މެންޗެސްޓާ ޔުނައިޓެޑް، ޗެލްސީ، ލެސްޓާ ސިޓީ ވާދަ ކުރަނީ، އިނގިރޭސި ވިލާތުން ޗެމްޕިއަންސް ލީގްގެ ފަހު ދެ ޖާގަ އަށެވެ. ފަހު ދެ ޖާގައަށް ވާދަ ކުރަނީ މި ތިން ޓީމެވެ. މިރޭ ކުޅޭ މެޗުތަކުން ޖާގަތަށް ކަށަވަރުވާއިރު، އެންމެ ފޯރިގަދަ މެޗަކަށް އޮތީ ލެސްޓާ އާއި ޔުނައިޓެޑް ބައްދަލު ކުރާ މެޗެވެ. މެޗު އެއްވަރު ކޮށްލިޔަސް ޔުނައިޓެޑަށް ޗެމްޕިއަންސް ލީގްގެ ޖާގަ ލިބިގެންދާނެ އެވެ. ލެސްޓާއަށް އޮތީ ޔުނައިޓެޑް ބަލި ކުރުމެވެ.
ޗެލްސީ ވާދަ ކުރާނީ، ވޯލްވާހެމްޓަން ވޮންޑާސް (ވޯލްވްސް) އާ ދެކޮޅަށެވެ. މެޗު އެއްވަރު ކޮށްލައިގެން ވެސް ޗެލްސީއަށް ޗެމްޕިއަންސް ލީގްގެ ޖާގަ ހޯދޭނެ އެވެ. އަނެއް ކޮޅުން ވޯލްވްސްގެ ފަހަތުގައި ޔޫރޮޕާ ލީގްގެ ޖާގަ ހޯދަން ވިއްދާފައި އޮތީ ހޯޒޭ މޮރީނިއޯގެ ޓޮޓެންހަމް ހޮޓްސްޕާސް އެވެ. ޓޮޓެންހަމްއަށް ވުރެ ކުރި އަރަން ބޭނުން ނަމަ މެޗުން މޮޅުވުން ނޫންގޮތެއް ވޯލްވްސް އަކަށް ނެތެވެ.
ޔުނައިޓެޑް ތިން ވަނައިގައި އޮތީ ޗެލްސީ އާ އެއްވަރަށް ޕޮއިންޓް ހޯދައިގެންނެވެ. ދެ ޓީމަށްވެސް 63 ޕޮއިންޓެވެ. ފަސް ވަނައިގައި އޮތް ލެސްޓާ އާއި އެ ދެ ޓީމާ ދެމެދު ހުރީ އެއް ޕޮއިންޓްގެ ކުޑަ ފަރަގެކެވެ. ކޮވިޑް-19 ގެ ބުރޭކަށް ފަހު ލެސްޓާގެ ކޯޗް ބުރެންޑެން ރޮޖާސް އެންމެ ގިނައިން ދެއްކި ވާހަކަ އަކީ ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދާ ވާހަކައެވެ. ހުކުރު ދުވަހު އޮތް ޕްރެސްގައިވެސް އޭނާ ދެއްކީ އެ ވާހަކަ އެވެ.
އޭނާ ބުނީ ޔުނައިޓެޑަކީ ބޮޑު ކުލަބެއް ކަމަށާއި އެ ކުލަބު ޗެމްޕިއަންސް ލީގް ޖާގަ ހޯދަން ގިނަ ސަބަބުތަކެއް ހުންނާނެ ކަމަށެވެ. އެހެންނަމަވެސް އޭނާގެ ޓީމުވެސް ހުރިހާ ހަކަތައެއް ބޭނުން ކުރާނީ އެ ޓާގެޓް ހާސިލު ކުރުމަށް ކަމަށެވެ.
"އަހަރެމެން ބޭނުން ވަނީ ޗެމްޕިއަންސް ލީގްގައި ދެމިތިބެން އަހަރެމެން އެކަމަށްޓަކައި ގަޔާވެ ޝައުގުވެރިވަން،" ހުކުރު ދުވަހު ބޭއްވި ޕްރީ މެޗު ޕްރެސްގައި ވާހަކަ ދައްކަމުން ރޮޖާސް ބުންޏެވެ. "އެއީ ވަރަށް ސާފުކޮށް އެނގޭ ކަމެއް އަހަރެމެން ބޭނުން ވަނީ އެ މުބާރާތުގައި ތިބެން އެކަމަށްޓަކައި އަހަރެމެންގެ ހުރިހާ ހަކަތައެއް ބޭނުން ކުރާނަން."
ކުރިން ޔުނައިޓެޑްގެ ސްޓައިކަރަކަށް ކުޅުނު ޝޮލްޝަޔާއަށް އޮތް ޕްރެޝަރު ބޮޑެވެ. ޗެމްޕިއަންސް ލީގްގެ ޖާގަ ނުލިބިއްޖެނަމަ އޭނާގެ ވަޒީފާ ގެއްލުން ކައިރި އެވެ. މިދިޔަ އަހަރު ހޯޒޭ މޮރީނިއޯ ވަކިކޮށް ސޮލްޝަޔާ އާ ޔުނައިޓެޑް ހަވާލުވި ފަހުން ގިނަ ކަންކަމެއް ޕޮޒިޓިވް ކޮށް ފެނުނެވެ. އޭނާ އަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޖަނަވަރީ ޓްރާންސްފާ ޕީރިއަޑްގައި ޕޯޗްގަލްގެ މިޑްފީްލޑަރު ބުރުނޯ ފެނާންޑޭޒް ޔުނައިޓެޑަށް ބަދަލުވެ އެ ޓީމުގެ މިޑްފީލްޑްގައި ދައްކަމުންދާ ކުޅުމެވެ.
ފެނާންޑޭޒް މިޑްފީލްޑްގައި މޮޅަށް ކުޅެން ފެށުމުން ފޯވަޑްލައިންގައި އެންތޮނީ މާޝިއަލް، މާކޯސް ރަޝްފާޑް އަދި މޭސަން ގްރީންވުޑަށްވެސް ހަމަލާ އުފެއްދުމުގައި ބޮޑު އެހީއަކަށްވި އެވެ. ފްރާންސްގެ ވޯލްޑް ކަޕް ވިނިން މިޑްފީލްޑަރު ޕައުލް ޕޮގްބާވެސް އަސްލު ފޯމަށް އެނބުރި ގެނެވުނެވެ. ސޮލްޝަޔާއަށް އޮތް އެންމެ ބޮޑު ގެންޖެހުމަކީ ޓީމުގެ ދިފާއު ބެލެންސް ނުވުމެވެ. ބައިކޮޅަށް ފަސޭހައިން ވަންނަ ގޯލްތައް ނުހުއްޓުވޭނަމަ ޗެމްޕިއަންސް ލީގް ޖާގަ ހޯދަން އުނދަގޫ ވާނެ އެވެ.
"އަހަރެމެންގެ އަމިއްލަ މަސައްކަތުން ޗެމްޕިއަންސް ލީގަށް ރަނގަޅު ފުރުސަތެއް ތަނަވަސް ކުރެވިއްޖެ، ސޮލްޗަޔާ ބުންޏެވެ. "ކުރެވުނު މަސައްކަތުން އެކަންޏެއް އަދި ޗެމްޕިއަންސް ލީގްގެ ޖާގަ ލިބޭކަން ނެތް، ނަތީޖާ ނެރުމަށްޓަކައި އެންމެ ހައި ލެވަލްގައި އަހަރެމެން މަސައްކަތް ކުރަން ޖެހޭނެ."
މި ސީޒަންގައި ޕްރިމިއާ ލީގްގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދީ ފްރޭންކް ލަމްޕާޑްގެ ޗެލްސީ އިންނެވެ. ސޮލްޝަޔާ އެކޭ އެއްގޮތަށް ލަމްޕާޑް އަކީ އޭނާ އެންމެ ގިނަ ދުވަހު ކުޅުނު ޓީމުގެ ކޯޗެވެ. ފީފާގެ ޓްރާންސްފާ ބޭން އާއެކު ކުޅުންތެރިން ނުގެނެވުމުގެ އިތުރަށް ޒުވާން ސްކޯޑަކާއެކު ޕްރިމިއާ ލީގްގެ ގަދަ ހަތަރަކަށް ލަމްޕާޑަށް ވަދެވޭނެ ކަމަކަށް ސީޒަން ފެށުމުގެ ކުރިން އެއްވެސް މީހަކަށް ހީކުރެވިފައެއް ނެތެވެ.
ސީޒަން ފެށިއިރު ފޯމު ގެއްލިފައި ހުރި ކްރިސްޓިއަން ޕުލްސިކް އާއި 30 މައްޗަށް ގޮސްފައި ހުރި އޮލިވާ ޖިރޫޑް ފޯމަށް އެނބުރި ގެނެސް ލަމްޕާޑް ވަނީ އުނދަގޫ ހާލަތެއްގެ ތެރެއިން ޗެލްސީ އާއެކު އޭނާގެ ފުރަތަމަ ސީޒަންގައިވެސް ކާމިޔާބު މަސައްކަތްތަކެއް ކޮށްފަ އެވެ. ޗެމްޕިއަންސް ލީގްގެ ޖާގަ ހޯދިއްޖެނަމަ އެއީ އެ މަސައްކަތުގެ ފުރިހަމަކަން އިތުރަށް ފެންނާނެ އެވެ.