ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

63 މީހަކަށް ފަރުވާދެނީ ހޮސްޕިޓަލްގައި، އެކަކު ވެންޓިލޭޓަރުގައި

ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 63 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލްގައި ކަމަށާ އޭގެ ތެރެއިން އެކަކު ވެންޓިލޭޓަރަށް ލާފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 63 މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަަމަށެވެ. އެކަކު އޮތީ ދަރުމަންތަ ހޮސްޕިޓަލްގައި ގާއިމްކޮށްފައިވާ ކޮވިޑަށް ފަރުވާދޭ ސެންޓަރުގައެވެ. 62 މީހަކަށް ފަރުވާ ދެމުންދަނީ ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ މެޑިކަލް ފެސިލިޓީގައެވެ.

ނަޒްލާ ވިދާޅުވީ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ މީހުންގެ ތެރެއިން އެކަކު ވެންޓިލޭޓަރަށް ލާފައިވާ ކަމަށެވެ. އޭނާއަށް ފަރުވާ ދެނީ މެޑިކަލް ފެސިލިޓީގައެވެ. އެއީ ބިދޭސީއެކެވެ.

ލޮކްޑައުންގެ ހާލަތަށް ލުއި ދިންފަހުން ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ބަޔަކު ދަނީ ކޮވިޑަށް ޕޮޒިޓިވްވަމުންނެވެ. އިއްޔެ އަކީ އެންމެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވީ ދުވަހެވެ. އިއްޔެ އެކަނިވެސް 77 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.

މިއަދުވެސް ކޮވިޑަށް 50 މީހުން ޕޮޒިޓިވްވެފައެވެ. މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 3،302 އަށް އަރާފައެވެ.

މިއަދު ކޮވިޑް ބަލިން އެއްވެސް މީހަކު ރަނގަޅުވެފައެއް ނުވެއެވެ. ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދަކީ 2،534 އެވެ.

މިވަގުތު ފަރުވާގައި ތިބީ 738 މީހުންނެވެ. ކޮވިޑްގައި ރާއްޖެއިން 15 މީހަކު ވަނީ މަރުވެފައެވެ.