ލައިފްސްޓައިލް

އެކުވެރިޔަކަށް ވީ ވައުދު 28 އަހަރު ފަހުން ފުއްދައިފި

ނަސީބު ނަންބަރެއް ދިމާވެ 22 މިލިއަން ޑޮލަރު ލިބިއްޖެއްޔާ ގިނަ މީހުން އޭނާގެ އެކުވެރިން މަތިން ހަނދާނެއް ނުހުންނާނެ އެވެ. ނަމަވެސް އެމެރިކާގެ މީހަކު ގަތް ނަސީބު ނަންބަރެއް ދިމާވުމުން އޭނާގެ އެކުވެރިޔާ މަތިން ހަނދާން ނައްތައެއް ނުލި އެވެ.

މީގެ 30 ވަރަކަށް އަހަރު ކުރިން ޓޮމް ކުކް އާއި އޭނާގެ ގާތް އެކުވެރިޔާ ޖޯސެފް ފީނޭ އެކަކު އަނެކަކަށް ވައުދެއް ވިއެވެ. ދުވަހެއްގެ ކޮޅުން ވެސް ދެ މީހުން ކުރެ މީހަކަށް ނަސީބު ނަންބަރެއް ދިމާވެއްޖެނަމަ އެ ލިބޭ އެއްޗެއް ހަމަޔަށް ދެ ބައި ކޮށްލުމަށެވެ.

މި ދެ އެކުވެރިންނަކީ ވެސް އަބަދުވެސް ނަސީބު ނަންބަރު ގަނެގެން ނަސީބު ވަޒަން ކުރާ ދެ މީހުންނެވެ. އެގޮތުން އެމެރިކާގެ ވިސްކޮންސިންގެ މެނޮމިނީ ޓައުނުގައި ދިރިއުޅޭ ޓޮމް މިދިޔަ މަހު ވެސް ނަސީބު ނަންބަރެއް ގަތެވެ. އޭނާގެ ގެޔާ ކައިރީގައި ހުންނަ ސިނާޖީ ކޫޕް ސްޓޯރަކުންނެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު އޭނާގެ ނަސީބު ނަންބަރު ދިމާވެފައިވާކަން ޓޮމް އަށް އެނގުނެވެ.
އެހިސާބުން އެކުވެރިޔާ އަށް ގުޅާފައި މި ޚަބަރު ދިނެވެ. އަދި އޭނާއަށް ލިބުނު ފައިސާގެ ދެބައިކުޅަ އެއްބައި ވައުދުވެފައިވާ ގޮތަށް ދޭނެކަން ސޯޝަލް މީޑިއާގައި އިއުލާން ކުރި އެވެ.

ޓޮމް އޭނާގެ އެކުވެރިޔާ އަށް ވީ ވައުދު ފުއްދި ގޮތުން ވަރަށް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި އޭނާއަށް މަރުހަބާ ކިޔާ އޭނާގެ ރަނގަޅުކަމަށް ތައުރީފު ކުރަމުންނެވެ. މިޒަމާނުގައި ޓޮމް ކަހަލަ ރައްޓެއްސަކު ނުލިބޭނެކަމަށް ގިނަ މީހުންގެ ކޮމެންޓުތަކުގައި ބުނެފައި ވެއެވެ.

ޓޮމް އާއި ޖޯސެފް އަކީ މުޅި އުމުރަށް ވެސް ގާތް ދެ އެކުވެރިންގެ ގޮތުގައި އުޅުމަށް ވައުދުވެފައިވާ ދެ މީހުންނެވެ. އެގޮތުން 1992 ވަނަ އަހަރު އެމީހުން ވައުދެއް ވިއެވެ. "ޕަވަބޯލް ޖެކްޕޮޓް" ލިބިއްޖެނަމަ އެ ލިބޭ މީހަކު އަނެއް މީހާއަށް އެ ލިބޭ އެއްޗެއްގެ ދެބައިކުޅަ އެއްބައި ދިނުމަށެވެ.

އެމެރިކާގެ ނިއުސް ޗެނަލަކަށް ދިން އިންޓަވިއު އެއްގައި ޖޯސެފް ބުނި އޭނާ އާއި ޓޮމް "ޕަވަބޯލް ޖެކްޕޮޓް" ނަސީބު ނަންބަރު ގަންނަން ފެށީ 1992 ވަނަ އަހަރުން ފެށިގެންނެވެ. އޭރުއްސުރެ ދެ މީހުން ވަރަށް ގަވާއިދުން އެ ގަންނަމުން ދެއެވެ.

ކުކް އާއި ޖޯސެފް ބުނީ މި ފައިސާ އިން މާ ބޮޑަށް މަޖާކުރުމުގެ ކަންތައްތަކެއް ކުރަން ގަސްތު ނުކުރާ ކަމަށާއި ރިޓަޔާ ވެގެން ގޭގައި ތިބޭއިރު ބޭނުންކޮށްލަން ފައިސާ ރައްކާ ކުރާނީކަމަށެވެ. އަދި ދަރިންނާއި ކާފަ ދަރިން އަދި މުނިކާފަ ދަރިންނާއެކު އުފާވެރި ދުވަސްތަކެއް ހޭދަކުރުމަށް އުންމީދުކުރާ ކަމަށް ކުކް ބުންޏެވެ.

"ޕަވަބޯލް ޖެކްޕޮޓް" އެއް ލިބުމުގެ ފުރުސަތު އޮންނަނީ 292 މިލިއަން ފަހަރުން އެއް ފަހަރު އެވެ. ޓޮމް އާއި ޖޯސެފްގެ ނަސީބު ހަމަ އެހާ ވެސް ގަދައީ އެވެ.