ސިއްހަތު

މާގިނައިން ސެނިޓައިޒާ ބޭނުން ކުރުމުން ހަމުގެ ބައްޔެއް ޖެހޭ

އަހަރެމެންގެ ކޮންމެ ދުވަހެއްގެ ދިރިއުޅުމުގައި މިހާރު ހޭންޑް ސެނިޓައިޒާ ހާ މުހިއްމު އެއްޗެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ކޮރޯނާވައިރަހުން ސަލާމަތްވުމަށް މިހާރު ކޮންމެ މީހަކުވެސް ދަބަހުގައި އަބަދުވެސް ހޭންޑް ސެނިޓައިޒާ ފުޅިއެއް ބާއްވަ އެވެ. އަދި އިރުއިރުކޮޅުން ސެނިޓައިޒާ ހޭކުމަކީ މިހާރު ވަރަށް ގިނަ ބަޔެއްގެ އާދަ އެކެވެ. ޚާއްސަކޮށް ބޭރުގައި އުޅޭ ވަގުތު ތަކުގަ އެވެ.
ނަމަވެސް ހޭންޑް ސެނިޓައިޒާ އަކީ ވެސް މާ ގިނައިން ބޭނުންކުރާނަމަ އޭގެ ގެއްލުން އިންސާނުންގެ ހަންގަނޑަށް ލިބޭ އެއްޗެކެވެ. އަދި މާގިނައިން ސެނިޓައިޒާ ބޭނުން ކުރުމުން ހަމުގެ ބައްޔެއް ކަމަށްވާ ޑާމަޓައިޓިސް ވެސް ޖެހޭ ކަމަށް ސިއްހީ ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ.

ކިތަންމެ ފައިދާ ހުރި އެއްޗަކަށް ވިޔަސް މާ ގިނައިން ބޭނުންކުރާނަމަ ގެއްލުން ލިބޭނެ ވަރަށް ގިނަ އެއްޗެހި ހުރެ އެވެ. ހޭންޑް ސެނިޓައިޒާ އަކީ ވެސް މިފަދަ އެއްޗެކެވެ. ސެނިޓައިޒާ ހޭކުމުން އަތުގައި ހުންނަ ޖަރާސީމާއި ވައިރަސްތައް ނައްތާލަން އެހީތެރިވީ ނަމަވެސް އަތުގައި ހުންނަ ރަނގަޅު ބެކްޓީރިއާ ވެސް ސެނިޓައިޒާ ހޭކުމުން މަރުވެ އެވެ.

އަލްކޮހޯލް މިންވަރު މަތީގައި ހުންނަ ސެނިޓައިޒާތަކުން ވަރަށް ކާމިޔާބުކަމާއެކު ބެކްޓީރިއާތައް މަރާލަ އެވެ. ނަމަވެސް މާ ގިނައިން ސެނިޓައިޒާ ހޭކުމުން ރަނގަޅު ބެކްޓީރިއާތައް ވެސް ނެތި ޑާމަޓައިޓިސް ފަދަ ހަމުގެ މައްސަލަތައް ކުރިމަތިވާ ކަމަށް ހަމުގެ ތަޖުރިބާކާރުން ބުނެ އެވެ.

ޑާމަޓައިޓިސްގެ އިތުރަށް ވެސް ސެނިޓައިޒާ ބޭނުންކުރުމުން އަތްތިލަ މާ ބޮޑަށް ޑްރައި ވުމާއި އަތް ތިލައިން ދިލަ ނެގުމާއި ރަތް ވުން އަދި ހަންގަނޑު ކަނޑައިގެން ގޮސް ލޭ އައުން ފަދަ މައްސަލަތައް ވެސް ދިމާވާ ކަމަށް ވެއެވެ.

އިންޑިޔާގެ ނިއުދިއްލީގައި ހުންނަ ސްކިންކިއޯ ކްލިނިކްގެ ހަމުގެ ޚާއްސަ ޑޮކްޓަރު އަދި ހެއާ ޓްރާންސްޕްލާންޓް ސާޖަން ޑރ. ބީއެލް ޖަންގިދު އިންޑިޔާގެ ނޫހަކަށް ދެއްވި އިންޓަވިއު އެއްގައި ވިދާޅުވެފައިވާ ގޮތުގައި ސެނިޓައިޒާ ހާކާއިރު ވިސްނާލަން ޖެހޭ މުހިއްމު ކަންތައްތަކެއް ހުރެ އެވެ.

އޭގެ ތެރެއިން އެއް ކަމަކަށް ޑޮކްޓަރު ވިދާޅުވީ ވީހާވެސް މަދުން ސެނިޓައިޒާ ބޭނުން ކުރުމެވެ. ކުޑަ އެތިކޮޅެއް ހާކާލިޔަސް އަތުގައި ހުންނަ ބެކްޓީރިއާތައް މަރުވާކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ ނަމަވެސް ގިނަ ގިނައިން ސެނިޓައިޒާ ބޭނުންކުރުމުގެ ހަމުގެ މައްސަލަތައް ޖެހުމަށް މަގު ފަހިވާނެ އެވެ. އެހެންވީމާ އަތް ދޮވެވެން އޮތް ކޮންމެ ހާލަތެއްގައި ސެނިޓައިޒާ ބޭނުން ނުކޮށް އަތް ދޮވެލަން އޭނާ އިރުޝާދު ދެއްވި އެވެ.

ސެނިޓައިޒާ ހޭކުމުން އަތުގެ ހަމަށް ބޭނުންނުވާ މިންވަރަކަށް ކެމިކަލްތައް އަތުގައި ހޭކޭނެ އެވެ. ސެނިޓައިޒާގައި ބޭނުންކޮށްފައި ހުންނަ ހަންގަނޑާ ނުގުޅޭ އެތައް ކެމިކަލެއްގެ ސަބަބުން ހަމަށް ގެއްލުން ވެއެވެ. އެކި މީހުންގެ ހަންގަނޑު އުފެދިފައި ހުންނަނީ އެކި ގޮތަށް ކަމަށާއި ބައެއް ކަހަލަ ކެމިކަލްތައް ބައެއް ވައްތަރުގެ ހަންގަނޑު ހުންނަ މީހުންނާ އެއްގޮތަކަށް ވެސް ނުގުޅޭކަން ޑޮކްޓަރު ފާހަގަ ކުރެއްވި އެވެ. އެހެންވީމާ ސެނިޓައިޒާ ބޭނުންކުރާއިރު ވީހާވެސް މަދެއްކޮށް ބޭނުންކުރުން ރަނގަޅުވާނެ ކަމަށް ވެސް ޑޮކްޓަރު ވިދާޅުވި އެވެ.

އަދި ސެނިޓައިޒާ ބޭނުންކުރާތާ ގިނަ ދުވަސްވުމުން ހަން ފޮޅި ހަމުގެ ބައްޔެއްގެ ނިޝާންތައް ފެންނަން ފަށައިފިނަމަ ސެނިޓައިޒާ ބޭނުންކުރުން ދުވަސްކޮޅަކަށް މުޅިން ހުއްޓާލުމަށް ވެސް ޑޮކްޓަރު އިރުޝާދު ދެއްވި އެވެ. އަދި މޮއިސްޗަރައިޒިން ކްރީމް ނުވަތަ ހީލިން ކްރީމެއް އުނގުޅަން އާދަކުރުމުން ހަމުގެ މައްސަލަތަކަށް ފަސޭހައިން ހައްލު ލިބޭނެކަމަށް އޭނާ ވިދާޅުވި އެވެ.

ހޭންޑް ސެނިޓައިޒާ އަށް ވުރެ ހުރިހާ ގޮތަކުން ވެސް ސައިބޯންޏާއި ފެން ރަނގަޅު ކަމަށް ވެސް ޑޮކްޓަރު ވިދާޅުވި އެވެ. އަދި އެލާޖީ ރިއެކްޝަނެއް އައުމުން ދުރުވުމަށް ވެސް ސެނިޓައިޒާގެ ބަދަލުގައި އަތް ދޮންނަން އާދަކުރުން ރަނގަޅުކަމަށް އޭނާ ވިދާޅުވި އެވެ.
އަދި ރަނގަޅަށް ސައިބޯނި ލައިގެން އަތް ދޮވެވެން ނެތް ހާލަތުތަކުގައި ވެޓް ވައިޕްސް ވެސް ބައެއް ފަހަރަށް ބޭނުން ކުރެވިދާނެކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

ގައިންގަޔަށް އަރާ ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރެމުންދާއިރު ހޭންޑް ސެނިޓައިޒާގެ މުހިއްމުކަން ބޮޑުކަމަށް ހުރިހާ ޑޮކްޓަރުން ވެސް އެއްބަސްވެ އެވެ. ނަމަވެސް އެ ބޭނުންކުރުމުގައި ވެސް ކޮންމެވެސް ކަހަލަ ހިފެހެއްޓުމެއް ގެންގުޅެން ޖެހެ އެވެ. ހަމުގެ މައްސަލަތައް ދިމާވަނީ މާގިނައިން ބޭނުންކުރާތީ އެވެ.