ލައިފްސްޓައިލް

މިސުރުގެ "ފަގީރުންގެ ޑޮކްޓަރަ"ށް ކަރުނައިގެ އަލްވަދާއެއް

"ފަގީރުންގެ ޑޮކްޓަރު"ގެ ގޮތުގައި މަޝްހޫރުވެފައިވާ މިސުރުގެ ޑޮކްޓަރެއް ކަމަށްވާ ޑރ. މުހައްމަދު އަލް މަޝާލީ އަށް މިދިޔަ އަންގާރަ ދުވަހުގެ އެ ގައުމުގެ އެތައް ސަތޭކަ މީހުންނަށް ވަރަށް އަސަރުން ފުރިފައިވާ ކަރުނައިގެ އަލްވަދާއެއް ކިޔައިފި އެވެ.

ނީލް ޑެލްޓާ ޕްރޮވިންސްގައި ދިރިއުޅުނު އަލް މަޝާލީ ދުނިޔެ ދޫކުރެއްވިއިރު އުމުރަކީ 76 އަހަރެވެ. ގާތްގަނޑަކަށް ހަޔާތުގެ 50 ވަރަކަށް އަހަރު އަލް މަޝާލީ ވަނީ ފަގީރުންނަށް ހިލޭ ބޭސް ފަރުވާ ކޮށްދިނުމުގައި ހޭދަ ކުރައްވާފަ އެވެ.

ކައިރޯ އާ 60 ކިލޯ މީޓަރު ދުރުގައި އޮންނަ ގަރްބިއާ ޕްރޮވިންސްގައި މަޝާލީ ވަނީ 45 އަހަރު ވަންދެން ކްލިނިކެއް ހިންގާފަ އެވެ. މި ކްލިނިކަށް އަންނަ ބަލި މީހުން އަތުން ޑޮކްޓަރު ނަގާފައިވަނީ މިސުރު ފައިސާގެ އެންމެ 10 ޕައުންޑް (10 ރުފިޔާ) ގެ މިންވަރެކެވެ. އަދި މިވަރު ވެސް ނުލިބޭ ނިކަމެތި ފަގީރުންނަށް އޭނާ ބޭސް ކޮށްދެއްވީ މުޅިން ހިލެ އެވެ.

އިންޓާނަލް ޑިޒީޒަސް އާއި ހުމުގެ ރޯގާތަކަށް ހާއްސަކޮށް ފަރުވާ ދެއްވާ މި ޑޮކްޓަރުގެ ނަން ގަރްބިއާ ޕްރޮވިންސަށްވުރެ މާ ދުރު ހިސާބުތަކުގައި ވެސް މަޝްހޫރުވެފައި ވަނީ އޭނާގެ މޮޅުކަމާއި އޯގާތެރިކަން އަދި ފަގީރުންނަށް ހިލޭ ބޭސް ކޮށްދޭ ހިތްހެޔޮ ޑޮކްޓަރެއްގެ ގޮތުގަ އެވެ. ފާއިތުވީ ތަނުގައި އޭނާއަކީ މިސުރުގެ ގިނަ ރައްޔިތުންތަކެއްގެ ހިތްތަކުން ލޯބި ހޯދާފައިވާ ނަން މަޝްހޫރު ޝަޚްސިއްޔަތަކަށް ވަނީ ވެފަ އެވެ.

ކުއްލިއަކަށް ލޭ ދައުރުވުން ދަށްވެގެން މަޝާލީ މި ދުނިޔެއާ ވަކިވެ ވަޑައިގަތުމުން މިސުރުގެ ރައްޔިތުންނަށް ލިބިފައި ވަނީ އާދަޔާޚިލާފު ބޮޑު ހިތާމައެކެވެ.

އޭނާގެ ޖަނާޒާގައި ބައިވެރިވި މީހުންގެ އަދަދުން ވެސް އޭނާއަށްޓަކައި މީހުންގެ ހިތުގައި އޮތް ލޯބި ހާމަވެގެން ގޮސްފައި ވެއެވެ.

މިސުރުގެ ރައްޔިތުންގެ އިތުރުން ޔޫއޭއީ އާއި އެހެން ވެސް ބައެއް އަރަބި ގައުމުތަކުގެ ވެރިން ވެސް މަޝާލީ އަވަހާރަވުމުގެ ހިތާމަ ފާޅުކޮށް ތައުޒިޔާ ވިދާޅުވެފައި ވެއެވެ. ޔޫއޭއީގެ ވައިސް ޕްރެޒިޑެންޓް އަދި ބޮޑުވަޒީރު، އަދި ޑުބާއީގެ ވެރިޔާ ޝައިޚް މުހައްމަދު ބިން ރާޝިދު ކުރައްވާފައިވާ ޓުވީޓެއްގައި މަޝާލީ ސިފަ ކުރެއްވީ "ތަފާތު އުންމީދުތަކެއް އުފެއްދި" ބޭފުޅެއްގެ ގޮތުގަ އެވެ.

"ފަގީރުންނަށް ހިލޭ ބޭސް ފަރުވާ ކޮށްދިނުމުގައި ޑރ. މަޝާލީ 50 ވަރަކަށް އަހަރު ހޭދަ ކުރައްވާފައިވޭ. އޭނާއަކީ ޑޮކްޓަރުންނަށް ހުރި އެފަދަ ދެ ވަނަ އެއް ނެތް ވަރުގެ ނަމޫނާއެއް،" ޝައިޚް ރާޝިދުގެ ޓުވީޓްގައި ވިދާޅުވެފައި ވެއެވެ.

މަޝާލީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1944 ވަނަ އަހަރު އެވެ. ޑޮކްޓަރުކަން ކިޔެވީ ކައިރޯގެ މެޑިކަލް ސްކޫލުންނެވެ. މެޑިކަލް ޑޮކްޓަރަކަށް ވެވަޑައިގަތީ މިސުރުގެ ކުރީގެ ރައީސެއް ކަމަށްވާ ޖަމާލް އަބްދުއްނާސިރުގެ ސަބަބަން ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

"ރައީސް އަބްދުއްނާސިރު އަހަރެންގެ މުޅި ހަޔާތަށް ބަދަލު ގެނެސްދެއްވީ ޔުނިވަސިޓީ ތައުލީމު ހިލޭ ކޮށްދެއްވުމަށް ނެރުއްވި އަމުރުފުޅާއެކު،" މިސުރު ޓީވީ އަކަށް ތަންކޮޅެއް ކުރިން މަޝާލީ ދެއްވި އިންޓަވިއު އެއްގައި ވިދާޅުވެފައި ވެއެވެ.

"އަހަރެންގެ އާއިލާއަކީ ވަރަށް އާދައިގެ މެދު ފަންތީގެ އާއިލާއެއް. ސެކަންޑްރީ ސްކޫލް ތައުލީމު ފުރިހަމަ ކުރުމަށްފަހު މެޑިކަލް ސްކޫލަށް ދާން ބޭނުންވީ ނަމަވެސް މެޑިކަލް ކޮލެޖުގެ ފީތައް ބޮޑުކަމުން ބައްޕައަކަށް އަހަންނަކަށް ކިޔަވައިދެވޭނެ ގޮތެއް ނުވި. ﷲ ގެ ރަޙުމަތްފުޅާއެކު ޔުނިވާސިޓީ ތައުލީމު ސަރުކާރުން ހިލޭ ކޮށްދެއްވުމުން އަހަންނަށް ޑޮކްޓަރުކަމުގެ ފާސް ނެގުނީ. އެހެން ނޫންނަމަ އަހަރެންނަކަށް ޑޮކްޓަރަކަށް ނުވެވުނީސް،" މަޝާލީގެ ވިދާޅުވެފައި ވެއެވެ.

ޑޮކްޓަރީ ފާސް ލިބުމާއެކު މަޝާލީ ކްލިނިކެއް ހުޅުވައިގެން ބަލި މީހުންނަށް ފަރުވާ ދޭން ފެއްޓެވި އެވެ. ބައްޕަގެ ލަފަޔާއެކު އޭނާ އޭރުއްސުރެ ވެސް އެންމެ އިސްކަން ދެއްވީ ފަގީރުންނަށް ބޭސް ފަރުވާ ކޮށްދެއްވުމަށެވެ. ދުވާލަކު 12 ގަޑިއިރު އޭނާ ބަލި މީހުންނަށް ހިލޭ ބޭސް ފަރުވާ ކޮށްދިނުމުގައި ކްލިނިކްގައި ހޭދަ ކުރައްވާފައި ވެއެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި "ޑޮކްޓަރީ ފަރުވާ އަކީ އިންސާނީ ޚިދުމަތެކެވެ. ފައިސާ އެއްކުރުމަށް އަދާކުރާ ވަޒީފާއެއް ނޫނެވެ."

މަޝާލީ އަވަހާރަވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ވެސް މިސުރުގެ ގިނަ ބަޔަކު ދަނީ ހިތާމަ ފާޅުކޮށް ތަފާތު މެސެޖުތައް ޕޯސްޓް ކުރަމުންނެވެ.