ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ނިއު ނޯމަލް: ކަސްޓަމަރުން އެނބުރި އަންނާނެ ބާ؟

މިދިއަ އަހަރުގެ ފަހުކޮޅުން ފެށިގެން މުޅި ދުނިޔެ ކުރިމަތިލާން ޖެހިފައިވާ ކޮވިޑު-19 އިގެ ނުރައްކާތެރި "ބޮޑު ރާޅާ" އެކު ދުނިޔޭގެ ކަންކޮޅުތަކުގައި ވިޔަފާރި ކުރަމުން އައި އެތައް ވިޔަފާރި ތަކަކަށް ވަނީ ދަތި އުނދަގޫ އެތައް ކަމަކާ ކުރިމަތިލާން ޖެހިފަ އެވެ. ބައެއް ކުންފުނިތަކާއި ބްރޭންޑްތަކުން، މި ހާލަތާއި ގުޅިގެން ގެންނަންޖެހުނު ބަދަލުތައް ގެނެސް ކާމިޔާބީއާއި ހަމަޔަށް ދަނީ ވާސިލްވަމުންނެވެ. އަނެއްބައި ވިޔަފާރިތަކުން ވަނީ ކާމިޔާބާއި ހަމަޔަށް ވާސިލްވުމަށް ނުކުޅެދިފަ އެވެ. ކޮންމެއަކަސް މިހާލަތާއި ގުޅިގެން ވިޔަފާރިތަކަށް ގެނެވުނު ބައެއް ބަދަލުތަކަކީ ދެމިގެންދާނެ ބަދަލުތަކަކަށް ވާނެ ކަމަށް މިހާރު މިވަނީ ބެލެވެން ފަށާފައެވެ.

އެއްކޮޅުން، ކޮވިޑުގެ ކުރިން މާކެޓްތަކާއި އެކި ސެގްމެންޓްތަކުގެ ޑިމާންޑްތައް ފަސޭހަ ކަމާއިއެކު ކޮންޓްރޯލް ކުރަމުންދިޔަ ކުންފުނިތަކާއި ބްރޭންޑްތައް މިހާރު ދަނީ ބިޔަ ރާޅުތައް ނަގާފައިވާ މާސިންގާ ކަނޑުގައި މިސްރާބު ކަށަވަރު ނުވާ ދަތުރެއް ކުރަމުންނެވެ. އަނެއްކޮޅުން، މިފަދަ ވިޔަފާރިތަކުން އާއްމުކޮށް ވިޔަފާރިކުރި ފަރާތްތަކުން ވަނީ އެތަށް ނުތަނަވަސް ކަމަކާ ކުރިމަތިލާން ޖެހިފައެވެ.

ބޭނުންވާ ތަކެތި ނުފެނި އޯޑަރުކުރުމުން ޑެލިވާ ކުރާނީ ބޭނުންވާ ޕްރޮޑަކްޓް ކަމާމެދު ޔަގީންކަމެއް ނެތުމާއި، ތަރުކާރީއާއި މޭވާފަދަ ތަކެތި އަމިއްލަޔަށް އިހްތިޔާރު ނުކޮށް އެހެން ބަޔަކު ފޮނުވާހާ އެއްޗަކަށް ބަރޯސާވާން ޖެހުމުން އުފެދޭ ޝައްކާއި ނުތަނަވަސްކަން ތަހައްމަލު ކުރާނެ ގޮތަކާއި މެދުގަ އެވެ.

ކޮވިޑް-19 އިގެ ނިއު ނޯމަލްގެ މި ހާލަތުގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް މާކެޓްކުރާ އެންމެންހެން މިހާރު ކުރަމުންދާ ސުވާލަކީ ކުރީގެ ކަސްޓަމަރުން އެނބުރި އަންނާނެތޯ ކުރާ ސުވާލެވެ. މި ސުވާލު އުފައްދަނީ ހަމައެކަނި ބޭރުގެ ބޮޑެތި ވިޔަފާރިތަކުން އެކަންޏެއް ވެސް ނޫނެވެ. ރާއްޖޭގެ ކުދިކުދި ވިޔަފާރިތަކުން ވެސް މި ސުވާލު އުފައްދަ އެވެ.

ދުނިޔޭގެ ބޮޑެތި ފުޓްބޯޅަ ލީގުތަކުން މި ސުވާލު އުފައްދާއިރު ރާއްޖޭގެ ލޯކަލް މާރުކޭޓުގެ ގޮޅިތައް ހިންގާ ފަރާތްތަކުން ވެސް އުފައްދަނީ ހަމަ މިސުވާލެވެ. ފުޓްބޯޅަ ކްރޭޒީ ފޭނުން އެމީހުންގެ އަމިއްލަ ފުރާނަ ގުރުބާންކޮށްފައި ދަނޑަށް ދާނެތޯ ދުނިޔޭގެ ބޮޑެތި ގައުމު ތަކުން ސުވާލު އުފައްދާއިރު، ގެ ކައިރިން ތަރުކާރީއާއި މޭވާގެ ބާވަތްތައް ހަމައެއް އަގެއްގައި ލިބެންހުއްޓާ ބާޒާރަށް ބަޔަކު ދާންޖެހޭ ސަބަބަކީ ކޮބާއިތޯ ލޯކަލްމާކެޓްގެ ގޮޅިތައް ހިންގާ ފަރާތްތަކުން ދަނީ ސުވާލު ކުރަމުންނެވެ.

މި ދަތި އުނދަގޫ ޙާލަތުން އަރައިގަތުމަށް ވިޔަފާރިތަކުންދަނީ ނުހަނުގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ތަފާތު ޑިޖިޓަލް ޗެނަލްތަށް މެދުވެރިކޮށް ވިޔަފާރިތަށް އޮންލައިން ކުރުމާއި، ފިޒިކަލް ސްޓޯރުތައް ބަންދުކޮށް ޑެލިވަރީގެ ޚިދުމަތް ފޯރުކޮށްދިނުމާއި، ސަޕްލައިޗެއިން ރަނގަޅުކޮށް ހިދުމަތާއި މުދާ ހޯދާ ފަރާތްތަކަށް ފަސޭހަ ކަމާއިއެކު އަވަސް ހިދުމަތް ދެވޭނެ އިންތިޒާމުތަށް ދަނީ ގާއިމު ކުރަމުންނެވެ.

ޒަމާނީ ވަސީލަތްތަކާއެކު ގިނަ ވިޔާފާރިތަށް އޮންލައިން ވިޔަފާރިތަކަށް ބަދަލުވާއިރު ހިދުމަތް ފޯރުކޮށްދިނުމަށް "ރޮބަޓް" ތައާރަފްކޮށް އާޓިފިޝަލް އިންޓެލިޖެންސް ގެ ބޭނުން ހިފަން ވަނީ ފަށާފައެވެ. އިންސާނުން ބޭނުން ކޮށްގެން އެތައް އިރަކުން ފޯރުކޮށްދެވޭ އެތައް ޚިދުމަތެއް މަދު ސިކުންތު ކޮޅަކުން "ބޮޓު" ބޭނުންކޮށްގެން ކުރެވޭ ގޮތް އަންނަނީ ގާއިމު ކުރަމުންނެވެ. މި ހާލަތުގައި ހިދުމަތް ހޯދާ ފަރާތްތަކުގެ އިތުބާރު ހޯދުމަށް މިފަދަ ކަންކަމުން ބޮޑެތި ކުރިއެރުންތަކެއް އަންނަނީ ހޯދަމުންނެވެ.

ގިނަ ވިޔަފާރިތަކުން އީޖާދީ އާ ގޮތްތަށް ހޯދާ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަށް އަންނަނީ ތައާރަފު ކުރަމުންނެވެ. މިފަދަ ކޮންމެ ކްރައިސިސް އަކީ އާ އީޖާދުތަކަށް ފުރުސަތު ހޯދާދޭ ހާލަތްތަކެކެވެ. އާ އިޖާދުތައް ތަޢާރަފުކޮށް ކަސްޓަމަރުންނާ ހަމަޔަށް ގެނެސް ދިނުމަކީ މިފަދަ ހާލަތްތަކުގައި އެންމެ ފިޓް ވިޔަފާރިތަކުން ކުރާ ކަމެއްގެ ގޮތުގައި ގިނަ ތަޖްރިބާކާރުން ދެކެއެވެ.

ކޮންމެ އާ އީޖާދަކާއެކު ތަފާތު ގޮންޖެހުން ތަކާވެސް ކުރިމަތިލާން ޖެހެއެވެ. ހާއްސަކޮށް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރެވޭ ކޮންމެ ކަމަކާ ގުޅިގެންނެވެ. އެގޮތުން ފަހަކަށް އައިސް އޮންލައިން ވިޔަފާރިތަކަށް ދެވޭ ހަމަލާތަށް ވަނީ ބޮޑުތަނުން އިތުރުވެފަ އެވެ. ވިޔަފާރިތަކުގެ ޑެޓާބޭސް ތަކާއި ކަސްޓަމަރުންގެ ބޭންކް އެކައުންޓްތައް ހެކް ކުރުމާއި އެހެނިހެން މައުލޫމާތު ތަކުން ވައްކަންކުރުން ފަދަ ކަންކަންވަނީ އިތުރުވެފައެވެ.

އެހެނަސް، ވިޔަފާރިތަކަށް ކުރީގެ ކަސްޓަމަރުން އެނބުރި އައުމާއި ނައުން ބިނާވާނީ އެ ބްރޭންޑެއް ނުވަތަ އެ ޕްރޮޑަކްޓެއް މާކެޓްކުރުމަށް ކުރެވޭ މަސައްކަތް ތަކުގެ މައްޗަށެވެ. ކުރެވޭ މަސައްކަތްތަށް އެއް ސިނާއަތް އަނެއް ސިނާއަތާ ތަފާތުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ނުވަތަ ބައެއް ސިނާއަތްތަކަގެ ވިޔަފާރިތަކަށް ކުރީގެ ކަސްޓަމަރުން (ފިޒިކަލީ) ކޮންމެހެން އެނބުރި ދާކަށް ލާޒިމްވެސް ނުވެއެވެ. ޓެންޖިބަލް ގޫޑްސް އޮންލައިން ޗެނަލްތަކުން ގަނެ އިތުބާރާއެކު ޑެލިވަ ކުރެވެމުން ދާތީއެވެ. އެކަމަކު ގިނަ ޓޫރިޒަމް ޕްރޮޑަކްޓްތަކަކީ ބޮޑުބައި "އިންޓެންޖިބަލް" އެއްޗިއްސެވެ.

ޓޫރިޒަމް ޕްރޮޑަކްޓް ތަކަކީ ފިޒިކަލީ ކަސްޓަމަރު ޒިޔާރަތް ކޮށްގެން ނޫނީ ލިބިގަނެވޭ އެއްޗިއްސަށް ނުވާއިރު، އެފަދަ ވިޔަފާރިތަކާއި ބްރޭންޑްތައް މާކެޓްކުރާ ފަރާތްތަކުން ކުރަންޖެހޭ މަސައްކަތްތަށް ތަފާތުވެފައި ފުރިހަމަވާން ޖެހޭނެ ކަމަށް ބެލެވެ އެވެ. ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅިފައިވާ އެތައްކަމެއް ހިމެނޭތީއެވެ. ކަސްޓަމަރުންގެ އިތުބާރާއި ޔަގީންކަން ކަށަވަރުކުރުން ކޮންމެހެން މުހިންމު ވެފައިވާތީ އެވެ. މާސް ޓޫރިޒަމް ޕްރޮޑަކްޓްތަކުން އައިސޮލޭޓެޑް ޕްރޮޑަކްޓް ތަކަކަށް ބަދަލުވާން ޖެހިފައިވާތީ އެވެ. ނިއުނޯމަލްގެ މި ހާލަތުގައި، އިޖްތިމާއީ ގައިދުރުކަމަކީ ސިއްހީ ގޮތުން އެންމެ ރައްކާތެރި އެއް ގޮތް ކަމުގައި ބެލެވިފައި ވާތީއެވެ.

ރާއްޖެ ފަދަ ފަތުރުވެރިކަމުގެ ސިނާއަތުގެ މައްޗަށް އިގްތިސާދު ބިނާ ވެފައިވާ ގައުމަކުން، ޑެސްޓިނޭޝަން މާކެޓް ކުރުމުގެ މަސައްކަތް އިތުރު ކުރަން ޖެހިފައިވާ މި ހައްސާސް ދަނޑިވަޅުގައި، އެކަށީގެންވާ މަސައްކަތެއް ކުރެވޭ ހެއްޔެވެ؟ ވާދަވެރިންގެ މަސައްކަތާއި އަޅާކިޔާއިރު ގައުމު އިސްތިހާރު ކުރުމުގެ މަސައްކަތް އުޅެނީ ކުރީގައި ހެއްޔެވެ؟ ނުވަތަ ރާއްޖެ އުޅެނީ ދާދި އެއް ހަމައެއްގައި ހެއްޔެވެ؟ ނޫނިއްޔާ ރާއްޖެ އުޅެނީ ފަހަތުގައި ހެއްޔެވެ؟ ރާއްޖެއަށް ކުރީގެ ކަސްޓަމަރުން އެނބުރި އައުމާއި ނައުން ނުވަތަ ކުރިއަށް އޮތްތާގައި އަލަށް ބަޔަކު ޒިޔާރަތްކުރުމާއި ނުކުރުން ގުޅިލާމެހެނީ މި ސުވާލުގެ ޖަވާބާ ކަމުގައި ގަބޫލު ކުރެވެއެވެ.