ކުޅިވަރު

ހޮފެންހައިމްގެ ކޯޗަކަށް ބަޔާންގެ ޔޫތު ޓީމު ކޯޗް

ބުންޑެސްލީގާގެ ކުލަބު، ހޮފެންހައިމްގެ ކޯޗަކަށް، ބަޔާން މިޔުނިކްގެ ޔޫތު ޓީމު ކުރީގެ ކޯޗް ސެބާސްޓިއަން ހޯނެސް ހަމަޖައްސައިފި އެވެ.

ހޮފެންހައިމްގެ ކޯޗްގެ މަގަމަށް ހޯނެސް ހަމަޖެއްސިކަން އިއުލާން ކުރަމުން، ކުލަބުގެ ޕްރޮފިޝަނަލް ފުޓްބޯލް ޑައިރެކްޓާ އެލެގްޒެންޑާ ރޮޒެން ބުނީ، ހޯނެސް އާއެކު ކުރިއަށްގެންދިޔަ މަޝްވާރާގެ ތެރެއިން ކުލަބުގެ ވިސްނުމާއި ހޯނެސްގެ ފިލޯސަފީ އެއް މިސްރާބެއްގައި ހުރިކަން ހާމަވެގެން ދިޔަ ކަމަށެވެ.

"ސެބާސްޓިއަން ސާބިތުކޮށް ދީފި ޒުވާން ކުޅުންތެރިން ޑިވްލަޕްކޮށް އިންޑަވިޖުއަލީ މޮޅު ކުޅުންތެރިންނަށް އޭނާއަށް ހެދޭނެކަން،" ރޮޒެން ބުންޏެވެ. "އޭނާ ގެންގުޅެނީ ހަމަލާ އުފެއްދުމުގެ އެޕްރޯޗެއް، އެކަން އެކަންޏެއް ނޫން އޭނާ އާ މެދު ޝައުގުވެރިވާ ސަބަބަކީ، އޭނާ ވަނީ ކާމިޔާބު މަސައްކަތަކެއް ކޮށްފަ."

ހޮފެންހައިމް އަކީ، ބުންޑެސްލީގާގައި، ކޯޗެއްގެ ގޮތުގައި ހޯނެސް މަސައްކަތް ކުރާ ފުރަތަމަ ކުލަބެވެ. އެންމެ ފަހުން ބަޔާން މިޔުނިކްގެ ރިޒާވް ޓީމުގައި މަސައްކަތް ކުރި ހޯނެސް،38 ބުނީ ހޮފެންހަމްގެ ފުރުސަތަކީ އޭނާ އަށް އޮތް ބޮޑު ޗެލެންޖެއް ކަމަށެވެ. އެޗެލެންޖުގައި ކުރިއަށްދާން އޭނާ ތައްޔާރަށް ހުރި ކަމަށް ބަޔާން މިޔުނިކަށް ކުރިން ކުޅުނު ޑިއެޓާ ހޯނެސްގެ ދަރިފުޅު ސެބާސްޓިއަން ހޯނެސް ބުންޏެވެ.

ކުޅުންތެރިޔެއްގެ ގޮތުގައި ސެބާސްޓިއަން ހޯނެސް އަކީ ސީނިއާ ލެވަލްގައި މާބޮޑު ޕްރޮފައިލެއް އޮތް މީހެއް ނޫނެވެ. އޭނާ ވަނީ ޔޫތު ލެވަލްގައި ހޮފެންހަމްގެ ޒުވާން ޓީމަށް ކުޅެފަ އެވެ. އޭނާގެ ބޮޑުބޭބެ އޫލީ ހޫނެސް އަކީ ބަޔާންގެ ކުރީގެ ރައީސް އެވެ.