އަބްދުއްރަހީމް އަބްދުﷲ

ހައްޔަރުކުރަން ޖެހޭ ކަމެއް މުޒާހަރާގެ ބައިވެރިން ނުކުރޭ: އަބްދުއްރަހީމް

ހައްޔަރުކުރަން ޖެހޭ ކަމެއް މުޒާހަރާގެ އެއްވެސް ބައިވެރިއަކު ކޮށްފައިނުވާ ކަމަށް އިދިކޮޅު ލީޑްކުރައްވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިދިކޮޅުން މިރޭވެސް ވަނީ މާލޭގައި މުޒާހަރާކޮށްފައެވެ. މިރޭގެ މުޒާހަރާގެ ތެރެއިންވެސް ބައެއް މީހުން ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ޕީއެންސީގެ ކައުންސިލް މެންބަރަކުވެސް ހިމެނެއެވެ.

މިރޭގެ މުޒާހަރާއިން ބަޔަކު ހައްޔަރުކުރުމާއި ގުޅިގެން އަބްދުއްރަހީމް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަބްދުއްރަހީމް ވިދާޅުވީ ހައްޔަރުކުރަން ޖެހޭ ކަމެއް މުޒާހަރާގެ އެއްވެސް ބައިވެރިއަކު ކޮށްފައިނުވާ ކަމަށެވެ.

"އަޅުގަނޑުމެން ފުލުހުންނަކާ ދިމައެއް ނުކުރަން. ފުލުހުންގެ ސަފުތަކެއް ފަޅައެއް ނުލަން،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ބާރުގެ ބޭނުންކޮށް މުޒާހަރާ ރޫޅާލާ، މީހުން ހައްޔަރުކުރަނީ ބިރުދައްކަން ކަމަށެވެ. ނަމަވެސް ބިރަށް ފަހަތަށް ނުޖެހޭނެ ކަމަށް ވިދާޅުވިއެވެ.

"ކިތަންމެ ބިރެއް ދެއްކިނަމަވެސް ރައްޔިތުން ނިކުންނަންޏާ އަޅުގަނޑުމެން ނިކުންނާނަން،"

ގިނަ އަދަދެއްގެ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވަމުންދާއިރު އިދިކޮޅުން މުޒާހަރާ ކުރަމުންދާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކަމާ ގުޅޭގޮތުން އަބްދުއްރަހީމް ވިދާޅުވީ ކޮވިޑްގެ ނަންބަރުތައް މަތިކުރަނީ އިދިކޮޅު ހަރަކާތް ހުއްޓުވަން ކަމަށެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން. އެއީ ކަނޑައެޅިގެން އިދިކޮޅުގެ ހަރަކާތްތައް ހުއްޓުވަން ކުރާ ކަމެއް،"