ސެމްޕްޑޯރިއާގެ މައްޗަށް 2-1 އިގެ ނަތީޖާ އަކުން މޮޅުވެ، ޖެހިޖެހިގެން ނުވަ ވަނަ ފަހަރަށް އިޓާލިއަން ލީގްގެ ޗެމްޕިއަންކަން ޔުވެންޓަސް ހޯދައިފި އެވެ.
ޔުވެންޓަސްގެ ފުރަތަމަ ލަނޑު ހާފް ޓައިމްއަށް މެދުކަނޑާލުމުގެ ކުރިން ކާމިޔާބު ކުރީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ސޭމްޕްގެ އޭރިއާގެ ބޭރުން ޔުވެންޓަސް އަށް ލިބުނު ހިލޭ ޖެހުން ފޮނުވާލަން ގޮސް ހުރީ މިރެލެމް ޕިއާނިޗް އެވެ. ގޯލާ އަމާޒުކޮށް ފޮނުވާލުމުގެ ބަދަލުގައި އޭނާ ބޯޅަ ހުރަސް ކޮށްދިނީ ރޮނާލްޑޯ އަށެވެ. އޭނާ ވަނީ އެއް ފަހަރުން އެ ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލާފަ އެވެ.
ދެ ވަނަ ހާފުގައި ވެސް ރޮނާލްޑޯއަށް ވަނީ ލަނޑު ޖަހާނެ އިތުރު ފުރުސަތުތައް ލިބިގެން ގޮސްފަ އެވެ. ޔުވެންޓަސް އަށް ޕެނަލްޓީއެއް ވެސް ލިބުނެވެ. ރޮނާލްޑޯ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލްގެ ހުރަސް ދަނޑިއަށެވެ. އޭގެ ކުރިން ފެޑެރީކޯ ބާނެޑެސްކީ ވަނީ ޔުވެންޓަސްގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ.
ރޮނާލްޑޯ ފޮނުވާލި ބޯޅަ ސޭމްޕްގެ ކީޕަރު އެމިލިއޯ އައުޑޭރޯއަށް ރަނގަޅަށް ދިފާއު ނުކުރެވުމުން އެ ބޯޅަ ދޫވީ އޭޏާގެ ކުރިމައްޗަށެވެ. ދޫވި ބޯޅަ ބާނެޑެސްކީ ވަނީ ދުވެފައި އައިސް ގޯލްގެ ތެރެއަށް ވައްދާލާފަ އެވެ.
ސޭރީ އޭ ގައި އެންމެ ކާމިޔާބު ޓީމަކީ ޔުވެންޓަސް އެވެ. މިއީ އެ ޓީމުން ލީގްގެ ޗެމްޕިއަންކަން ހޯދި 36 ވަނަ ފަހަރެވެ.