ކުޅިވަރު

ނިއުކާސަލްގެ ސައުދީ ބިޑަށް ޖަވާބެއް ނެތް؟

ސައުދީ އަރަބިއާގެ ސޮވްރިން ފަންޑަށް ނިއުކާސަލް ޔުނައިޓެޑް ވިއްކާލުމަށް އެ ކުލަބުގެ މިހާރުގެ ވެރިން އެއްބަސްވެފައިވާ ބިޑަށް ހަތަރު މަސް ވީއިރުވެސް ޖަވާބެއް ލިބިފައި ނުވާތީ ނިއުކާސަލްގެ ކޯޗް ސްޓީވް ބުރޫސް ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އިސްނަންގަވައިގެން ސައުދީ ސޮވްރިން ފަނޑުން ހުށަހަޅާފައިވާ 300 މިލިއަން ޕައުންޑްގެ މުއާމަލާތަށް ނިއުކާސަލްގެ ޗެއާމަންގެ މަގާމު އަދާ ކުރަމުން އަންނަ މައިކް އެޝްލީ ވަނީ އެއްބަސްވެފަ އެވެ.

މައިކް އެޝްލީ އާއި ކުލަބު ގަތުމަށް ހުށަހަޅާފައިވާ ކޮންސޯޓިއަމް އާ ދެމެދުގައި ލިޔެކިޔުންތަކުގައި ސޮއި ކުރުމަށް ފަހު، ކުލަބުގެ މިލްކިއްޔާތު ގާނޫނީ ގޮތުން ބަދަލު ކުރުމަށް ޕްރިމިއާ ލީގަށް ހުށަހަޅާފައިވާތާ މިހާރު ހަތަރު މަސް ވަނީ ވެފަ އެވެ. އަދި މިހާތަނަށް އެކަން ހިނގަމުންދާ ގޮތުގެ އެއްވެސް މައުލޫމާތެއް ޕްރިމިއާ ލީގްގެ ވެރިންގެ ފަރާތުން ދީފައެއް ނުވެ އެވެ.

އިނގިރޭސި ޑޮމެސްޓިކް ސީޒަން ނިއުކާސަލްއަށް ވަނީ ނިމިފަ އެވެ. އަންނަ ސީޒަނަށް ތައްޔާރުވުމުގެ މަސައްކަތް ކުރިމަތީގައި އޮތް އިރު ކުލަބުގެ އޯނާޝިޕާމެދު ވާނެ ގޮތެއް ނޭނގޭތީ ކަންބޮޑުވާކަން ބުރޫސް ވަނީ ހާމަކޮށްފަ އެވެ.

"އަހަންނަށް ޔަގީން ކުލަބަށް ރަނގަޅު ގޮތްވާން އެންމެން ވެސް ބޭނުންވާނެ ކަން،" ބުރޫސް ބުންޏެވެ. "އަހަރެން ކުރިންވެސް ބުނަމުން އައި ފަދައިން އަހަރެމެން ބޭނުންވޭ މިހާރު އޮތް މަރުހަލާއެއް ސާފުކޮށް އެނގެން، އޮނާޝިޕް ބަދަލުވާން ނެތަސް އަކަން ވެސް އެބަޖެހޭ ވީއެންމެ އަވަހަކަށް އެނގެން."

ސައުދީގެ ސޮވްރިން ފަންޑުން ހުށަހަޅާފައި ވަނީ ކުލަބުގެ 80 ޕަސެންޓް ހިއްސާ ގަތުމަށެވެ. ބާކީ 20 ޕަސަންޓްގެ ތެރެއިން 10 ޕަސަންޓް ގަންނަނީ އިނގިރޭސި ވިލާތުގެ އަންހެން މަހުޖަނެއް ކަމަށްވާ، އަމަންޑާ ސްޓޭވްލީގެ ޕީސީޕީ ކެޕިޓަލްއިންނެވެ. އަނެއް 10 ޕަސަންޓްގެ ހިއްސާ ގަންނަނީ އިނގިރޭސި ވިލާތުގެ އެންމެ މުއްސަނދި އާއިލާ ރިއުބެން ބްރަދާސް އެވެ.

ސައުދީގެ ބިޑް ބަލައި ނުގަތުމަށް އެމެނެސްޓީ އިންޓަނޭޝަނަލްއިން ވަނީ ޕްރިމިއާ ލީގަށް ގޮވާލާފަ އެވެ. އެމެނެސްޓީން ނަގާ އެންމެ މުހިންމު މައްސަލައަކީ އިންސާނިއްޔަތާ ހިލާފަށް ސައުދީން ހިންގާ ކަންތައްތަކެވެ. އިސްތަންބޫލްގެ ސައުދީގެ ކޮންސިއުލޭޓްގައި މަރާލާފައިވާ ނޫސްވެރިޔާ ޖަމާލް ހޮޝްގްޖީގެ މަރުގެ ޒިންމާ ސައުދީ ސަރުކާރުން އުފުލަން ޖެހޭނެ ކަމަށް އެމެނެސްޓިން ބުނެ އެވެ.

ޕްރިމިއާ ލީގްގެ ބްރޯޑްކާސްޓިން ޕާޓްނަރެއް ކަމަށްވާ، ގަތަރުގެ ބީއިން ސްޕޯޓްސްއިން ވެސް ވަނީ ސައުދީގެ ބިޑް ބަލައި ނުގަތަުމަށް ޕްރިމިއާ ލީގަށް ގޮވާލާފަ އެވެ. ބީއިން ސްޕޯޓްސްއިން ފާހަގަ ކުރާ މައްސަލައަކީ ގަވައިދާ ހިލަފަށް ސައުދީގައި ޕްރިމިއާ ލީގް ދެއްކުމެވެ.

ޕްރިމިއާ ލީގުން ސައުދީގެ ބިޑަށް ނޫނެކޭ ބުނެފިނަމަ، ނިއުކާސަލް ގަންނަން އެމެރިކާގެ މަހުޖަނެއް ކަމަށްވާ ހެންރީ މައުރިސް ހުންނެވީ ތައްޔާރަށެވެ. އޭނާގެ ފަރާތުން ނިއުކާސަލްގެ ވެރިންނަށް ވެސް އެކަމަށް އިޝާރާތް ކޮށްފައިވެއެވެ. އޭނާ އަމިއްލަ ވިޔަފާރި ކްލިއާ ޓީވީ އަކީ އެމެރިކާގެ އެއާޕޯޓްތަކާށާއި ހޮސްޕިޓަލްތަކަށް ބްރޯޑްކާސްޓިން ހިދުމަތް ފޯރު ކޮށްދޭ ކުންފުންޏެކެވެ. މައުރިސް ވަނީ 2014 ވަނަ އަހަރު އޭނާގެ އަމިއްލަ ކްރެޑިޓް ކާޑު ވިޔާފަރީ ކުންފުންޏެއް އުފައްދާފަ އެވެ.