ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ދަތްދޮޅިއަށް މާސްކް ތިރިކުރުން: ކުރަން ހެޔޮވާވަރުކަމެއް ނޫން

ފޭސް މާސްކަކީ މިހާރު ކޮންމެ މީހަކުވެސް ބޭރަށް ނުކުންނަނަމަ އަޅަން މަޖްބޫރު އެއްޗެކެވެ. ނަމަވެސް ބައެއް މީހުންނަށް މާސްކް ނާޅާ އުޅުން ވެސް ވަރަށް "ކޫލް" ކަމަކަށް ވެއެވެ. ތިމާއަށް ބަލި ޖެހިދާނެތީ ބިރު ނުގަތަސް ގޭގައި ތިބި އުމުރުން ދުވަސްވެފައިވާ މައިންބަފައިންނާއި ކުދި ޅަ ދަރިންނާމެދު ވިސްނާނަމަ ފޭސް މާސްކް ނޭޅުން "ކޫލް" ކަމަކަށް ނުވާނެ އެވެ.

ބައެއް މީހުން މާސްކް އެޅިޔަސް އިރުކޮޅަކުން މީހަކާ ވާހަކަ ދައްކަން ނުވަތަ ސިނގިރޭޓް ބޯން ފަދަ ކަންކަމުގައި މާސްކް ދަތްދޮޅިއަށް ސޮއްސާލާފައި ބާއްވަ އެވެ. ހަގީގަތުގައި މިއީ މާސްކް ނޭޅުމަށް ވުރެ ވެސް ނުރައްކާ ކަމެކެވެ. ސަބަބަކީ މާސްކް އަޅައިގެން ހުއްޓާ އޭގައި އެއްވެސް ވައިރަހެއް ހޭކިފައި ހުރިނަމަ ނުވަތަ ދަތްދޮޅިދަށުން މާސްކް ނުޖެހޭ ހިސާބަށް ވައިރަހެއްގެ އަސަރު ކޮށްފައިވާނަމަ މާސްކް ތިރިކޮށްލުމާއެކު އެ މާސްކަކީ ވެސް ތަޣައްޔަރުވެފައިވާ އެއްޗަކަށް ވެއެވެ. މިފަދަ ވަގުތެއްގައި އަލުން މާސްކް މޫނުގައި އަޅާއިރު އޭގެ އެތެރެ ފުށުގައި ވައިރަސް ހުރުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ކޮންމެ ގޮތެއް ވިޔަސް މާސްކެއް އެޅުމާއި ނޭޅުމުގައި ތަފާތު ހުރިކަން އެންމެ ފުރަތަމަ ކޮންމެ މީހަކުވެސް ގަބޫލުކުރަން ޖެހޭނެ އެވެ. މާސްކަށް ތަބާވެގެން އިރުކޮޅަކުން އެ ދަތްދޮޅިއަށް ސޮއްސާ ނުލައި ނުވަތަ އެ ނުބާލާ ހުރެވޭނީ އޭގެ މުހިއްމުކަން ވިސްނިގެންނެވެ.
ތަޖުރިބާކާރު ޑޮކްޓަރަކު ވިދާޅުވި ގޮތުގައި މާސްކް އަޅައިގެން ހުންނައިރު ކުޑަކޮށް ނޭފަތްމައްޗަށް ބާރުކޮށް ހުންނަނަމަ މާސްކް އެޅިފައި އެހެރީ ރަނގަޅަށެވެ. ނަމަވެސް މައްސަލައަކީ އިރުކޮޅެއް ނުވެ މާސްކް ނޭފަތުން ސޮއްސާލުމެވެ. ދެން އިރުކޮޅެއް ވާއިރަށް އޮންނަނީ ދަތްދޮޅި ދަށުގަ އެވެ.

ޔޭކް ޖެކްސަން އިންސްޓިޓިއުޓް އޮފް ގްލޯބަލް އެފެއާޒްގެ ލެކްޗަރާ ޑރ.ޝޭން ސޮއެ-ލިން ވިދާޅުވި ގޮތުގައި މާސްކް އެޅުމަށްފަހު އެއްގޮތަކަށް ވެސް އޭގައި އަތްލައިގެން ނުވާނެ އެވެ. މާސްކް ރަނގަޅުކުރުމަށް ވެސް އަދި އެނޫން ކަމަކުވެސް މާސްކްގައި އަތްލައިފިނަމަ އެ އެޅުމުގެ މަގްސަދު ގެއްލުނީ އެވެ.

ސަމާލުވާން ޖެހޭ ކަންތައްތައް

  • ނޭފަތް ނުފޮރުވި އިންނަ ގޮތަށް މާސްކް ނޭޅުން
  • ދަތްދޮޅި ހާމަވާ ގޮތަށް ނުބެހެއްޓުން
  • ދޫކޮށް މާސްކް ނޭޅުން
  • ހުރިހާ ހިސާބަކުން ވައި ދައުރުވާ ވަރަށް ދޫކޮށް ނުބެހެއްޓުން
  • ކިރިޔާ ނޭފަތުގެ ކުރި ފޮރުވޭ ވަރަށް މާސްކް ނޭޅުން
  • ދަތްދޮޅި ދަށަށް ނުވަތަ ކަރާ ހަމަޔަށް މާސްކް ތިރި ނުކުރުން

ރަނގަޅަށް މާސްކް އަޅާފައި ހުންނައިރު އެ ހުންނަން ޖެހޭނީ ނޭފަތުގެ ކަށިގަނޑުގައި ރަނގަޅަށް އެޅުވިފަ އެވެ. ކިރިޔާ ލޯ ފެންނަ ވަރަށެވެ. އަދި ދަތްދޮޅިވެސް ރަނގަޅަށް ކަވަރު ވާން ޖެހޭނެ އެވެ. އަދި މޫނުގައި ރަނގަޅަށް މާސްކް ތަތްވާ ވަރަށް ބާރު ވާނެ ފަދަ ގޮތަކަށް ވާ ކޮޅަކުން އައްސާލެވިފަ އެވެ.

މާސްކް އަޅާއިރު މިކަންކަމަށް ސަމާލުވޭ

  • މާސްކް އެޅުމުގެ ކުރިން ރަނގަޅަށް ސައިބޯނި ލައިގެން އަތް ދޮވުން
  • އަޅާއިރު ވެސް އަދި ނަގާއިރު ވެސް ވާކޮޅުގައި ނުވަތަ ލޫޕްގައި އެކަނި އަތްލުން
  • މާސްކްގެ މޫނު މައްޗަށް އިންނަ ބައިގައި އަތް ނުލުން
  • އުސް އިމާރާތްތަކުގައި އުޅޭ މީހުން އެޕާޓްމަންޓަކަށް ވަނުމަށް ފަހު ނޫނީ މާސްކް ނުނެގުން
  • ފޮތި މާސްކް ކޮންމެ ދުވަހަކުވެސް ދޮވެ ރަނގަޅަށް އަވިން ހިއްކުން
  • މާސްކް ނޭޅުމަކީ ވަރަށްމޮޅު މީހުން ކުރާ ކަމެއް ކަމަށް ނުދެކުން

މާސްކަކީ އޭގެ ޒާތުގައި ވަރަށް ކުޑަކުޑަ ރައްކާތެރިކަމެއް ލިބިދޭ އެއްޗެކެވެ. ނަމަވެސް އަތް ދޮވެ ސާފުކުރުމާއި ގައިދުރުކޮށް އުޅުމާއެކު މާސްކް ބޭނުންކުރުމުން އޭގެ ފައިދާ އެތައް ގުނަޔަކަށް އިތުރުވާނެ އެވެ.

ތަޖުރިބާކާރުން ވިދާޅުވަނީ މާސްކް އެޅުމާއި ނޭޅުމުގައި ވަރަށް ބޮޑު ތަފާތެއް ހުރިކަމަށެވެ. މާސްކް އަޅައިގެން ހުއްޓަސް ބަލި ޖެހޭ ކަމަށް ގަބޫލުކުރާ މީހުން ވެސް ގިނަ އެވެ. ބަލި ޖެހިފައިވާ މީހަކު ކައިރީގައި ހުރެފައި ކެއްސާ ކިނބިހި އަޅާ ކަމެއް ކުރާއިރު މާސްކް އަޅައިގެން ހުރި މީހުން ވަށައިގެން ތިބިނަމަ އެމީހުންނަށް ވައިރަހުގެ އަސަރުކުރާލެއް ހަމަ ގައިމުވެސް މަދު ވާނެ އެވެ. ވާހަކައަކީ އެމީހާގެ ހަށިގަނޑަށް އެތެރެވާ ވައިރަހުގެ ލޯޑް މަދު ވާނެ އެވެ. މިއީ މީހާއަށް ބަލި ޖެހި އެ ބަލީގައި ބޮޑުވަރު ވުމާއި ނުވުމުން ބިނާވާ އެއް ކަންތަކެވެ. އެމީހާގެ ހަށިގަނޑަށް ވައިރަސް ވާސިލު ވިޔަސް އެ ވާސިލުވީ މިންވަރު މަދުނަމަ މާބޮޑުވަރުނުވެ އެކަމުން އޭނާ ސަލާމަތްވުމުގެ ފުރުސަތު ބޮޑުވެ އެވެ.