވެ.

މި ހާދިސާގެ ޚަބަރު ސޯޝަލް މީޑިއާގައި އާއްމުވުމުން ގިނަ ބަޔަކު ވަނީ ގުލް އަކީ "ހިރޯ"އެއް ކަމަށް ބުނެ އޭނާގެ ހިތްވަރަށް ތައުރީފު ކޮށްފަ އެވެ.