ވަރި ކައިވެނި

ވީޑިއޯ މެދުވެެރިކޮށް ރެކޯޑް އަދަދަކަށް ކައިވެނިކޮށްދީފި

ފެމިލީ ކޯޓުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނި ކޮށްދޭން ފެށިފަހުން މިހާތަނަށް އެއް ދުވަހެއްގައި އެންމެ ގިނަ ކައިވެނި ކޮށްދީފައިވަނީ އިއްޔެ ކަމަށް އެ ކޯޓުން ބުނެފި އެވެ.

އާންމު ސިއްހަތު ކުއްލި ނުރައްކަލުގެ ހާލަތުގައި ވީޑިއޯ ކޮންފަރެންސްކޮށް ކައިވެނި ކުރެވޭނެ ކަމަށް ކަނޑައަޅައި އެކަމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލު ނެރުނީ މި މެއި މަހުގެ ހަތަރު ވަނަ ދުވަހު އެވެ. ކުއްލި ނުރައްކަލުގެ ހާލަތާއެކު، ސަރުކާރު ބަންދުވުމާ ގުޅިގެން މާލޭގައި ކައިވެނި ކުރުން އޭރު އޮތީ ހުއްޓިފަ އެވެ.

ނަމަވެސް މެއި މަހުގެ ހަވަނަ ދުވަހުން ފެށިގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނިކޮށްދޭން ވަނީ ފަށާފައެވެ.

ފެމިލީ ކޯޓުން ބުނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނި ކޮށްދޭން ފެށިފަހުން މިހާތަނަށް އެއް ދުވަހެއްގައި އެންމެ ގިނަ ކައިވެނި ކޮށްދީފައިވަނީ އިއްޔެ ކަމަށެވެ. އެގޮތުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް 42 ކައިވެނި އިއްޔެ އަގުދު ކޮށްދެވުނު ކަމަށް ވަނީ ބުނެފައެވެ.

އޮންލައިންކޮށް ކައިވެނި ކުރުމާ ބެހޭ އުސޫލުގައިވާ ގޮތުން ކައިވެނި ކުރުމުގެ ކުރިން ކޯޓުން ދޭ ކައިވެނީގެ އިގުރާރުގައި ކައިވެނި ކުރާ ދެ މީހުންނާއި ވަލީވެރިޔާ އަދި ދެ ހެކިވެރިން ސޮއި ކުރަން ޖެހެ އެވެ. އާންމުކޮށް ކައިވެނި ކުރާއިރު އެކަން ކުރަނީ ކައިވެނީގެ މަޖިލީހުގަ އެވެ.