ކުޅިވަރު

ޑްރޮގްބާއަށް ތާއީދު ނުކުރުމުން ޔުނިއަން ސަސްޕެންޑް

އައިވަރީކޯސްޓްގެ ފުޓްބޯލް ފެޑްރޭޝަންގެ އިންތިހާބުގައި ކުރީގެ ފޯވަޑް ޑިޑިއޭ ޑްރޮގްބާއަށް، އެ ގައުމުގެ ފުޓްބޯލާސް ޔޫނިއަންއިން ތާއީދު ނުކުރުމުން ގުލޯބަލް ފުޓްބޯލާސް ޔޫނިއަން އިން އައިވަރީކޯސްޓްގެ ފުޓްބޯލާސް ޔޫނިއަންއަން ސަސްޕެންޑް ކޮށްފި އެވެ.

އިންތިހާބުގައި އައިވަރީ ކޯސްޓްގެ ފުޓްބޯލާސް އެސޯސިއޭޝަނުން ތާއީދު ކޮށްފައި ވަނީ މިހާރުގެ ނައިބު ރައީސް އިދުރީސް ޑައިއޯލާ އަށެވެ. ފެޑްރޭޝަންގެ އިންތިހާބުގައި ވާދަ ކުރުމަށްޓަކައި އައިވަރީކޯސްޓްގެ ފުޓްބޯޅަ އާ ގުޅުންހުރި ފަސް އެސޯސިއޭޝަންގެ ތެރެއިން ކޮންމެވެސް އެއް އެސޯސިއޭޝަނެއްގެ ތާއީދު ބޭނުން ވާނެ އެވެ.

ގުލޯބަލް ފުޓްބޯލާސް ޔޫނިއަން ނުވަތަ ފިފްޕްރޯއިން، އައިވަރީކޯސްޓްގެ ފުޓްބޯލާސް އެސޯސއޭޝަން (އޭއެފްއައި) ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ ވަގުތުން ތަންފީޒުވާ ގޮތަށް އޭއެފްއައި ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

ފިފްޕްރޯއިން ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ، އައިވަރީކޯސްޓްގެ (ކުރީގެ) ފުޓްބޯޅަ ކުޅުންތެރިޔެއް ކަރިމަތިލާން ތައްޔާރު ވެފައިވާއިރު އޭއެފްއައި އިން ތާއީދު ނުދިނުމަކީ ބޭއިންސާފު ނިންމުމެއް ކަމަށެވެ.

"މިކަމުގެ ސަބަބުން އައިވަރީ ކޯސްޓާއި މެދު އަދި ކުޅުންތެރިންގެ ހައްގުގައި މަސައްކަތް ކުރާން އޮތް ބަޔަކާ މެދު ނެގެޓިވް ކޮށް ދެކުމުގެ ފުރުސަތު އެބައޮތް،" ފިފް ޕްރޯއިން ފޮނުވާފައިވާ ސިޓީގައި ވެއެވެ. "ކުޅުންތެރިންގެ ހައްގުގައި މަސައްކަތް ކުރުމަކީ ފިފްޕްރޯގެ މެންބަރުންނާއި ޔޫނިއަންގެ އެންމެ އިސް މަގްސަދު."

"ތި ނިންމުމުގެ ސަބަބުން އެންމެ އިސް މަގްސަދު ވަނީ ދޫކޮށްލާފައި."

އައިވަރީކޯސްޓްގެ އެފްއޭ ގެ އިންތިހާބު ބާއްވަން ތާވަލު ކޮށްފައި ވަނީ ސެޕްޓެމްބަރު މަހު ފަސް ވަނަ ދުވަހު އެވެ. ފަސް އެސޯސިއޭޝަންގެ ތެރެއިން ތާއީދު ކުރާނެ ކެނޑިޑޭޓަކު އިއުލާން ކޮށްފައި ނުވަނީ މެޑިކަލް ސްޓާފުންގެ އެސޯސިއޭޝަނުންނެވެ. ޗެލްސީ އާއި މާސޭގެ ކުރީގެ ފޯވަޑަށް އަދި ފުރުސަތު އެބައޮތެވެ. އެ އެސޯސިއޭޝަނުން ތާއީދު ލިބުމުން ޑްރޮގްބާއަށް އިންތިހާބުގައި ވާދަ ކުރެވޭނެ އެވެ.

ފިފްޕްރޯގެ ސަސްޕެންޝަން ކުރިމަތިވުމުން އެ ޔޫނިއަންގެ މެންބަރުކަން ގެއްލޭނެ އެވެ. އަދި އެހީގެ ގޮތުގައި ފިފްޕްރޯއިން ދެމުން އައި އިންކަމް ސަޕޯޓް ވެސް ހުއްޓިގެންދާނެ އެވެ.