މެންޗެސްޓާ ސިޓީ

ސިޓީގެ އަދަބު ދަމަހައްޓަން ކުލަބުތަކުން އެދުނު

ޔޫއެފާއިން މެންޗެސްޓާ ސިޓީ އާ ދެކޮޅަށް އަޅާފައިވާ ޔޫރަޕްގެ ބޭން ދަމަހައްޓައި ދިނުމަށް ޕްރިމިއާ ލީގްގެ ނުވަ ކުލަބަކުން ކުޅިވަރުގެ އާބިޓްރޭޝަން ކޯޓްގައި އެދުނު ކަމަށް ރިޕޯޓުން ހާމަ ވެއްޖެ އެވެ.

ޔޫއެފާގެ ފައިނޭންޝިއަލް ފެއާޕްލޭ އާ ހިލާފުވި ކަމަށް ނިންމައި، ޔޫއެފާއިން ވަނީ، ޔޫރަޕްގެ އެއްވެސް މުބާރާތެއްގައި ދެ އަހަރު ވަންދެން ވާދަ ނުކުރެވޭނެ ގޮތަށް ޔޫއެފާ އާ ދެކޮޅަށް ފިޔަވަޅު އަޅާފަ އެވެ. ޔޫއެފާގެ ނިންމުން އިސްތިއުނާފަށް ސިޓީން ހުށަހެޅުމުން، މި މަހުގެ 13 ވަނަ ދުވަހު ކުޅިވަރުގެ ބައިނަލްއަގްވާމީ އާބީޓްރޭޝަން ކޯޓުން ވަނީ ސިޓީ އާ ދެކޮޅަށް އަޅާފައިވާ ސަސްޕެންޝަންގެ ފިޔަވަޅު އުވާލާފަ އެވެ.

ކޯޓުން ވަނީ، ޝަރީއަތުގެ މަރުހަލާގެ ރިޕޯޓާއި އެކަމާ ބެހޭގޮތުން ކޯޓަށް ހުށަހެޅުނު ކަންކަމާ ކޯޓުން ބެލި ކަންކަން ހިމެނޭ ގޮތަށް 93 ސޮފްހާގެ ރިޕޯޓް އާންމު ކޮށްފަ އެވެ. އެ ރިޕޯޓްގައި ވާ ގޮތުން، ސިޓީގެ ސަސްޕެންޝަން ދަމަހައްޓަން ސިޓީގެ ވާދަވެރިން ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލުން ވަނީ ކޯޓުގައި އެދިފަ އެވެ.

ޕްރިމިއާ ލީގްގެ ގާތްގަނޑަކަށް ދެ ބައިކުޅަ އެއްބައި ކުލަބުތަކުން ވަނީ އެކަމަށް އެދި ކޯޓަށް ލިޔެފަ އެވެ. އެހެން ކުލަބުތަކަކީ އާސެނަލް، ބާންލީ، ޗެލްސީ، ލެސްޓާ ސިޓީ، ނިއުކާސަލް ޔުނައިޓެޑް، ޓެންޓެންހަމް ހޮޓްސްޕާސް އަދި ވޯލްވާހެމްޓަން ވޮންޑާސް (ވޯލްވްސް) އެވެ. އެ ކުލަބުތަކުން ކޯޓަށް ސިޓީ ފޮނުވާފައި ވަނީ މާޗްމަހު ނުވަ ވަނަ ދުވަހު އެވެ.

ސިޓީގެ ސަސްޕެންޝަން ދަމެހެއްޓި ނަމަ، ޔުނައިޓެޑް، ޗެލްސީ، ލެސްޓާ، ޓޮޓެންހަމް އަދި ވޯލްވްސްގެ ތެރެއިން ކޮންމެވެސް އެއް ކުަލަބަށް ފައިދާ ކުރާނެ އެވެ. އޭރު ފަސް ވަނައިގައި ނިންމާލުމުގެ ފުރުސަތު އޮތީ މި ޓީމުތަކުގެ ތެރެއިން ކޮންމެވެސް އެއް ޓިމަކަށެވެ. ގަދަ ހަތަރަކަށް ނުވަދެވުނަސް ފަސް ވަނައިގައި ޗެމްޕިއަންސް ލީގަށް ދިއުމުގެ ފުރުސަތު އޭރު އޮތެވެ.