ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ނުރައްކަލުގެ ރަނގަބީލުގެ އަޑު އެބަގަދަވޭ: އަމީން

ކޮވިޑްގެ ހާލަތު އަނެއްކާވެސް ނުރައްކާ ވަމުންދާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަމީން މިހެން ވިދާޅުވީ ކޮވިޑްގެ ބަލި މީހުން ރާއްޖެއިން ފެންނަމުންދާ މިންވަރު އިތުރުވަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާ މިރޭ ކުރެއްވި ޓްވީޓެއްގައެވެ. ލޮކްޑައުންގެ ހާލަތަށް ލުއި ދިން ފަހުން އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވީ މިއަދުއެވެ.

އަމީން ވަނީ އާންމު ހާލަތަށްދާން އެދޭނަމަ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް އެދިވަޑައިގެންފައެވެ. އަދި ވިދާޅުވީ ނުރައްކަލުގެ ރަނގަބީލުގެ އަޑު ގަދަވަމުންދާ ކަމަށެވެ.

އާންމު ހާލަތަށް އެދޭނަމަ މާސްކު އަޅުއްވާ، އެކަކު އަނެކެއްގެ ދުރުމިން ކަށަވަރު ކުރައްވާ. ބައްދަލުވާ އަދަދު މަދުކުރައްވާ. ކޮންމެހެން ނުކުންނަންޖެހޭ ހާލަތުގައި މެނުވީ ނުކުމެވަޑައިނުގަންނަވާ. ނުރައްކަލުގެ ރަނގަބީލުގެ އަޑު އެބަގަދަވޭ
އަބްދުﷲ އަމީން | ހެލްތް މިނިސްޓަރު

އެޗްޕީއޭއިން ދެންމެ ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް 137 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ގިނައީ ދިވެހިންނެވެ. 92 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ ބަންގަލްދޭޝްގެ 1431 މީހަކާއި އިންޑިއާ ނުވަ މީހެއްގެ އިތުރުން ސްރީލަންކާ ހަތަރު މީހުންނާއި ފިލިޕީސް މީހެކެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 3,506 އަށް އަރާފައެވެ.

ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާއިރު، މިހާރު ފެންނަމުން ދަނީ ރާއްޖޭގައި އެ ބަލީގެ ދެވަނަ ރާޅެއް ކަމަށް ބުނުމުގެ ފުރުސަތު ބޮޑު ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގު ވަނީ ވިދާޅުވެފައެވެ.

މިދިއަ އަންގާރަ ދުވަހުން ފެށިގެން، އިއްޔެ އާ ހަމައަށް 370 ކޭސް ވަނީ ފެނިފަ އެވެ. އެ އަދަދުތައް އިތުރަށް ބަލާއިރު، މިދިއަ މަހުގެ ނިޔަލަށް ރާއްޖޭގައި ކޮވިޑު ޖެހުނު ޖުމްލަ އަދަދު ހުރީ 2،367 ގަ އެވެ. ނަމަވެސް، އިއްޔެ އާ ހަމައަށް އެ އަދަދު ވަނީ 3،292 އަށް އަރައިފަ އެވެ. މިއީ އެއް މަސް ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް ހާހެއްހާ ކޭހުގެ އިތުރު ވުމެކެވެ.

އެކަމާ ނަޒްލާ ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުންފާޅު ކުރައްވައިފަ އެވެ. ވިދާޅުވީ އެ 370 ކޭހުގެ ތެރެއިން، 249 މީހުނަކީ ދިވެހިންނަށްވުމުން ސިއްހީ މާހިރުންގެ ކަންބޮޑުވުންތައް ބޮޑު ކަމަށެވެ.

އަދި މިހާރު ބައްޔަށް ޕޮޒިޓިވްވާ ގިނަ މީހުނަކީ ކުރީގެ ކޭސްތަކާ ގުޅުމެއް ނެތް މީހުންކަމަށްވާއިރު، ކޮންޓެކްޓް ޓްރޭސިން ހަދާއިރު، ޕޮޒިޓިވްވާ މީހުންނާ ސީދާ ބައްދަލުވާ މީހުންގެ އަދަދުވެސް އެވަރެޖަށްވުރެ އިތުރުވެފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރައްވަ އެވެ.

"މީގެ މާނައަކީ ގިނަ ބައަކު ބައްޔަށް ހުށަހެޅެމުންދާކަން. އަދި ގިނަ ދިވެހިންނަށް މިހާރު ބަލި ޖެހެމުންދާތީ، އުމުރުން ދުވަސްވީ މީހުން ފަދަ ހައި ރިސްކު މީހުނަށް ބަލި ޖެހުމުގެ ފުރުސަތު މިހާރު ވަރަށް ބޮޑު. އެފަދަ މީހުނަކީ މި ބަލީގައި އެންމެ ބޮޑަށް ފުރާނައަށް ނުރައްކާވާ މީހުން. އެހެންވީމާ މަރުގެ އަދަދު ވެސް އިތުރު ވެގެން ދިއުމަކީ އެކަށީގެންވާ ކަމެއް،" ނަޒުލާ ވިދާޅުވި އެވެ.

"މިދިއަ ޖޫން މަހުގެ ނިޔަލަށް ހުރި އަދަދުތަކާ އަޅާބަލާއިރު، މިހާރު މި ފެންނަނީ ވަރަށް ބޮޑު އިތުރުވުމެއް. އެހެންވީމާ، މިހާރު މި ފެންނަނީ ދެވަނަ ރާޅެއްކަމަށް ބުނުމުގެ ފުރުސަތު ބޮޑު."

ނަޒްލާ އިތުރަށް ވިދާޅުވީ މިހާރު ފެންނަމުންދާ އަދަދުތަކުގެ އިތުރުން، އެހެން އިންޑިކޭޓަރުތައް ވެސް ސިއްހީ މާހިރުން ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ.

"އެ އިންޑިކޭޓަރުތައް އިތުރަށް ގޯސްވެއްޖެނަމަ، ބަލި ފެތުރުން ހުއްޓުވަން ކުރިން އެޅި ބައެއް ފިޔަވަޅުތައް އަލުން އިއާދަކުރަންޖެހިދޭނެ،" އޭނާ އިންޒާރު ދެއްވި އެވެ.