ލަލީގާގެ ޓީމު ވެލެންސިއާގެ ކޯޗަކަށް ވަޓްފޯޑްގެ ކުރީގެ ކޯޗް ހާވީ ގާސިއާ ހަމަޖައްސަން، އެ ކުލަބުގެ އޯނަރު ސިންގަޕޫރުގެ މަހުޖަނު ޕީޓާ ލިމް ރުހުން ދީފި އެވެ.
ވެލެންސިއާގެ މަންދޫބުންނާއި ގާސިއާގެ އެޖެންޓުންނާ ދެމެދު މިހާރު ވަނީ ވާހަކަތައް ފަށާފަ އެވެ. ދެފަރާތުގެ ދެމެދުގައި އެންމެ ފަހުން ވާހަކަ ދެއްކީ ބުރާސްފަތު ދުވަހު އެވެ. މިހާތަނަށް އަދި ރަސްމީކޮށް އެއްބަސްވުމަކަށް ނާދެވުނަސް، ވެލެންސިއާއިން އުންމީދު ކުރަނީ މާދަމާގެ ވަގުތެއްގައި އެ ކުލަބުގެ އާ ކޯޗުގެ ނަން އިއުލާން ކުރުމަށެވެ.
ސްޕެއިންގެ ކުޅިވަރު ނޫސް 'މާކާ' އިން ބުނީ، ވެލެންސިއާ އާއެކު ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކުރަން ގާސިއާގެ އެޖެންޓު ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. މިދިޔަ ސީޒަންގައި ހަތަރު ވަނައިގައި ނިންމާލި މެސްޓެޔާގެ ކުލަބަށް މި ސީޒަނަކީ އުނދަގޫ ސީޒަނެކެވެ. އެ ޓީމުން ލީގް ނިންމާލީ ނުވަ ވަނައިގަ އެވެ.
ޕީޓާ ލިމް ފާހަގަ ކުރެވިފައި ވަނީ، އަވަސް އަވަހަށް ކޯޗުން ބަދަލު ކުރާ އޯނަރެއްގެ ގޮތުގަ އެވެ. މިދިޔަ އަހަރު ސްޕެނިޝް ކަޕްގައި ބާސެލޯނާ ބަލިކޮށް އެ މުބާރާތުގެ ޗެމްޕިއަންކަން ވެލެންސިއާ އަށް ހޯދައިދިން މާސެލިއާނޯ ވަކި ކުރީ މި ސީޒަން ފެށުނު ތަނުންނެވެ. އޭނާގެ ބަދަލުގައ ކޯޗަކަަށް ގެނައީ، ރެއާލް މެޑްރިޑާއި ސްޕެއިންގެ ކުރީގެ އެސިސްޓެންޓް ކޯޗް އަލްބަޓް ސެލަޑޭސް އެވެ. އޭނާ ކޯޗް ކަމުން ވަކި ކުރީ ލީގް ނިމެން ކައިރިވެފައި ވަނިކޮށެވެ. ވަގުތީ ކޯޗެއްގެ ގޮތުގައި ލީގްގެ އެންމެ ފަހު މެޗުތަކުގައި ޓީމަށް އިރުޝާދު ދިނީ އެސިސްޓެންޓް ކޯޗް ސަލްވާޑޯ ގޮންޒާލޭޒް (ވާރޯ) އެވެ. އެއީ ވަގުތީ ކޯޗެއްގެ ގޮތުގައި ވާރޯ ވެލެންސިއާގެ ހެޑްކޯޗްގެ ޒިންމާތަށް ނެގި ހަ ވަނަ ފަހަރެވެ.
ގާސިއާގެ އެންމެ ބޮޑު މަސައްކަތަކަށް ވާނީ ޓައިޓް ބަޖެޓެއްގައި ޓީމެއް ބިނާ ކޮށް ޗެމްޕިއަންސް ލީގްގެ ޖާގަ ހޯދުމެވެ. ޗެމްޕިއަންސް ލީގް ޖާގަ ނުލިބިއްޖެނަމަ އޭނާގެ ވަޒީފާވެސް ގެއްލުމުގެ ފުރުސަތު ކައިރި އެވެ.
އަލްމީރިއާ، އަސަސޫނާ އަދި މަލާގާގައި ކުރިން މަސައްކަތް ކުރި ގާސިއާ އެނބުރި ލަލީގާއަށް އަންނަނީ ރަޝިއާގެ ރުބެން ކަޒާންއަދި ވަޓްފޯޑްގައި މަސައްކަތް ކުރުމަށް ފަހު އެވެ. ޖަނަވަރީ 2018 ގައި ވަޓްފޯޑްގެ ކޯޗް ކަމާ ހަވާލު ވުމަށް ފަހު ގާސިއާ ވަނީ އެ ކުލަބުގައި ކާމިޔާބު މަސައްކަތްތަކެއް ކޮށްފަ އެވެ. މިދިޔަ އަހަރުގެ އެފްއޭ ކަޕްގެ ފައިނަލަށް ވަޓްފޯޑް ގެންގޮސްދިނެވެ. އެއީ 35 އަހަރު ތެރޭ އިނގިރޭސި ޑޮމެސްޓިކް ކަޕްގެ ފައިނަލަށް ވޯޓްފޯޑް ދަތުރު ކުރި ފުރަތަމަ ފަހަރެވެ. ވަޓްފޯޑްގެ ކޯޗް ކަމުން އޭނާ ވަކި ކުރީ މި ސީޒަންގައި ލީގްގައި ކުޅުނު ފުރަތަމަ ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ބަލިވުމުންނެވެ.