އިދިކޮޅު ފަރާތްތައް

މުޒާހަރާ ދެން އޮންނާނީ އީދަށްފަހު: އިދިކޮޅު

އިދިކޮޅުން ފަށާފައިވާ މުޒާހަރާތައް ދެން އޮންނާނީ އީދު ބަންދަށްފަހު ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.

ޕީޕީއެމް/ޕީއެންސީން މުޒާހަރާއަށް ނިކުމެފައިވަނީ މިމަހުގެ 26 ވަނަ ދުވަހުގެރެއެވެ. މިނިވަން ދުވަހުގެ ރޭ ފެށި މުޒާހަރާތައް ރެއާ ހަމައަށް ކުރިއަށް ގެންދިޔައެވެ.

މިއަދު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޕީޕީއެމްގެ ނާއިބް ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ މާދަމާއަކީ ހައްޖު ދުވަހަށް ވުމާއެކު މިރޭ މުޒާހަރާ ނޯންނާނެ ކަމަށެވެ. އަދި ދެން މުޒާހަރާތައް އޮންނާނީ އީދު ބަންދަށްފަހު ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"އެހެންވީމަ މިރެއިން ފެށިގެން ކުރިއަށް އޮތް ތިން ރޭ މުޒާހަރާތައް ނޯންނާނެ،"

ނޫސްވެރިންގެ ބައްދަލްވުމުގައި ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ އިދިކޮޅުގެ މުޒާހަރާތައް ދެން ފެށޭނީ އިތުރަށް ވަރުގަދަ ވެގެން ކަމަށެވެ. ޝުޖާއު ވިދާޅުވީ ފުލުހުންގެ ގަޔަށް އިދިކޮޅު މުޒާހަރާގެ ބައިވެރިން ކުޅުޖަހާފައިވާ ކަމަށް ބުނެ ދައްކަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.

"މިއީ ކާކު އަޑީގައި ހުރެގެން ޖެއްސި ސުޓަންޓެއްތޯ ބެލޭނެ ދުވަސް އަދި އަންނާނެ،" ފުލުހުންގެ ގަޔަށް ހައްޕުޑުޖެހި ޖެހުމަށް އިޝާރާތް ކުރައްވާ ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ބިރު ދައްކައިގެން ފަހަތަށް ނުޖެއްސޭނެ ކަމަށާ މުޒާހަރާތައްވެސް ނުހުއްޓުވޭނެ ކަމަށެވެ. އަދި މުޒާހަރާތަކުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ޝުޖާއު ގޮވާލެއްވިއެވެ.