ޝާހްރުކް ޚާންގެ ފިލްމެއް އެންމެ ފަހުން ރިލީޒް ވެފައި ވަނީ 2018 ގައެވެ. ޑައިރެކްޓަރު އާނަންދު އެލް ރާއީގެ "ޒީރޯ" އަށް ފަހު ޝާހްރުކް ވަނީ މުޅިން ހިންދީ ސިނަމާއިން ގެއްލިފަ އެވެ. އެހެން ކަމުން އޭނާގެ އެތައް މިލިއަނުން ފޭނުންނެއް މިހާރު އޭނާގެ ކިބައިން އެދެމުން ދަނީ އަވަހަށް ފިލްމެއްގެ މަސައްކަތް ފެށުމަށެވެ.
ޝާހްރުކް އެންމެ އަވަހަށް ފަށާނެ ފިލްމަކާ ގުޅޭ ގޮތުން އަބަދު ކަހަލަ ގޮތަކަށް ތަފާތު ޚަބަރުތައް ފެތުރެމުން ދަނީ އޭނާ އެނބުރި އަންނަން ފޭނުން ބޭނުންވެފައި ތިބިލެއް ބޮޑު ކަމުން ކަމަށް ބެލެވެ އެވެ.
ޝާހްރުކް ކުޅޭނެ ފިލްމުތަކާ ގުޅޭ ގޮތުން ރަސްމީ ސިފައެއްގައި އެއްވެސް ޚަބަރެއް މިހާތަނަށް ލިބިފައި ނެތަސް އެންމެ ފަހުން ޚަބަރު ލިބުނީ ޝާހްރުކް އެންމެ އަވަހަށް ފަށާނީ ކުޅަދާނަ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީގެ ފިލްމެއް ކަމަށެވެ. އަދި މި ފިލްމުގެ ޝޫޓިންގަށް ޝާހްރުކް އާއި ޑައިރެކްޓަރު ހިރާނީ އަދި ފިލްމު ކުރީ ކެނެޑާއަށް ދާން ހަމަޖެހިފައިވާ ކަމުގެ ޚަބަރުތަކެއް ވެސް ވަނީ އިވިފަ އެވެ.
ނަމަވެސް އިންޑިޔާގެ ނޫސްތަކުން މިހާރު ބުނަނީ ހިރާނީގެ ފިލްމުގެ ކުރިން "ވޯ"ގެ ޑައިރެކްޓަރު ސިދާރްތު އާނަންދުގެ ފިލްމެއްގެ މަސައްކަތްކުރަން ޝާހްރުކް ދަނީ ތައްޔާރު ވަމުންނެވެ. ސަބަބަކީ ކޮރޯނާވައިރަހުގެ ސަބަބުން ކެނެޑާވެސް ލޮކްޑައުން ކޮށްފައިވާތީ އެ ގައުމުގައި ޝޫޓް ކުރެވޭނެ އިންތިޒާމުތައް އަދި ހަމަޖެހެން ނެތުމުންނެވެ. އެހެންވެ ހިރާނީ އަށް މަޖްބޫރުވެގެން ފިލްމުގެ ޝޫޓިންގް ޝެޑިއުލް ފަސްކޮށްލާފައިވާތީ އެވެ.
ހިރާނީ ފިލްމަށް ޝާހްރުކް ދީފައިވާ ތާރީޚުތައް ފަހަތަށް ޖައްސާލަން ޖެހުމުން އޭނާއަށް އެތައް ދުވަހެއް ހުސްވެފައިވާތީ އެ ދުވަސްތަކުގައި ސިދާރްތުގެ ފިލްމުގެ މަސައްކަތް ފުރިހަމަ ކުރަން ޝާހްރުކް ގަސްތުކުރީ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.
ސިދާރްތުގެ ފިލްމު ޕްރޮޑިއުސްކުރަނީ ޔާޝްރާޖް ފިލްމްސް އިން ކަމަށާއި މި ފިލްމު ރަސްމީކޮށް އިއުލާން ކުރާނީ ޔާޝް ޗޯޕްޅާގެ އުފަން ދުވަސް ކަމަށްވާ ސެޕްޓެމްބަރު 27 ވަނަ ދުވަހު ކަމަށް ޚަބަރުތައް ބުނެ އެވެ. އަދި އޮކްޓޯބަރު މަހުން ފެށީގެން މި ފިލްމުގެ ޝޫޓިން ޝާހްރުކް ފަށާނެ ކަމަށް ވެސް ޚަބަރު ލިބެ އެވެ.
އެހެންވީމާ ހިރާނީގެ ހެއްވާ މަޖާ ފިލްމުގެ ކުރިން ސިދާރްތުގެ އެކްޝަން މަންޒަރުތައް ގިނަ ފިލްމުން ޝާހްރުކް ފެނުން މިހާރު ގާތެވެ.