ކީލިއަން އެމްބާއްޕޭ

އެމްބާޕޭއަށް ޗެމްޕިއަންސް ލީގް ގެއްލިދާނެ

ކިލިޔަން އެމްބާޕޭއަށް ލިބުނު އަނިޔާ އާ ގުޅިގެން ޗެމްޕިއަންސް ލީގްގައި އޭނާއަށް ކުޅެވިދާނެ ކަމާމެދު ސުވާލު އުފެދިއްޖެ އެވެ.

އެމްބާޕޭގެ ފައިގެ ކުޑަހުޅަށް އަނިޔާވީ، ފްރެންޗް ކަޕްގެ ފައިނަލުގައި، މިދިޔަ ހުކުރު ދުވަހުގެ ރޭ ސައިންޓް އެއިޓިން އާ ދެކޮޅަށް ކުޅުނު މެޗުގައި އެއިޓިންގެ ޑިފެންޑަރު ލޮއިކް ޕިރާން، އެމބާޕޭއަށް ކުރި ނުރައްކާތެރި ފައުލުންނެވެ. އެ ފައުލު ކުރުމުން ޕިރާންއަށް ވަގުތުން ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލި އެވެ. އެމްބާޕޭގެ ބަދަލުގައި ޕެބެލޯ ސަރާބިއާ ކުޅެން އަރަން ވެގެން ތައްޔާރަށް ހުރިއިރު އެމްބާޕޭ ދަނޑުން ފައިބައިގެން ދިޔައީ ރޮމުން ރޮމުންނެވެ.

އިއްޔަ ހެއްދި ސްކޭންތަކުން ދެއްކީ، އެމްބާޕޭ އަނިޔާއިން ރަނގަޅުވާން ތިން ހަފުތާ ހޭދަވާނެ ކަމަށެވެ. އެހެން ވެއްޖެނަމަ ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލުގައި އެޓަލާންޓާ އާ ދެކޮޅަށް ކުޅޭ މެޗުގައި އެމްބާޕޭއަށް ނުކުޅެވޭނެކަން ޔަގީނެވެ.

އަނިޔާއިން ރަނގަޅުވާން ތިން ހަފުތާ ހޭދަވި ނަމަވެސް، ދަނޑަށް ނުކުންނަށް އިތުރު ވަގުތު ބޭނުންވާނެތީ ޗެމްޕިއަންސް ލީގް އޭނާ އަށް ކުޅެވޭނެތޯ ސުވާލު އުފެދެ އެވެ. ކޮރޯނާ ވައިރަސް އާ ގުޅިގެން މާޗް މަހު މެދުކަނޑާލި ޗެމްޕިއަންސް ލީގްގެ ކުޅުން ކްއާޓާއިން ފެށިގެން ކުރިއަށް ދާނީ މިނީ ޓޯނަމަންޓެއްގެ ސިފައިގަ އެވެ. ޕޯޗްގަލްގެ ވެރިރަށް ލިޒްބަންގައި ކުރިއަށްދާ މުބާރާތުގައި ކޮންމެ ސްޓޭޖެއްގައި ކުޅޭނީ އެއް ލެގެވެ.

އެމްބާޕޭ ނުލައި ޕީއެސްޖީން ކުޅެން ޖެހޭނެ އަނެއް މެޗަކީ ފްރާންސް ލީގް ކަޕްގެ ފައިނަލު މެޗެވެ. އަންނަ ހުކުރު ދުވަހު ކުޅޭ މެޗުގައި ޕީއެސްޖީ ނުކުންނާނީ އޮލިމްޕިކް ލިޔޯން އާ ދެކޮޅަށެވެ.