ރައީސް އަބްދުﷲ ޔާމީން

އިތުރު ލުއިތަކަކަށް ޔާމީން އެދިވަޑައިގަތުމުން އެކަމެއް ނުކޮށްދިން

ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މިހާރު ދީފައިވާ ލުއިތަކުގެ އިތުރުން، އިތުރު ލުއިތަކެއް ދިނުމަށް އެމަނިކުފާނު ހުށަހަޅުއްވައިފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް ވަނީ އަވަސްއަށް މިކަން ޔަގީންކޮށްދެއްވާފަ އެވެ.

އޮފިޝަލް ވިދާޅުވީ އިތުރު ލުއިތަކެއް ދެއްވުމަށް ރައީސް ޔާމީން އެދިވަޑައިގެންނެވި ނަމަވެސް ހުށަހަޅާފައިވާ ކަންކަމަކީ ގާނޫނީ ގޮތުން ކޮށްދެވޭނެ ކަންކަމަށް ނުވާތީ އެ ލުއިތައް ދެވެން ނެތް ކަމަށް އަންގާފައިވާނެ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމަށް ލުއިތަކެއްދީ، ރަށު ބަންދަށް މިދިޔަ އޮކްޓޫބަރު 28 ވަނަ ދުވަހު ބަދަލުކުރީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން މަނާ ކަންތައްތަކެއް އިގުރާރެއްގައި ހިމެނުމަށްފަހު އެވެ.

ޔާމީނަށް ދިން ލުއިތަކާ އެކު އެމަނިކުފާނު ވަނީ އެމަނިކުފާނު ނިސްބަތްވާ ޕާޓީ އޮފީހަށް ވަޑައިގެން ބައެއް ޖަލްސާތަކުގައި ބައިވެރިވެވަޑައިގެން ވާހަކަވެސް ދައްކަވާފަ އެވެ. ނަމަވެސް އެއީ ކަރެކްޝަނާ އެކު އެމަނިކުފާނު ހަދާފައިވާ އިގުރާރާ ހިލާފު ކަމަކަށްވާތީ ކަރެކްޝަނުން ވަނީ އެކަން އެގޮތަށް ނުކުރުމަށް އަންގާ އިންޒާރުވެސް ދީފަ އެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް މީގެކުރިން އަވަސްއަށް ވިދާޅުވީ ރައީސް ޔާމީންގެ ފަރާތްޕުޅުން ބޭސްފަރުވާ ކުރުމަށާއި، ކަސްރަތުކޮށް އުޅުމަށް ލުއިތަކަކަށް އެދިވަޑައިގެންފައިވާތީ އެ ފުރުސަތު އޭރު ދީފައިވާނެ ކަމަށެވެ. އަދި ކަރެކްޝަނަށް އެންގުމަށްފަހު ކޮންމެހެން ބައްދަލުކުރުމަށް އެދޭ ފަރަތްތަކާ ބައްދަލުކުރުމުގެ ފުރުސަތުވެސް ފަހުން ދީފައިވާނެ ކަމަށް ވިދާޅުވި އެވެ.