މިނިވަން ދުވަސް

މިނިވަން ވައިބެއް ގެނެސްދޭ ލަވަ ލިސްޓެއް!

Jul 26, 2020

މިނިވަން ދުވަސް ފާހަގަ ކުރާއިރު ދިވެހިންގެ ހިތުގައި ބިންވަޅު ނެގިފައިވާ ލަވަތަކުގެ އަޑު ކަންފަތުގައި ޖެހޭ ހިނދު އެ ލަވަތަކުން ބައެއް ލަވަތަކަކީ ގައުމީ ޝުއޫރު ހިތްތަކަށް ގެނެސްދޭ ލަވަތަކެކެވެ. އެ ލަވަތަކުގެ އަޑުއިވުމުން ދިވެހިވަންތަކަމުގެ ލޭ ކައްކުވާލަ އެވެ. މިއީ އެފަދަ ޕްލޭލިސްޓެކެވެ. މިތަނުން އެންމެ ހިތްގައިމު ލަވައަކީ ކޮބައި ހެއްޔެވެ؟ ނޫނީ މި ލިސްޓަށް ދެން ލާނީ ކޮން ލަވައެއް ހެއްޔެވެ؟

މިނިވަން ވަޔާ ކުޅެލާށެ ތާޒާ

އަމީނީއްޔާ ސްކޫލް ދަރިވަރުން 1978 ވަނަ އަހަރުގެ މިނިވަން ދުވަސް ފާހަގަކުރަން ބޮލިމަލާފަތް ނެށުމަކަށް ތައްޔާރު ކުރި މި ލަވައަކީ ދިވެހިވަންތަ ކަމުގެ ޝުއޫރާއި މިނިވަން ދުވަހުގެ ރޫހު ގެނެސްދޭ ދިވެހި އާދަކާދަ ވެސް އާލާކޮށްދޭ ލަވެއެކެވެ.

ގައުމަށް އައި މިނިވަން ނޫރާނީ

ގައުމަށް އައި މިނިވަން ނޫރާނީ

މިނިވަން ދުވަހާއި ގުޅޭ ލަވަތަކުގެ ތެރެއިން މި ލަވައަކީ ދުވަސްވީ އެއް ލަވައެވެ. އެހެނަސް ލަވަ އަޑުއިވޭ ހިނދު މިނިވަންކަމުގެ ތަފާތު ރޫހެއްކޮށް ގައިން ހީބިހި ނަގައިގެން ދާ ކަހަލަ އިހްސާސެއް ކުރެއެވެ. އޯލްޑްސްޓައިލްގެ ގޮތަށް އޮތް މި ލަވަ ޅެން މާނަ ފުނެވެ. އަދި މިނިވަން ކަމުގެ އެތަށް ވާހަކައެއް ބުނެދެއެވެ. "ދިވެހިންގެމި ޢީބާތްތެރި ބިމުގައި ދިވެހިންގެ މުބާރިކް ފެހި ދަނޑުގައި...ދިވެހިންގެ މުރާލިކަން ރުވަމުން ދިޔަ ގަސްތައް ފޯދިދަނީ" މި ކަނޑިން އެކަނިވެސް މިއަދާއި ގުޅޭ އެތަށް ވާހަކައެއް ބުނެދެއެވެ.

ހޯދައި ދެއްވި މިނިވަން މި ޖައްވެކޭ

ހޯދައި ދެއްވި މިނިވަން މި ޖައްވެކޭ

ހޯދާދެއްވި މިނިވަން މި ޖައްވެކޭ މިއީ 90ގެ ހަނދާނެކެވެ. ކުޑަކުއްޖެއްގެ އަޑުން އޮންނަ މި ލަވައަކީ އަދިވެސް ފެވަރިޓެކެވެ. މިނިވަންކަން ހޯދާދެއްވާ އަޅުވެތިކަން ނައްތާލާ ދިވެހިންނަށް ފާގަތި ދުވަހެއްގެ ވާހަކަ ކިޔައިދޭ މި ލަވައިގައި މި ކަޑި ވަރަށް ހިތްގައިމެވެ. "ވިހުރޭ މިނިވަން ދިވެހި ދިދަ ފެހި ރަތް ހުދު މި ފަޒައިގައި..ޝުކުރޭ ކުރަނީ ލޯބިން ފުރިހަމަ މިނިވަން ބަޔަކަށްވީތީ" މިނިވަން ޖައްވެއް އޮތްތީ ކޮންމެ ދިވެއްސެއްގެ ޝުކުރުވެރިވާން ހަނދާންކޮށްދެއެވެ.

މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަ ކުރަމުން އައި ބޯޅަދަނޑުގައި އާއި ޖުމްހޫރީ މައިދާނު އަދި އާޓިފިޝަލް ބީޗްގަ އެވެ. ހަނދާން ހުންނަން ފެށީއްސުރެ މިހެން މިކަން އޮތެވެ. ސްކޫލްތަކުގެ ކުދިންގެ ހާއްސަ ހުށެހެޅުންތަކާއި އެކުއެވެ. މިއަހަރުގެ މި ކުޅިވަރުތައް ނެތަސް މީގެ ކުރިން ސްކޫލްތަކުން ހުށަހަޅާދީފައިވާ މި ލަވަތަކުން އެ ހަނދާން އާ ކޮށްލަންވެސް ސަޅިއެވެ.

އަމީނިއްޔާ ސްކޫލްގެ ހުށަހެޅުމެއް - 2004

އަމީނިއްޔާ ސްކޫލް ހުށަހެޅުމެއް - 2004

އަމީނިއްޔާ ސްކޫލްގެ 150 ދަރިވަރުން ހުށަހަޅާދޭ ބަނޑިޔަލުގެ މި ލަވައަކީ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން 2004 ވަނަ އަހަރު އެ ސްކޫލް އިން ހުށަހަޅާދިން ފުރިހަމަ ހަރަކާތެކެވެ. ލަވައިގެ ބީޓް އަވަސްވެ ބަނޑިޔާ ޖަހަމުންދާ އިރު ލަވައިން ބުނެދެނީ ހިއްވަރާއި އެކު ގައުމު ކުރިއެރުވުމަށް ހިދުމަތް ކުރާ މުހިއްމު ވާހަކައެކެވެ.

ތާޖުއްދީން ސްކޫލްގެ ހުށަހެޅުމެއް - 2000

ތާޖުއްދީން ސްކޫލް ހުށަހެޅުމެއް - 2000

ތާޖުއްދީން ސްކޫލް ތުއްތު ދަރިވަރުންތަކެއް ދަނޑި ޖަހައިގެން ހުށަހަޅައިދިން މި ފުރިހަމަ ހަރަކާތަކީވެސް ފުރިހަމަ ހަރަކާތެކެވެ. އަވަސް ބީޓެއްގެ މި ލަވަވެސް ހިތްގައިމެވެެ. މިއީ 2000 ވަނަ އަަހަރު ޖުމްހޫރީ މައިދާން ސަރަހައްދުގައި އެ ސްކޫލްގެ ދެ ޖިންސްގެ ކުދިންގެ ފުރިހަމަ އައިޓަމެކެވެ.

މަޖީދިއްޔާގެ ހުށެހެޅުމެއް - 1998

މަޖީދިއްޔާގެ ހުށެހެޅުމެއް - 1998

މިނިވަން ކަމުގެ އުފަލުގައި މަޖީދިއްޔާ ސްކޫލް ކުދިންގެ މި ހަރާކާތަކީ 2004 ވަނަ އަހަރުގެ ހުށެހެޅުމެކެވެ. އަވަސް ބީޓެއްގެ ރީތި ކޮރިއޯގްރަފީއެއް ހިމެނޭ މި ލަވައިން ކިޔައިދެނީ އެއްބައިވަންތަކަމުގެ ވާހަކައެކެވެ. ދަތުރެއް ކުރާއިރު ވައި ނެތަސް އެއް އޮޑިއެއްގައި ފަލި ޖަހަމުން ދާނަމަ ދަތުރު ނިޔާމަވެ ފަހި ބަނދަރަކަށް ދެވޭނެ ކަމެވެ.