ފިނިޕޭޖް

ދަރިން ކިޔަވަން ފޯނެއް ގަންނަން ގެރި ވިއްކާލި މީހާއަށް ސޯނޫގެ އެހީ

ކޮރޯނާވައިރަހުގެ ބަލިމަޑުކަން އިންޑިޔާގައި ފެތުރި ސްކޫލްތައް ބަންދުކޮށް އޮންލައިން ކްލާސްތައް ފެށުމުން ދަރިންނަށް ކިޔަވައި ދިނުމަކީ ކުލްދީޕް ކުމާރަށް ވަރަށް ދަތި އުނދަގޫ ކަމަކަށް ވިއެވެ. އިންޑިޔާގެ ސްޓޭޓެއް ކަމަށްވާ ހިމާޗަލް ޕްރަދޭޝްގައި ދިރިއުޅޭ ކުލްދީޕްގެ ދެ ދަރިން ތިބިއިރު މި ދެ ކުދިންނަކީ ވެސް ސްކޫލްގައި ކިޔަވަމުންދިޔަ ދެ ކުދިންނެވެ.

ކުލްދީޕް އާމްދަނީ ހޯދަން ކުރާ މަސައްކަތަކީ އޭނާގެ އަތުގައި އޮންނަ ހަމައެކަނި ގެރިން ކިރު ފެލައިގެން އެ ވިއްކުމެވެ. ނަމަވެސް ސްމާޓް ފޯނަކާއި އިންޓަނެޓް ކަނެކްޝަނެއް ނެތުމުން ދަރިންނަށް އޮންލައިން ކްލާސްތަކުގައި ބައިވެރި ނުވެވި ކިޔެވުމުން މަހްރޫމް ވާތީ ކުލްދީޕް ވަނީ އޭނާގެ ގެރި ވިއްކާލާފައި ދަރިންނަށް ކިޔެވޭނެ އިންތިޒާމް ހަމަޖައްސާފަ އެވެ.

އާމްދަނީ ލިބޭނެ އިތުރު އެހެން ވަސީލަތެއް ނެތް ނަމަވެސް ކުލްދީޕް އަށް އޭނާގެ ދަރިންގެ ތައުލީމު މުހިއްމު ވީވަރުން ގެރި ވިއްކާލާފައި ސްމާޓްފޯނެއް ގަނެ އަދި ކުދިންނަށް އިންޓަނެޓް ލިބޭނެ ގޮތް ހަމަޖައްސައިދިނީ އެވެ. ކުލްދިޕްގެ ދެ ދަރިން ކުރެ ދޮށި ކުއްޖާ އުޅެނީ ގްރޭޑް ހަތަރެއް ގައެވެ. ހަގު ކުއްޖާ ގްރޭޑް ދޭއް ގައެވެ. މި ދެ ކުދިންނަކީ ވެސް ފަގީރު ކުދިންނަށް ޚާއްސަކޮށް އެ ހިސާބުގައި އަޅާފައިވާ ސްކޫލެއްގައި ކިޔަވާ ދެ ކުދިންނެވެ.

ލޯކަލް ޗެނަލް އަކަށް ކުލްދިޕް ދީފައިވާ އިންޓަވިއު އެއްގައި ބުނީ ސްމާޓްފޯނެއް ނެތިގެން ދަރިންނަށް އޮންލައިން ކްލާހަށް ނުވަދެވިގެން ދެރަވެފައި ތިބޭތީ އޭނާގެ ހިތަށް ވަރަށް އަސަރު ކުރި އެވެ. އޭނާ ގުޅުނު ގެރިއަކީ އާމްދަނީ ލިބޭނެ ހަމައެކަނި ވަސީލަތަށް ވީނަމަވެސް އެނޫން ގޮތެއް ނެތިގެން ގެރި ވިއްކާލާފައި ކުދިންނަށް ކިޔެވޭނެ ގޮތް ހަމަޖައްސައިދިނީ އެވެ.

ގެރި ވިއްކާލުމުގެ ކުރިން ކުލްދީޕް އާއި އޭނާގެ އަންހެނުން ވަރަށް ގިނަ ގޮތްގޮތުން އެ ވިއްކާ ނުލާ ދަރިންނަށް ފޯނަކާ އެއްޗެތި ގަނެދެވޭތޯ އުޅުނެވެ. އެގޮތުން އެ ސަރަހައްދުގައި ހުރި އެކި ބޭންކްތަކަށް ގޮސް ލޯނު ލިބޭތޯ ވެސް މަސައްކަތް ކޮށްފައި ވެއެވެ. އަދި ދަރަންޏަށް ފައިސާ ދޭނެ މީހަކު ވޭތޯ ވެސް އެމީހުން ވަރަށް ގިނަ މީހުން ކައިރިއަށް ހިނގި އެވެ. ނަމަވެސް އެއްވެސް މީހަކު އެމީހުންނަށް އެހީތެރިކަން ފޯރުކޮށް ނުދިނީ އެވެ.

ކުލްދީޕްގެ ވާހަކަ ސޯޝަލް މީޑިއާ އިން ކިޔާފައި އެކްޓަރު އެކްޓަރު ސޯނޫ ސޫދު މިހާރު ވަނީ ކުލްދީޕަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނެފަ އެވެ. އަދި އެމީހާގެ ގެރި އަނބުރާ އޭނާއަށް ހޯދައިދޭނެ ކަމަށާއި އެމީހާއާ ގުޅޭނެ ގޮތެއް އޭނާއަށް ހަދައިދޭން ސޯނޫ އެދިފައި ވެއެވެ.

ކޮރޯނާވައިރަހުގެ ވަބާގައި އިންޑިޔާގައި ހާލުގައި ޖެހުނު އެތައް ހާސް ބަޔަކަށް ސޯނޫގެ އެހީތެރިކަން ލިބިފައި ވެއެވެ. އެމީހުން އަނބުރާ އެމީހުންގެ ވަޒަނަށް ދިއުމުގެ އިންތިޒާމް ހަމަޖައްސާދިނުމުން ފެށިގެން ވަރަށް ތަފާތު ރޮނގު ރޮނގުން ގިނަ ބަޔަކަށް ސޯނޫ އަދިވެސް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ސޯނޫގެ އިހްސާންތެރިކަމުން އިންޑިޔާގެ ގިނަ ބަޔަކަށް މިހާރު އޭނާ އަކީ ސުޕަހީރޯ އެކެވެ. އެހާ މަތިވެރި ލޯތްބަކާއި ގަދަރެއް އޭނާއަށްޓަކައި މީހުންގެ ހިތުގައި އުފެދިފައި ވެއެވެ.