ކުޅިވަރު

ފްރެންޗް ކަޕް ޗެމްޕިއަންކަން ޕީއެސްޖީ ހޯދައިފި

ފައިނަލުގައި 10 ކުޅުންތެރިންނާއެކު ކުޅުނު ސައިންޓް އެއިޓިން އާ ދެކޮޅަށް ކުޅުނު މެޗު 1-0 ން ކާމިޔާބުކޮށް، ފްރާންސް ކަޕްގެ ޗެމްޕިއަންކަން ޕީއެސްޖީ ހޯދައިފި އެވެ.

ރޭގެ ފައިނަލުމެޗަކީ، ފަސް މަހަށް ފަހު ފްރާންސްގެ ފުޓްބޯޅަ އެނބުރި އައި މެޗެވެ. ކޮވިޑް-19 އިގެ ބިރުވެރިކަން ފެތުރުމުން މާޗް މަހު ފްރާންސްގެ ފުޓްބޯޅަ މެދުކަނޑާލަުމަށް ފަހު މެއި މަހު އެގައުމުގެ ފުޓްބޯލް ފެޑްރޭޝަނުން ނިންމާފައި ވަނީ ލީގްގެ ނިންމާލުމަށެވެ. އަދި ލީގް ޗެމްޕިއަނުންގެ ޓައިޓަލް އެއް ވަނައިގައި އޮތް ޕީއެސްޖީއަށް ދިނެވެ.

ޕެރިހުގައި ހުންނަ ފްރާންސްގެ ގައުމީ ފުޓްބޯޅަ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗަށް ވަކި ވަރަކަށް ސަޕޯޓަރުން ވަންނަން ފްރާންސްގެ ފެޑްރޭޝަނުން ވަނީ ފުރުސަތު ދީފަ އެވެ.

މެޗުގައި ޕީއެސްޖީގެ ލަނޑު 14 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ނޭމާ އެވެ. މެޗުގެ 31 ވަނަ މިނެޓްގައި ޕީއެސްޖީގެ ކިލިޔަން އެމްބާޕޭއަށް ކުރި ނުރައްކާތެރި ފައުލާ ގުޅިގެން އެއިޓިންގެ ޑިފެންޑަރު ލޮއިކް ޕިރާންއަށް ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ.

އެ ފައުލާ ގުޅިގެން ލިބުނު އަނިޔާގެ ސަބަބުން އެމްބާޕޭއަށް ނުކުޅެވޭނެކަން ޔަގީން ވުމުން އޭނާގެ ބަދަލުގައި ޕަބެލޯ ސަރާބިއާ ކުޅެން އެރުވި އެވެ. އެމްބާޕޭ ދަނޑުން ފައިބައިގެން ދިޔައީ ރޮމުންނެވެ. އޭނާގެ އަނިޔާގެ ސީރިއަސް ކަމުގެ ތަފުސީލް އަދި އެނގިފައެއް ނުވެ އެވެ. ނަމަވެސް މެޗަށް ފަހު އޮތް އުފާފާޅު ކުރުންތަކުގައި ދަނޑިގަނޑުގެ އެހީގައި އެމްބާޕޭ އުޅުނެވެ. އޭނާއަށް އަނިޔާވުމަކީ ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލަށް ޕީއެސްޖީ ނުކުންނައިރު ކުރިމަތި ވާނެ ޗެލެންޖެކެވެ. ކްއާޓާ ފައިނަލުގައި ޕީއެސްޖީ ނުކުންނާނީ އެޓަލާންޓާ އާ ދެކޮޅަށެވެ.