އިލެކްޝަންސް ކޮމިޝަން

ސިޔާސީ ހަރަކާތް ހިންގަންވާނީ އެޗްޕީއޭގެ އެންގުންތަކާ އެއްގޮތަށް: އީސީ

ސިޔާސީ ހަރަކާތް ހިންގަންވާނީ އެޗްޕީއޭގެ އެންގުންތަކާ އެއްގޮތަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކަށް އަންގައިފި އެވެ.

އެ ކޮމިޝަނުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރު ޖަވާބުދާރީ ކުރުވަން ސިޔާސީ ޕާޓީތަކުން ހަރަކާތްތައް ހިންގުމަކީ މުހިންމު ކަމެއް ކަމަށެވެ. ނަމަވެސް ސިޔާސީ ކޮންމެ ހަރަކާތެއްވެސް ބާއްވަން ޖެހޭނީ ގާނޫނު އަސާސީއާއި ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށެވެ.

މި ދުވަސްވަރަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ރާއްޖެ އޮތް ދުވަސްވަރެއް ކަމަށާ އެކަމާއި ގުޅިގެން އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާތީ ސިޔާސީ ހަރަކާތް ހިންގަންވާނީ އެޗްޕީއޭގެ އެންގުންތަކާ އެއްގޮތަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

އިލެކްޝަންސް ކޮމިޝަނުން މި ބަޔާން ނެރެފައިމިވަނީ އިދިކޮޅު ކޯލިޝަނުން ސިލްސިލާ މުޒާހަރާ ކުރަމުންދާތީއެވެ. ކޮވިޑް ރޯގާ އަދިވެސް ބާރު މިނުގައި ފެތުރެމުންދާއިރު ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކު ދަނީ ކޮވިޑަށް ޕޮޒިޓިވްބަމުންނެވެ. އެހެންކަމުން މިހާރު އިއުލާން ކުރެވިފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މާލޭގައި ގިނަ މީހުން އެއްވެ ނޫޅެން ވެސް އިލްތިމާސް ކޮށްފަ އެވެ.