ލައިފްސްޓައިލް

ނުހިނގުނަސް މޮޅަށް ކިޔަވައިގެން އޮކްސްފޯޑު ޔުނިވަސިޓީއަށް

ޕްރަތިޝްތާ ދެވެޝްވަރް އަކީ ނުކުޅެދުންތެރި ކަމެއްގެ ސަބަބުން އެއްގޮތަކަށް ވެސް ނުހިނގޭ ޒުވާން އަންހެންކުއްޖެކެވެ. ނަމަވެސް ފުރޮޅުލީ ގޮނޑީގައި އިންނަން ޖެހުމަކީ ޕްރަތިޝްތާ ކިޔެވުމަށް ކުރާ މަސައްކަތެއް އެޅޭ ހުރަހަކަށް ނުވި އެވެ. އިންޑިޔާގެ ބިލިއަނަކަށް ވުރެ ބޮޑު އާބާދީގެ ތެރެއިން އޮކްސްފޯޑު ޔުނިވަސިޓީގައި ކިޔެވުމުގެ ފުރުސަތު ލިބުނު ފުރޮޅުލީގޮނޑީގައި އުޅޭ ފުރަތަމަ ދަރިވަރަށް ޕްރަތިޝްތާ ވެފައިވަނީ އޭނާގެ ހިތްވަރާއި އަޒުމުންނެވެ.

ދިއްލީ ޔުނިވަސިޓީގެ ލޭޑީ ޝްރީ ރާމް ކޮލެޖުގައި ކިޔަވަމުންދާ ޕްރަތިޝްތާގެ އެޕްލިކޭޝަން އޮކްސްފޯޑު ޔުނިވަސިޓީން މިހާރު ވަނީ ގަބޫލު ކޮށްފަ އެވެ. އަދި ވަރަށް އަވަހަށް އޭނާ އެ ޔުނިވަސިޓީގައި ކިޔަވަން ފަށާނެ އެވެ.

ހޮޝިއާރްޕޫރުގައި ދިރިއުޅޭ ޕްރަތިޝްތާ އަބަދުވެސް ކިޔެވުމަށް ޚާއްސަ ޝައުގުވެރިކަމެއް ދެއެވެ. އޮކްސްފޯޑް ޔުނިވަސިޓީން އޭނާއަށް ދީފައިވަނީ "ސެޓްފިކެޓް އޮފް އޮފާ" ސޯޝަލް މީޑިއާގައި ޝެއާ ކުރަމުން ޕްރަތިޝްތާ ވަނީ އޭނާ ކިޔެވުމަށް ކުރަމުންދިޔަ މަސައްކަތަށް ލިބުނު މި ކާމިޔާބު މުޅި ދުނިޔެއާ ހިއްސާ ކޮށްފަ އެވެ.

"އޮކްސްފޯޑް ޔުނިވަސިޓީގައި ޕަބްލިކް ޕޮލިސީގެ ރޮނގުން މާސްޓާޒް ޑިގްރީ ހެދުމުގެ ފުރުސަތު އަހަރެންނަށް ލިބުނުކަން އުފަލާއެކު އެންމެންނާ ހިއްސާ ކޮށްލަން ބޭނުން،" ޕްރަތިޝްތާ ކުރި ޓުވީޓެއްގައި ލިޔެފައި ވެއެވެ.

"އައިސީޔޫގައި އޮވެ މަރާ ކުރި ހަނގުރާމައަށް ފަހު އިންޑިއާ އިން އޮކްސްފޯޑަށް ކިޔަވަންދާ ފުރޮޅުލީގޮނޑީގައި އުޅޭ ފުރަތަމަ ދަރިވަރަށް ވުމުގެ ޝަރަފަކީ ހަމަ ޔަގީނުން ވެސް ރޯލާކޯސްޓާ ރައިޑެއް. އަހަންނަށް މި މަސައްކަތުގައި އެހީތެރިވެދިން އެންމެންނަށް ޝުކުރު އަދާކުރަން،" ޕްރަތިޝްތާގެ ޓުވީޓުގައި އިތުރަށް ބުނެފައި ވެއެވެ.

ޕްރަތިޝްތާގެ ހަޔާތުގެ ވާހަކައަކީ ހިތްވަރާއެކު ބޭނުންވާ ކަމެއް ހާސިލުކުރަން މަސައްކަތްކުރާ ކޮންމެ މީހަކަށް ވެސް އަގުހުރި ފިލާވަޅަކަށް ވާނެ އެވެ. ހަޔާތުގައި ދިމާވި ހުރިހާ ދަތި އުނދަގޫތަކަކާ އޭނާ ކުރިމަތިލާފައި ވަނީ ވަރަށް ހިތްވަރުގަދަ ކަމާ އެކުގަ އެވެ. ކިޔެވުމަށްޓަކައި އޭނާ ކުރަމުންދިޔަ މަސައްކަތަށް ހަޔާތުގައި ދިމާވި އެއްވެސް ކަމަކުން ހުރަސް އެޅުނަކަ އޭނާ ނުދިނެވެ.

ޕްރަތިޝްތާ އަކީ އަބަދުވެސް ކިޔެވުމަށް މޮޅު ކުއްޖެކެވެ. އުމުރުން 13 އަހަރުގައި އޭނާ އަމިއްލަ ރަށް ހުޝިޔާރްޕޫރުން ޗަންދީގަޅަށް ދަތުރު ކުރަނިކޮށް އެކްސިޑެންޓަކާ ކުރިމަތިވި އެވެ. އަދި މި އެކްސިޑެންޓްގައި އޭނާގެ ސްޕައިނަލް ކޯޑު ބިންދައިގެން ގޮސް މޭ މަތިން ފެށިގެން ތިރި އެއްކޮށް ވާގި ނެތުނެވެ.

އެހިސާބުން އޭނާގެ ހަޔާތަށް ބޮޑު އިންގިލާބެއް އައެވެ. އައިސީޔޫގައި މަރާ ހަނގުރާމަކުރުމުގައި އޭނާ އެތައް ދުވަހެއް ހޭދަ ކުރުމަށް ފަހު ރަނގަޅުވީއިރު ހިނގާބިނގާވެ އުޅުމުގެ ގާބިލްކަން ވަނީ ގެއްލިފަ އެވެ. ކޮންމެ ތަނަކަށް ވެސް ދާން ޖެހެނީ ފުރޮޅުލީ ގޮނޑީގަ އެވެ. އަމިއްލަ ބާރުގައި އެއްވެސް ކަމެއް ނުކުރެވެ އެވެ. އެހެންވެ ގްރޭޑް 12 ނިމެންދެން އޭނާ ކިޔެވީ ގެޔަށް ޓީޗަރުން ގެނެސްގެންނެވެ.

ނަމަވެސް 12 އިގެ އިމްތިހާތަނަށް ފަހު ގެއިން ބޭރަށް ނުކުމެ ކޮލެޖަށް ގޮސް ކިޔަވަން ބޭނުންކަމަށް ޕްރަތިޝްތާ އޭނާގެ މައިންބަފައިން ކައިރީ ބުންޏެވެ. އަދި އޭނާގެ މައިންބަފައިން ވެސް އެގޮތާ ގަބޫލުވެ އޭނާ ކޮލެޖަށް ވެއްދި އެވެ.

ނުހިނގޭތީ ދިއްލީ ކޮލެޖަކަށް ވައްދައިގެން އެ ރަށަށް އޭނާ ނުފޮނުވަން އާއިލާގެ ގިނަ ބަޔަކު ޕްރަތިޝްތާގެ މައިންބަފައިންނަށް ލަފާ ދިން ނަމަވެސް ޕްރަތިޝްތާ ބޭނުންވާ ގޮތަށް ކިޔަވަން ދިއްލީ އަށް ފޮނުވީ އޭނާގެ މައިންބަފައިންނެވެ.

ދިއްލީ ކޮލެޖުގައި ކިޔަވައި ލިބުނު ނަތީޖާ ރަނގަޅުވުމުން އޮކްސްފޯޑު ޔުނިވަސިޓީގައި ކިޔެވުމުގެ ފުރުސަތު ޕްރަތިޝްތާ އަށް ލިބުނީ އެވެ. އޭނާގެ މި ކާމިޔާބަށް ޕަންޖާބުގެ ޗީފް މިނިސްޓަރު ކެޕްޓަން އަމްރިންދަރް ސިންގް ވެސް ވަނީ މަރުހަބާ ވިދާޅުވެ ހެޔޮއެދުންތައް ފޮނުއްވާފަ އެވެ.

ޕްރަތިޝްތާ ބުނި ގޮތުގައި އޮކްސްފޯޑު ޔުނިވަސިޓީން ކިޔަވައިގެން އޭނާ އެނބުރި އިންޑިޔާ އަށް އައިސް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދިނުމުގެ ޚާއްސަ މަސައްކަތްތަކެއް ކުރަން އޭނާ ވަނީ އަޒުމު ކަނޑައަޅާފަ އެވެ.