ރިޕޯޓް

ރަށު ޓޫރިޒަމް ހުއްޓި، އާއިލާތައް ބިކަ ވުމުގެ ބިރު!

ރާއްޖޭގެ ގެސްޓްހައުސް ސިނާއަތަށް ކޮވިޑް-19 އިގެ ސަބަބުން ވަރަށް ބޮޑަށް އަސަރު ކޮށްފައިވޭ -- ވީޑިއޯ : އާއިމް ޒަމީރު

މީގެ އަހަރުތަކެއް ކުރީގައި ރަށްރަށުގެ އެތެރޭގެ އިގްތިސޯދު ހިފެހެއްޓީ މުޅީން މަސްވެރި ކަމެވެ. މަސްވެރިންގެ މަސައްކަތުންނެވެ. ނަމަވެސް ރަށު ޓޫރިޒަމް ނުވަތަ ގެސްޓްހައުސް ވިޔަފާރި ރާއްޖޭގައި ފުޅާވުމާއެކު މަސްވެރިކަމުގެ މައްޗަށް މި ވިޔަފާރި ގަދަކުރި އެވެ. މެހުމާނުންނަށް ހިދުމަތް ދިނުމުގެ މައްޗަށް ބަރޯސާވެފައިވާ ރާއްޖޭގެ އިގްތިސޯދުގައި ގެސްޓްހައުސް ވިޔަފާރި ފުޅާވި އެވެ. މި ވިޔަފާރި ފެށިގެން އައިރިރު 2009 ވަނަ އަހަރުން ފެށިގެން ބަލާނަމަ މުޅި ރާއްޖޭގައި ހުރީ އެންމެ 462 އެނދެވެ. އޭރު މި ވިޔަފާރިއަކީ ކޮބައިކަން އެނގެނީ މަދު ދިވެއްސަކަށެވެ.

ނަމަވެސް އެނދުގެ އަދަދު މިދިޔަ އަހަރުގެ ނިޔަލަށް 9.000 އަށް މިވަނީ އިތުރު ވެގެން ގޮސްފަ އެވެ. މި ވިޔަފާރި ފުޅާވެފައި ވަނިކޮށް، ކޮވިޑް-19 އިގެ ބަލާއާފާތް ދުނިޔެ އަށް ކުރިމަތިވުމާ ހަމައަށް އެވްރެޖު ގޮތެއްގައި މުޅި ރާއްޖޭގެ އޮކިއުޕެންސީގައި މި ވިޔަފާރި ދިޔައީ މަތިވަމުންނެވެ. ނަމަވެސް މި ބަލި މަޑުކަމާއެކު މުޅި އިގްތިސޯދުގެ އީންޖީނު ހުއްޓި ދިއުމުން މި ވިޔަފާރި އެއްކޮށް "ގަނޑުވި" އެވެ. ނަމަވެސް ބޮޑު ދިގު ބަންދެއްގައި ރާއްޖެ ބޭއްވުމަށްފަހު ބޯޑަރު އަލުން ހުޅުވުމާއެކު މި ވިޔަފާރިއަށް އާ އުންމީދުއާވި އެވެ. ނަމަވެސް ގެސްޓްހައުސް ހުޅުވާނެ ތާރީހު އާއްމު ކުރުމަށް ފަހު، ތާރީހު ބަދަލުވުމާއެކު މިހާރު ވަނީ އަނެއްކާވެސް މާޔޫސްކަން ވެރިވެފަ އެވެ.

"ގެސްޓްހައުސް ވިޔަފާރީގެ ބޮޑު ބަޔަކީ ލޯނު ނަގައިގެން ތަރައްގީ ކޮށްފައިވާ ޕްރޮޕަޓީތައް. ކުޑަ ފައިސާ ކޮޅަކުން ހަދާފައިވާ ތަންތަން. އެހެންވީމަ މި ވިޔަފާރި ނުހުޅުވި ލަސްވާނަމަ ވަރަށް ދަތި ވެގެން ދާނެ. މީގެ ގެއްލުން ވަރަށް ބޮޑު ވެގެން ދާނެ،" ގެސްޓްހައުސް ވިޔަފާރި މާކެޓު ކުރުމުގައި 2012 އިން ފެށިގެން ހަރަކާތްތެރިވަމުން ގެންދާ ޑރ. ހުސެއިން ސަނީ ވިދާޅުވި އެވެ.

ކޮވިޑް-19 އިން ރަށު ޓޫރިޒަމް އަށް ލިބޭ "ތަދު" ބޮޑު ވަނީ ކީއްވެގެން ހެއްޔެވެ؟ މިކަމުގެ ސަބަބުން މި ވިޔަފާރިން ގިނަ ބަޔަކު ދުރަށް ދިއުމަކީ ވެދާނެ ކަމެއް ހެއްޔެވެ؟ މީގެ ސަބަބުން ރަށްރަށުގެ އިގްތިސޯދަށް އަސަރެއް ކޮށްފާނެ ހެއްުޔެވެ؟

ރާއްޖޭގައި މިދިޔަ އަހަރާ ހަމަ އަށް 600 ގެސްޓްހައުސް ހިންގި އެވެ. މި ވިޔަފާރި އެންމެ ބޮޑަށް ފުޅާވެފައިވަނީ ކ. މާފުއްޓެވެ. އެ ރަށުގައި އެކަނި 1،600 އެނދު އެބަހުއްޓެވެ. މީގެތެރޭގައި 100 އެނދުގެ ބޮޑެތި ތަންތަން ވެސް ހިމެނެ އެވެ. އަދި މި ވިޔަފާރި ފުޅާވެގެން ދިއުމުގެ ނަތީޖާއަކީ މި ވިޔަފާރިއާ ގުޅުން ހުރި އެތަށް ވިޔަފާރިއެއް އުފެދިގެން ދިޔަ އެވެ. މީގެ ސަބަބުން ރަށްރަށުގެ ބިމުގެ އަގު މަތިވެގެން ދިޔަ އެވެ. މާފުއްޓަށް އެކަނި ބަލާނަމަ 2013 ގައި ގާތްގަނޑަކަށް 2،000 އަކަފޫޓުގެ ގޯޗެއް 5،000ރ. އަށް ކުއްޔަށް ލިބުނެވެ. ނަމަވެސް މިހާރު ކުލިތައް ވަނީ 80،000ރ. އަށް މަތިވެފަ އެވެ.

މާފުށީގައި 455 އެނދު އޮޕަރޭޓް ކުރާ ކާނި ކުންފުނީގެ ވެރިޔާ، އަބްދުﷲ ނަޝީދު ވިދާޅުވި ގޮތުގައި އަހަރުން އަހަރަށް ރަށުގެ އަގު މަތި ވަމުންދެ އެވެ. ނަމަވެސް ކޮވިޑް-19 އާއެކު މި ވިޔަފާރި އަށް ބޮޑު ގެއްލުމެއް ވެފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"ވަރަށް ބޮޑު ގެއްލުމެއް މިއީ. މީގައި އެންމެ ބޮޑު ގެއްލުމެއް ވަނީ އޯގަސްޓް މަހު ހުޅުވަން ތާރީހު ދީފަ، ކެންސަލް ކުރަން ޖެހުމުން، އޯގަސްޓް މަހަކީ ޓޫރިޒަމްގެ ކުޑަ ސީޒަން [ސަމާ ސީޒަން] އޯގަސްޓް މަހު ގާތްގަނޑަށް ވިންޓަ [ޑިސެމްބަރު] އާ އެއް އަދަދަކަށް ޓޫރިސްޓުން އާދޭ. އެހެންވެ މި ގެއްލުން ބޮޑު ވަނީ،" އަބްދުﷲ ވިދާޅުވި އެވެ.

ހުޅުވިއަސް ގޯސް، ނުހުޅުވިއަސް ގޯސް

އޯގަސްޓް މަހު ނުހުޅުވުވޭތީ ބައެއް ފަރާތްތަކުން ކަންބޮޑުވި ނަމަވެސް މިއީވެސް އެއްގޮތަކުން "ނަސީބެ" ގެ ގޮތުގައި ބުނެވިދާނެ އެވެ. ސަބަބަކީ ރާއްޖޭގައި ކޮވިޑް-19 އިގެ ބަލި މައިތިރިވުމެއް ނެތި ފެތުރެމުން ދިއުމެވެ. ކޮވިޑް-19 އަށް އިއްޔެ އެކަނި 130 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި ނިމިދިޔަ ހަފުތާގައި ޕޮޒިޓިވް ކޭސްތަކުގެ އަދަދު އުޅެނީ 200 އިން މަތީގަ އެވެ. މިހާރު އޮތް ބިރަކީ ކޮމިއުނިޓީ ސްޕްރެޑް ދެވަނަ ރާޅެއްގެ ގޮތުގައި ބަދަލުވުމެވެ. އެހެންވެ، ގެސްޓްހައުސް ވިޔަފާރިއަށް ކުރިމަތީ އޮތް ދެ ގޮތަކީ ވެސް "މަރު" ކަމަށް މާހިރުން ގަބޫލު ކުރައްވަ އެވެ. މި ހާލަތުގައި ހުޅުވާލައިފިނަމަ ރަށްރަށަަށް މި ބަލި އިތުރަށް ދިއުމުގެ ފުރުސަތު އޮންނާނެ އެވެ. ނުހުޅުވާނަމަ ގިނަ ބަޔަކު "ފަގީރު" ވެ ބިކަވުމުގެ ނުރައްކާ ވެސް އެބައޮތެވެ. އެތައް ވިޔަފާރިއެއް ބަނގުރޫޓު ވެގެންދާނެ އެވެ.

ގައުމީ ޔުނިވާސިޓީ އިން ކޮވިޑް-19 އާ ގުޅިގެން ހެދި ދިރާސާ އަކުން ދައްކާ ގޮތުގައި ބޯޑަރު ބަންދު ކުރުމުން 44 ޕަސެންޓް މީހުން އާމްދަނީ އަށް އަސަރު ކުރި އެވެ. އަދި ކޮންމެ ދިހަ ވިޔަފާރި އަކުން ފަސް ވިޔަފާރި އަށް ބޮޑެތި ގެއްލުންތަކެއްވި އެވެ. މިގޮތުން އެންމެ ބޮޑު އިމްޕެކްޓެއް ކުރި އެއް ބަޔަކަށް ގެސްޓްހައުސްތައް ވާނެ އެވެ.

ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން ލަފާ ކުރީ ކޮވިޑް-19 ގެ ސަބަބުން ކުރިއަށް އޮތް ހަ މަސް ތެރޭ ގެސްޓްހައުސް ތަކަށް ލިބޭ ގެއްލުން 30 މިލިއަން ޑޮލަރު ގާތްގަނޑަކަށް 462 މިލިއަން ރުފިޔާ އަށް އަރާނެ އެވެ.

މާފުށީގައި ފުރަތަމަ ގެސްޓްހައުސްއެއް ރަޖިސްޓްރީ ކުރި ވައިޓް ޝެލްގެ ވެރިޔާ، އިސްމާއިލް ނަސީރު ވިދާޅުވި ގޮތުގައި އޯގަސްޓް މަހު ހުޅުވަން ކުރިން ބުނުމުން ބުކިން ވެސް ލިބިފައިވެ އެވެ. އެހެންވެ، މުވައްޒަފުން ވެސް ހިފަހައްޓައިގެން ހިންގަމުން ދިޔަ އެވެ.

"އެޕްރީލް، މެއި ޖޫން، ޖުލައިގައި މުސާރަ ދީ ރެންޓް ވެސް ދެއްކިއްޖެ، މިކަން ކުރީ ސަރުކާރު ފައިނޭންޝަލް އެހީ ވެސް ލިބިގެން. އެކަމަކު ސަރުކާރުގެ ފައިނޭންޝަލް އެހީއަކީ ލޯނެއް، އޭރު އުންމީދު ކުރެވުނީ އޯގަސްޓް މަހަށް. އެކަމަކު މިހާރު އެ އުންމީދު ވެސް އެ ދިޔައީ،" ނަސީރު ވިދާޅުވި އެވެ.

އަބްދުﷲ ވިދާޅުވި ގޮތުގައި އެ ކުންފުނިން ވެސް ބީއޯސީ އިން ލޯނު ނަގާފައިވެ އެވެ. ނަމަވެސް އެ ލޯނު ޑިސެމްބަރު މަހަށް ފަސްކޮށް ދީފައިވުމަކީ ލިބޭ ވަގުތީ ހިތްހަމަ ޖެހުމެކެވެ.

"އަޅުގަނޑުމެން ސޭފް ޒޯންގައި މިއޮތީ މިވަގުތު، އެކަމަކު މިކަން ގޯސްކޮށް ގޮސް ޖެނުއަރީ މަހާ ހަމައަށް ހިނގައްޖެނަމަ ވަރަށް ބޮޑު ގެއްލުމެއް ވާނެ،"

ދެވޭނީ ކޮން އެހީއެއް؟

ގެސްޓްހައުސް ވިޔަފާރިތަކުގެ ލޯނުތައް ފަސްކޮށްދީފި އެވެ. ފެން ބިލް ފަސްކޮށްދީފި އެވެ. ދެން ގެސްޓްހައުސް ވިޔަފާރިއަށް ދެވޭނީ ކޮން އެހީއެއް ހެއްޔެވެ؟ ކުރިމަގުގައި މި ވިޔަފާރީގެ ފޯކާސްޓް ދައްކަނީ ކިހިނެއް ހެއްޔެވެ؟ ގެސްޓްހައުސް ވިޔަފާރި އަލުން ކޮޅަށް ޖަހަން ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟

މި ވިޔަފާރި ކޮޅަށް ޖަހަން އެންމެ ބޮޑު ދައުރެއް އަދާ ކުރެވޭނީ ސަރުކާރަށެވެ. ހާއްސަކޮށް ސެޕްޓެމްބަރު މަހު ނަމަވެސް އަލުން ހުޅުވާލާއިރު ޑިސެމްބަރު މަހުގެ އޮކިއުޕެންސީ ރަނގަޅު ކުރަން އެމްއެމްޕީއާރުސީ އަށް މުހިންމު ރޯލެއް އަދާ ކުރެވިދާނެ އެވެ.

ގެސްޓްހައުސް އެސޯސިއޭޝަންގެ އެކްސޯ މެންބަރެއް ކަމަށްވާ ނިމާދް އިބްރާހިމް ވިދާޅުވި ގޮތުގައި މި ވަގުތު އެމްއެމްޕީއާރުސީން މިވަގުތު މުހިންމު ރޯލެއް އަދާ ކުރެވޭނެ އެވެ.

"މި ވަގުތު އެންމެ ބޮޑު އެހީތެރިކަމެއް ބޭނުންވަނީ އެމްއެމްޕީއާރުސީގެ ފަރާތުން. މި އެހީތެރިކަން ނުލިބި އެކަށީގެންވާ ޕަބްލިސިޓީ ހޯދަން ދަތިވާނެ،" ނިމާދް ވިދާޅުވި އެވެ.

މިހާރު ޔަގީންވަނީ އަންނަ މަހު މި ވިޔަފާރި ނުހުޅުވޭނެ ކަމެވެ. އެހެންވެ އަނެއްކާވެސް އުންމީދު ކުރެވެނީ ސެޕްޓެމްބަރު މަހަށެވެ. ނަމަވެސް މި މުއްދަތާ ހަމައަށް އަންނަންވާއިރަށްވެސް ބަނރޫޓުވެ ސަލާމަތުން ހުންނާނީ ކިތައް ވިޔަފާރިތޯ މިއީ ނޭނގޭ ސުވާލެކެވެ. މި ސުވާލުގެ ޖަވާބު ލިބުން އޮތީ މިބަލިމަޑުކަން ދާ ގޮތަކަށެވެ.