ކ. މާފުށީގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
މާފުށިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ މާލެއިން އެރަށަށް ދިޔަ އާއިލާއެއްގެ މީހެކެވެ. އޭނާ ޕޮޒިޓިވް ވެފައިވާއިރު އޭނާ ކަރަންޓީނުގައި ހުރީ އާއިލާ އާއި އެކުގަ އެވެ.
މާފުށީ އިން އަވަސް އާއި ވާހަކަ ދެއްކި މީހަކު ބުނީ ޕޮޒިޓިވްވި މީހާ އާއެކު ކަރަންޓީނުގައި ތިބި އޭނާގެ އާއިލާ މީހުން ނެގެޓިވް ވެފައިވާ ކަމަށެވެ. އެހެން ނަމަވެސް އެންމެންގެ ސަލާމަތަށްޓަކައި އެރަށު ކޮވިޑް ޓާސްކްފޯހުން ނިންމީ އަނެއްކާވެސް އެމީހުން ކަރަންޓީނުގައި ބޭތިއްބުމަށް ކަމަށެވެ.
މި މީހާ ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަން އެނގުނީ ކަރަންޓީނުގެ މުއްދަތު ހަމަކޮށް ދޫކޮށްލުމުގެ ކުރިން ހެދި ޓެސްޓުންނެވެ.
ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ ޕޮޒިޓިވް ވި މީހާއާއި އެއްގެއްގައި އޭނާ އާއި ޑައިރެކްޓް ކޮންޓެކް ވެފައިވާ މީހުން އަލުން ކަރަންޓީނު ކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް މިހާރު ކަރަންޓިން ކުރަން ނިންމާފައިވަނީ ޕޮޒިޓިވް ވި މީހާ ވަކިން ކޮޓަރިއެއްގައި އެހެން މީހުންނާ ކޮންޓެކްޓް ނުވާނެ ގޮތަށެވެ.
ރާއްޖެއިން މިހާތަނަށް މި ބަލި ޖެހުނު މީހުންގެ އަދަދު 3000 އަށްވުރެ މައްޗަށް އަރާފައިވާއިރު މި ބަލީގައި މިހާތަނަށް 15 މީހަކު ވަނީ މަރުވެފަ އެވެ.