ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމްގެ ގާނޫނީ ވަކީލުންގެ ފަރާތުން ނެރުނު ބަޔާނަކީ ކޮވިޑް-19 އާއި ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ދީފައިވާ އިރުޝާދުތަކާއި ހިލާފަށް ހަގީގަތް އޮޅޭ ގޮތަށް ނެރެފައިވާ ބަޔާނެއް ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު ވިދާޅު ވެއްޖެ އެވެ.
މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލުންނަށް އެ މަނިކުފާނާ ސީދާ ބައްދަލު ވުމުގެ ފުރުސަތު ދީފައި ނުވާތީ އެމަނިކުފާނުގެ ވަކީލުންގެ ފަރާތުން ނެރުނު ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ ހާލަތުގެ ސަބަބުން ކަމަށް ބަޔާންކޮށް މިދިއަ މާޗު މަހުގެ ފަހު ކޮޅުން ފެށިގެން ރައީސް ޔާމީނަށް ގަނޫނީ ވަކީލުންނާ ބައްދަލުކޮށް އެހީތެރިކަން ހޯއްދެވުމުގެ ފުރުސަތު ކަރެކްޝަނުން ހަމަޖައްސައިދީފައި ނުވާ ކަމަށެވެ. އަދި އެކަމަށް ކަރެކްޝަނުން ހުރަސް އަޅަމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ.
މިކަމާއި ގުޅިގެން ފުޅު ވިދާޅުވީ ރައީސް ޔާމިންގެ ވަކީލުންގެ ބައްދަލުވުމަކަށް އެއްވެސް އިރެއްގައި ހުރަސް އަޅާފައި ނުވާނެ ކަމަށާއި ގާނޫނީ ވަކީލުންގެ ފަރާތުން ނެރެފައިވާ ބަޔާނަކީ ހަގީގަތް އޮޅޭ ގޮތަށް ނެރެފައިވާ ބަޔާނެއް ކަމަށެވެ.
ވަކީލުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެންމެ ފަހުން ބޭއްވި ޝަރީއަތުގެ އަޑުއެހުމަށްފަހު ރައީސް ޔާމީނަށް ސީދާކޮށް ބައްދަލު ކުރެވޭނެ ކަން ބަޔާންކޮށް ކަރެކްޝަނުން ވަކީލުންނަށް ސިޓީއެއް ވެސް ފޮނުވި ކަމަށާއި ނަމަވެސް އޭގެ ފަހުން އެމަނިކުފާނާ ބައްދަލު ކުރަން ވެގެން ފޯމު ހުށަހަޅަން ދިއުމުން އެ ފޯމު ބަލައި ނުގަނެ ބައްދަލުވުން ހަމަޖައްސައިދީފައި ނުވާ ކަމަށެވެ.
ވަކީލުންގެ މި ވާހަކަތައް ދޮގު ކުރައްވާ ފުޅު ވިދާޅުވީ ޝަރީއަތުގެ އެ އަޑު އެހުމަށް ފަހު، ވަކީލުން ރައީސް ޔާމީނާއި ބައްދަލު ކުރައްވަން އެދުމުން އެކަން ހަމަޖައްސައިދެއްވާނެ ކަން އެ ސާވިސް އިން އިސްވެ ވަކީލުންނަށް އަންގާފައިވާނެ ކަމަށެވެ. އަދި އެކަން ލިޔުމުން ވެސް ވަކީލުންނަށް ދީފައިވާނެ ކަމަށެވެ.
ކޮވިޑް-19 އާއި ގުޅިގެން އާއިލީ ބައްދަލުވުންތަކާއި ވަކީލުންގެ ބައްދަލުވުންތަކަށް އީމެއިލް މެދުވެރިކޮށް އެދެވޭ ގޮތް ހަމަޖައްސާފައިވާއިރު ވަކީލުން އެ ވިދާޅުވާ ސިޓީ ހަވާލު ކުރެވުނު އިރާއި ކުރެވުނު މުއާމަލާތުގެ ދަށުން ދެން އަމަލު ކުރަންވީ ގޮތް ވަރަށް ސާފުކޮށް ކިޔައި ދީފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
" ވަކީލުން މާލޭ ޖަލަށް ވަޑައިގެން އަމިއްލައަށް ސިޓީ ހަވާލު ކުރައްވަން އެދުމުން ވެސް އަޅުގަނޑުމެން ވާނީ އަމަލު ކުރަންވީ ގޮތް އެބޭފުޅުންނަށް ދަންނަވާފައި. އަޅުގަނޑުމެން އިރުޝާދު ދީފައިވާ ގޮތާއި ހިލާފަށް ބަޔާންތައް ނެރުއްވީމަ އެކަން ހަގީގަތުގަ ވަރަށް ހަރުކަށިކޮށް އަޅުގަނޑު ކުށްވެރިވެސް ކުރަން،" އޭނާ ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ވަކީލުން ނެރުއްވި ބަޔާނުގައި ވަނީ ހައި ކޯޓުން ވެސް އަންގާފައިވާ ގޮތަށް، އަދި ގާނޫނު އަސާސީން ކޮންމެ މީހަކަށް ވެސް ކަށަވަރު ކޮށްދީފައިވާ ވަކީލުންގެ ގާނޫނީ އެހީތެރިކަން ހޯދުމުގެ ހައްގު ރައީސް ޔާމީނަށް ވެސް ލިބިދޭ ގޮތަށް ވަކީލުންގެ ބައްދަލުވުން ހަމަޖައްސައިދީ އެމަނިކުފާނުގެ އެ ހައްގަށް ހުރަސް ނާޅަން ގޮވާލާފަ އެވެ.
ވަކީލު ބައްދަލުވުމުގެ އިތުރުން ރައީސް ޔާމީނަށް ހަބަރު ފަތުރާ ވަސީލަތްތައް ލިބުމުގެ ފުރުސަތު ވެސް މިހާރު ހުއްޓާލާފައިވާ ކަމަށް އެ ބަޔާނުގައި ފާހަގަކޮށް ސްޕެޝަލް ޕްރޮޓެކްޝަން ދޭން ޖެހޭ ގައިދީންނާއި ބަންދު މީހުނާ މެދު އަމަލު ކުރަންވީ ގޮތުގެ އާންމު އުސޫލުގައިވާ ގޮތުން އެ ފަރާތްތަކަށް އެ ފުރުސަތު ހަމަޖައްސައިދޭން ޖެހޭ ކަމަށް ބުނެފައި ވެއެވެ.
މާފުށީ ޖަލުގައި ރައީސް ޔާމީން ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނީ އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގެ ފައިސާގެ ތެރެއިން އެމަނިކުފާނުގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާ ކުރި ކަމަށް ތުހުމަތު ކުރި މައްސަލަ ސާބިތު ކުރުމަށް ފަހު އެވެ. އިދިކޮޅު ޕީޕީއެމް / ޕީއެންސީ އާއި ރައީސް ޔާމީންގއެ ސަޕޯޓަރުން ދެކެނީ އެއީ ބޭއިންސާފު ހުކުމެެއް ކަމަށެވެ.