ދުނިޔެ

ސިރިސޭނާ: ޗައިނާ އަށް ބިރެއް؟

ހެލްތު މިނިސްޓަރުކަން ދޫކޮށްލެއްވުމަށް ފަހު މައިތިރިޕަލަ ސިރިސޭނާ ރައީސް މަހިންދަ ރާޖަޕަކްސައާ ދެކޮޅަށް ނިކުމެވަޑައިގަތުމާ އެކު ސްރީ ލަންކާގެ ސިޔާސީ މައިދާން ބަދަލުވެގެން ދާނެ ކަމަށް ބެލެވުނެވެ. ރާޖަޕަކްސަ އަށް ހާސްކަން ގެނުވި އެވެ. އެއީ ހާސްވާން ޖެހޭ ސަބަބެއްކަން މިއަދު މި ވަނީ ހާމަވެފަ އެވެ. އެކުގައި ވަރަށް އަރިސްކޮށް އުޅުއްވުމަށް ފަހު ސިރިސޭނާ މިއަދު އެ ވަނީ ރާޖަޕަކްސަގެ ވެރިކަން ހޯއްދަވައިފަ އެވެ.

ކަންތައް ވެގެން ދިޔަ ގޮތުން ސިރިސޭނާއާ މެދު ބައެއް ފަރާތްތަކުން ޝައްކުކުރެ އެވެ. ލަންކާގައި ޗައިނާގެ ބާރު އާދަޔާ ހިލާފަށް ގަދަވަމުން އަންނާތީ އެމެރިކާ އާއި އިންޑިއާގެ ރޭވުމެއްގެ ތެރެއިން ސިރިސޭނާ ކުރިއަށް ނެރުނު ކަމަށް އެއް ބަޔަކު ދެކެ އެވެ. މި ޝައްކުތަކާ ގުޅުވާ ސަބަބުތަކެއް ވެސް އެބަހުއްޓެވެ.

ސިރިސޭނާ އަކީ ލަންކާގެ ލީޑަރުންގެ ތެރޭގައި ހިމެނިދާނެ މީހެއް ކަމަށް އެމެރިކާ އިން ކުރިން ވެސް ލަފާކޮށްފައިވެ އެވެ. ތުހުމަތުކުރާ މީހުން ބުނާ ގޮތުގައި ސިރިސޭނާ އަކީ އެމެރިކާ އިން ލަންކާގައި ހިންގާ އެހީގެ އޮފީސްތައް މެދުވެރިކޮށް އެމެރިކާގެ މީހެއްގެ ގޮތުގައި ތަމްރީންކޮށްފައިވާ މީހެކެވެ.

ލަންކާގައި ހުންނަ ޔޫއެސްއެއިޑްގެ އޮފީސްތަކަކީ ސީދާ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ބެލުމުގެ ދަށުން ހިންގާ ތަންތަނެވެ. އަދި ޔޫއެސްއެއިޑް އާއި އެމެރިކާގެ މިޝަނުން ވެސް ލަންކާގައި މަސައްކަތްކުރަނީ އެއް ބައެއްގެ ގޮތުގަ އެވެ. މީގެ އިތުރުން މި އިދާރާތަކުން ދަނީ އެހީދޭ ލަންކާގެ ޖަމާއަތްތަކާއި އިޖުތިމާއީ އަދި ސިޔާސީ ކަންކަމުގައި އުޅޭ ފަރުދުންނާ އެކު ވެސް ގުޅުން ބާއްވަމުންނެވެ. މިއީ އެމެރިކާގެ ޚާރިޖީ ސިޔާސަތު ޕްރޮމޯޓްކުރުމުގެ ތެރެއިން އެމެރިކާ އިން ހުރިހާ ގައުމެއްގައި ވެސް ކަންކުރާ ގޮތެވެ. މިގޮތުން އެމެރިކާގެ އިދާރާތަކުން 2005 ވަނަ އަހަރު ވަނީ ލަންކާގެ އަމިއްލަ ޖަމާއަތްތަކާ ވަރަށް ބޮޑަށް ގުޅުން ބަދަހިކޮށްފަ އެވެ. އެމެރިކާ އިން ލަންކާގެ ސިޔާސީ މަސްރަހަށް ގެންނަން ބޭނުންވާ ބައެއް ބަދަލުތަކުގެ ވާހަކަ އާންމުންނާ ހަމަޔަށް ތިލަކުރުމަށް އަމިއްލަ ޖަމާއަތްތަކުގެ ބޭނުން އެމެރިކާ އިން ހިފާފައިވެ އެވެ.

ލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސް ވިދާޅުވަނީ ސިރިސޭނާ ގައުމާ މެދު ދެކެވަޑައިގަންނަވާ ގޮތް ބަދަލުވެގެން ގޮސްފައި ވަނީ 2013 ވަނަ އަހަރު ހާވަޑް ޔުނިވަސިޓީ އަށް ވަޑައިގެންފަހުން ކަމަށެވެ. ރާޖަޕަކްސް އިޝާރާތް ކުރައްވަނީ ހާވަޑް ސްކޫލް އޮފް ޕަބްލިކް ހެލްތުން "ހާވަޑް ހެލްތު ލީޑަ 2013" އެވޯޑް ދިނުމަށެވެ. މީގެ އިތުރުން ލަންކާގައި 2011 ވަނަ އަހަރު ހުންނެވި އެމެރިކާ ސަފީރު ޕެޓްރީޝިއާ ބޫޓެނިސް ލަންކާ ސަރުކާރާ ބެހޭ ގޮތުން ދެއްކެވި ވާހަަކަތަކެއް ސިރިސޭސާ ރާޖަޕަކްސައާ ހިސާބަށް ގެންދެވުމާ އެކު އެމެރިކާ އިން ލަންކާގެ ދާހިލީ ކަންކަމުގެ ތެރެއަށް މާބޮޑަށް ވަންނަ ކަމަށް ވިދާޅުވެ އެ ވާހަކަ މީޑިއާއާ ހަމަޔަށް ވެސް ތިލަކުރެއްވި އެވެ. އެހެންވެ ރާޖަޕަކްސަ އާއި އޭނާގެ ކޯލިޝަނުން ދެކެނީ ލަންކާގައި ބައިބައިވުން އުފައްދަން އެމެރިކާ އިން މަސައްކަތްކުރާ ކަމަށާއި އެކަމުގައި ބޭނުންކުރަނީ ސިރިސޭނާ ކަމަށެވެ.

މި ހުރިހާ ކަމަކަށް ވުރެ ބޮޑަށް، އެންމެ ފަހުގެ ރިޔާސީ އިންތިހާބުގައި ކުރީގެ ސިފައިންގެ ވެރިޔާ ސަރަތު ފޮންސޭކާ ވާދަކުރައްވާނެކަން އިއުލާނުކުރެއްވީ ވެސް އެމެރިކާ އަށް ކުރެއްވި ދަތުރުފުޅަކަށް ފަހުގައިކަން އެއީ އެމެރިކާ އިން ލަންކާގެ ސިޔާސީ ކޮންޓްރޯލް ހޯދަން މަސައްކަތްކުރާ ކަމަށް ތުހުމަތުކުރާ މީހުންނަށް ހެއްކަކަށް ފުދޭ ކަމެކެވެ.

މި ސަރަހައްދުގައި ޗައިނާގެ ބާރުގަދަވަމުން އަންނާތީ އެންމެ ކަންބޮޑުވާ ގައުމަކީ އިންޑިއާ އެވެ. ހަމަ އެއާ އެކު އެމެރިކާ އަކީ އިންޑިއާއާ ގުޅުން ބަދަހި ގައުމެއް ކަމަށް ވެފައި މި ސަރަހައްދުގައި އަދި ދުނިޔޭގެ އެހެން ހިސާބެއްގައި ވެސް ޗައިނާގެ ބާރު ގަދަވުމަކީ އެމެރިކާ އިން އެދޭ ކަމެއް ނޫނެވެ. މިކަމަށް ބަލާއިރު ލަންކާގައި ޗައިނާ އަށް ތާއީދު ނުކުރާނެ އަދި އެމެރިކާ އާއި އިންޑިއާގެ ބަހަށް ކިޔަމަން ވާނެ ވެރިޔަކު ބެހެއްޓުމަކީ އެ ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަމެކެވެ.

ކެމްޕޭނު ތެރޭގައި ވެސް ސިރިސޭނާ އާއި އިދިކޮޅު އިއްތިހާދުގެ ވެރިން ވަނީ ޗައިނާ އިން ލަންކާގައި ކުރާ އެންމެ ބޮޑު އިންވެސްޓްމަންޓް ކެންސަލް ކުރާނެ ކަމަށް ބުނެފަ އެވެ. ޗައިނާ އަކީ ވެސް އެކުވެރިއެެއް ކަމަށާއި އެކަމަކު އިންޑިއާ އަކީ ވެސް އެކުވެރިއެއް ކަމަށާއި އެހެންވެ ދެ ގައުމާ އެކު ހަމަހަމަ ގުޅުމެއް ބާއްވާނެ ކަމަށް ސިރިސޭނާ ވިދާޅުވެފައިވެ އެވެ. އަދި ޗައިނާގެ އިންވެސްޓްމަންޓްތައް ނޫނަސް އިގްތިސާދީ ބޮޑެތި މަޝްރޫއުތަކަށް އާ ސަރުކާރުން ބަދަލު ގެންނާނެކަން ވަނީ ކުރިން ވެސް އިއުލާނުކޮށްފަ އެވެ. އެހެންވެ ރާޖަޕަކްސަގެ ވެރިކަން ވެއްޓުން ވެފައި ވަނީ ސަރަހައްދުގައި ޗައިނާގެ ނުފޫޒަށް ބަދަލު ގެނުވާނެ މުހިންމު ކަމަކަށް ވެގެން ދާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެ އެވެ.