ލައިފްސްޓައިލް

ރަންބީރުގެ "ޝަމްޝީރާ" ޝޫޓިން ފެށުން ލަސްކޮށްފި

ލޮކްޑައުންގެ ސަބަބުން ޝޫޓިންގްތައް ހުއްޓިފައި އޮތުމަށްފަހު ވަރަށް ގިނަ ފިލްމުތަކެއްގެ ޝޫޓިންގް ފަށަން މިހާރު ދަނީ ތައްޔާރުވަމުންނެވެ. ސިއްހީ އިދާރާތަކުގެ ގައިޑްލައިންތަކަށް ފުރިހަމައަށް އަމަލުކޮށްގެން ޝޫޓްކުރުމަކީ ފަސޭހަ ކަމަކަށް ނުވިޔަސް ބައެއް ޕްރޮޑިއުސަރުން ހިތްވަރުކޮށްފައި ފިލްމު ނިންމޭތޯ ވަނީ މަސައްކަތް ފަށާފަ އެވެ.

އާ ފިލްމުތަކުގެ ތެރެއިން ރަންބީރު ކަޕޫރުގެ "ޝަމްޝޭރާ" އަކީ މުމްބައިގައި އަލަށް ޝޫޓިން ފަށަން ހަމަޖެހުނު އެއް ފިލްމެވެ. ފިލްމުގައި ރަންބީރާއެކު ބައިވެރިވާ ސަންޖޭ ދަތާއި އޭނާ އޮގަސްޓް 1 އިން ފެށީގެން ޔާޝްރާޖް ފިލްމްސްގެ ސްޓޫޑިއޯގައި ފިލްމުގެ ބައެއް މަސައްކަތްތައް ކުރިޔަށް ގެންދަން ފަށަން ހަމަޖެހިފައި އޮތަސް މިހާރު އެ ތާރީޚުގައި ފިލްމުގެ މަސައްކަތް ނުފަށަން ޕްރޮޑިއުސަރު ވަނީ ނިންމާފަ އެވެ.

ފިލްމުގެ މަސައްކަތް މަދުވެގެން ދެ ހަފުތާއަށް ލަސްކޮށްލަން ނިންމީ މުމްބައިގައި ކޮވިޑް-19ގެ ކޭސްތައް މާ ބޮޑަށް އިތުރުވެ ޝޫޓިންގް ތަކަށް ވެސް އޭގެ ނުރައްކާ ފޯރުމުގެ ބިރު ބޮޑުވެގެންނެވެ.

މި ފިލްމުގެ މަސައްކަތް ފަށަން ބޭނުންވާ ހުރިހާ ހުއްދަ ތަކެއް ނަގައި ހުރިހާ ގައިޑްލައިނެއް ފޮލޯ ކޮށްފައިވީ ނަމަވެސް މިވަގުތު ޝޫޓިން ފަށައިފިނަމަ ބަޔަކު ބަލިވެ އަނެއްކާވެސް ޝޫޓިން ހުއްޓާލަން ޖެހުމުގެ ބިރު ޕްރޮޑިއުސަރުންނަށް އެބައޮތެވެ. އެހެންވެ މަދުވެގެން 15 ދުވަހު ފިލްމުގެ މަސައްކަތް ނުފަށާ ވާނުވާ ބަލަން އެމީހުން ވަނީ ނިންމާފަ އެވެ.

"ޝަމްޝޭރާ" އަކީ ކުރީ ޒަމާނުގެ ހާދިސާތަކެއް ދައްކުވައިދޭ ފިލްމެކެވެ. ބަތަލާއެއްގެ ގޮތުގައި މި ފިލްމުގައި ހަރަކާތްތެރިވަނީ ވާނީ ކަޕޫރެވެ.