ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިނގުރައިދޫ

އިނގުރައިދޫއަށް ދިޔަ ދެ ބިދޭސީއަކު ޕޮޒިޓިވް

Jul 27, 2020

ރ. އިނގުރައިދޫއަށް ދިޔަ ދެ ބިދޭސީއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން އިނގުރައިދޫ ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ހަސަން މިއަދު ވިދާޅުވީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަން އެޗްޕީއޭއިން އެންގި ދެ ބިދޭސީންނަކީ މީގެ 14 ދުވަސް ކުރިން އެ ރަށަށް ދިޔަ ބަންގްލަދޭޝް ދެ މީހުން ކަމަށާއި އެ މީހުން މި ވަގުތު ތިބީ ހޯމް ކަރަންޓީނުގައި ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ދެ މީހުނާއެކު އެ ރަށަށް ދިޔައީ އިތުރު ހަ ދިވެއްސަކު ވެސް ދިޔަ އެވެ. އެ މީހުންގެ ސާމްޕަލް ނަގައި ޓެސްޓް ހެދި އިރު ނަތީޖާ ނެގެޓިވް ވެފައިވެ އެވެ.

ކޮވިޑް-19 އިގެ ރޯގާ ރާއްޖޭގައި ފެތުރުމުން ދާއިރު ބައެއް ރަށްރަށަށް ގޮސް ހޯމް ކަރަންޓީނުގައި ތިބޭ މީހުން އެ ބައްޔަށް ޕޮޒިޓިވް ވެފައިވެ އެވެ. އެ ގޮތުން ރ. އަތޮޅުގެ އިތުރު ދެ ރަށަކުން ވެސް ހޯމް ކަރަންޓީނުގައި ތިބި ބަޔަކު މީގެ ކުރިން ޕޮޒިޓިވްވި އެވެ. އެއީ ދުވާފަރާއި ހުޅުދުއްފާރެވެ.

މިހާތަނަށް ރާއްޖޭން މި ބައްޔަށް 3،302 މީހުން ޕޮޒިޓިވްވެފައިވާއިރު، މިހާރު ރާއްޖޭގައި މި ބައްޔަށް ފަރުވާ ދެނީ ގާތްގަނޑަކަށް 738 މީހުނަށެވެ. މިހާތަނަށް 2،534 މީހުން މި ބަލިން ރަނގަޅު ކުރެވިފައި ވާއިރު ރާއްޖޭގައި މި ބަލީގައި 15 މީހަކު މިހާތަނަށް މަރުވެފައިވެ އެވެ.