ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އިންޒާރެއް: 5400 މީހުން ބަލިވެދާނެ

ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅައިފިނަމަ ކުރިއަށް އޮތް ފަސް މަސް ދުވަހުގެ ތެރޭގައި 5400 ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހުމުގެ ފުރުސަތު އެބައޮތް ކަމަށް ލަފާކޮށްފި އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ކުރިން އެޅި ފިޔަވަޅުތަކަށް ލުއިތަކެއް ދީފައިވަނިކޮށް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ. އެހެން ކަމުން އަނެއްކާވެސް ފިޔަވަޅުތައް ހަރުކަށި ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ކޮވިޑްގެ ބަލި ފުރަތަމަ ފެތުރެން ފެށި ދުވަސްތަކުގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅު ނާޅައިފިނަމަ ބަލި ޖެހޭނެ މީހުންގެ އަދަދުތަކެއް އަންދާޒާ ކުރިއެވެ. ސިއްހީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ. ޝީނާ މޫސާގެ ހައްދަވާފައިވާ ޕްރޮޖެކްޝަންގެ މައުލޫމާތު އޭރުވެސް ހާމަކުރިއެވެ.

ކޮވިޑްގެ ދެވަނަ ރާޅެއް ރާއްޖެއަށް އަތުވެދާނެ ކަމުގެ އިޝާރާތްތައް ފެންނަން ފަށާފައިވާއިރު ޑރ. ޝީނާ މޫސާގެ ދެވަނަ ޕްރޮޖެކްޝަންގެ މައުލޫމާތު ރޭ ވަނީ ހާމަކޮށްފައެވެ. ޕްރޮޖެކްޝަން ދައްކާގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅައިފިނަމަ ކުރިއަށް އޮތް ފަސް މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން 5445 މީހަކަށް ކޮވިޑް ޖެހުމުގެ ފުރުސަތު އެބައޮތެވެ.

ހާލަތު އެންމެ ގޯސްވާނީ އޮގަސްޓް މަހު

ޑރ. ޝީނާގެ ޕްރޮޖެކްޝަން ދައްކާގޮތުން ކުރިއަށް އޮތީ ކޮވިޑްގެ ހާލަތު ގޯސް މަހެކެވެ. އަދި ކުރިއަށް އޮތް ފަސް މަހުގެ ތެރެއިން ކޮވިޑްގެ ހާލަތު އެންމެ ގޯސްވާނީ އޮގަސްޓް މަހުއެވެ.

އޮގަސްޓް މަހު ދުވާލަކު 170 މީހުންނަށް ބަލި ޖެހޭނެ ކަމަށް ލަފާ ކުރެވޭއިރު މުޅި މަހު 2373 މީހަކަށް ބަލި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި އޭގެ ތެރެއިން 475 މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދޭން ޖެހޭނެއެވެ.

ސެޕްޓެންބަރު މަހުވެސް ކޮވިޑްގެ ހާލަތު ރަނގަޅުވާނެ ކަމަށް ނުބެލެވެއެވެ. ޑރ. ޝީނާގެ ޕްރޮޖެކްޝަން ދައްކާގޮތުން ސެޕްޓެންބަރު މަހުވެސް ދުވާލަކު 105 މީހަކަށް ބަލި ޖެހިދާނެއެވެ. މުޅި މަހު 1464 މީހަކަށް ބަލި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި 293 މީހަކަށް ހޮސްޕިޓަލްގައި ފަރުވާދޭން ޖެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

އޮކްޓޫބަރު މަހުގެ ތެރޭގައި ކޮވިޑްގެ ހާލަތު ކުރިއަށްވުރެ ރަނގަޅުވާނެ ކަމަށް ލަފާ ކުރެވުނު ނަމަވެސް އެ މަހުވެސް 945 މީހަކަށް ބަލި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ދުވާލަކު ބަލި ޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ 68 މީހަކަށެވެ. އަދި 189 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ޑރ. ޝީނާ ވިދާޅުވި ގޮތުގައި ކޮވިޑްގެ ހާލަތު ނޮވެންބަރު އަދި ޑިސެންބަރު މަހު ދަށައްދާނެ ކަމަށް ބެލެވެއެވެ. ނަމަވެސް ކޮވިޑްގެ ނުރައްކާ މުޅިން ފިލައިގެން ދާނެ ކަމަށް ނުބެލެވެއެވެ. އަންދާޒާ ފެންނަން އޮތީ އެގޮތަށެވެ. ނޮވެންބަރު މަހުގެ ތެރޭގައި ކޮންމެ ދުވަހަކު 29 މީހަކަށް ބަލި ޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު މުޅި މަހު ބަލި ޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ 409 މީހެކެވެ. އަދި ޑިސެންބަރު މަހުގެ ތެރޭގައި 254 މީހަކަށް ބަލި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އައިސީޔޫއަށްލާ ގިނަ ބަޔަކު މަރުވެދާނެ

ޑރ. ޝީނާގެ ޕްރޮޖެކްޝަން ދައްކާގޮތުން ކުރިއާ ހިލާފަށް ގިނަ ބަޔަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހިދާނެއެވެ. އެގޮތުން ކުރިއަށް އޮތް ފަސް މަސް ދުވަހުގެ ތެރޭގައި 1،090 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އޭގެ ތެރެއިން 128 މީހަކަށް އައިސީޔޫގައި ފަރުވާދޭން ޖެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ. އެންމެ ގިނަ ބަޔަކަށް އައިސީޔޫގައި ފަރުވާދޭން ޖެހޭނެ ކަމަށް ލަފާ ކުރެވިފައިވަނީ އޮގަސްޓް މަހުގެއެވެ. އޮގަސްޓް މަހުގެ އެކަނިވެސް 47 މީހަކަށް އައިސީޔޫގައި ފަރުވާދޭން ޖެހިދާނެ ކަމަށް ބުނެފައިވެއެވެ.

ޑރ. ޝީނާ ރޭ ވިދާޅުވީ އައިސީޔޫއަށްލާ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން މަރުވުމުގެ ފުރުސަތު އެބައޮތް ކަމަށް ވިދާޅުވެފައެވެ.

"އައިސީޔޫއަށްލާ މީހުންގެ ތެރެއިން މަރުވާ ނިސްބަތް އެހެން ގައުމުތަކެކޭ އެއްގޮތަށް 50 ޕަސެންޓަށް އިތުރުވާނެ ކަމަށް ބެލެވޭ. ނަމަވެސް ފާހަގަކޮށްލެވެނީ ގިނަ މީހުން މަރުވަނީ އިންތިޒާމްތައް ނެތުމުގެ ސަބަބުން،" ޝީނާ ވިދާޅުވިއެވެ. "މާލެ ސަރަހައްދުގައި ކޮވިޑަށް ތައްްޔާރުކޮށްފައިވާ އެނދުތައް މި އަދަދަށް ހިނގައްޖެނަމަ ކިރިޔާ މެނޭޖްކުރެވޭނީ،"

މިހާތަނަށް ރާއްޖެއިން ކޮވިޑްގައި މަރުވެފައިވަނީ 16 މީހުންނެވެ.

  • އޮގަސްޓް މަހު 47 މީހަކަށް އައިސީޔޫގައި ފަރުވާދޭން ޖެހިދާނެ
  • ސެޕްޓެންބަރު މަހު 29 މީހަކަށް އައިސީޔޫގައި ފަރުވާދޭން ޖެހިދާނެ
  • އޮކްޓޫބަރު މަހު 19 މީހަކަށް އައިސީޔޫގައި ފަރުވާދޭން ޖެހިދާނެ
  • ނޮވެންބަރު މަހު 08 މީހަކަށް އައިސީޔޫގައި ފަރުވާދޭން ޖެހިދާނެ
  • ޑިސެންބަރު މަހު 05 މީހަކަށް އައިސީޔޫގައި ފަރުވާދޭން ޖެހިދާނެ

މި ހަފްތާގައި އެކަނިވެސް 500 ކޭސް

ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވަމުންދާއިރު މި ހަފްތާއަކީ މިހާތަނަށް އެންމެ ގިނަ ބަޔަކަށް ބަލި ޖެހުނު ހަފްތާއެވެ. މި ދިޔަ ހަތް ދުވަހުގެ ތެރޭގައި 500 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 42 ޕަސެންޓް މީހުންނަކީ އެއްވެސް ކްލަސްޓާއަކާއި ގުޅުމެއް ނެތް މީހުންނެވެ.

އެެހެން ކަމުން ވަރަށް ގިނަ އަދަދެއްގެ މީހުންނަށް ބަލި ޖެހުނު ގޮތް އޮތީ ނޭންގުމުގެ ތެރޭގައެވެ. ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ އެއީ ވަރަށް ބޮޑު ނުރައްކަލެއް ކަމަށެވެ.

ރާއްޖޭގައި ކޮވިޑް ފެތުރެމުންދާ ނިސްބަތަށް ބަލާއިރު ފުރަތަމަ 500 މީހުންނަށް ބަލިޖެހިފައިވަނީ 56 ދުވަހުގެ ތެރޭގައެވެ. ނަމަވެސް އެ އަދަދު 1،000 އަށް އަރާފައިވަނީ އޭގެ 13 ދުވަސް ފަހުންނެވެ. ބަލި ފެތުރުން އިތުރުވެ މިދިޔަ ހަތް ދުވަހުގެ ތެރޭގައި އިތުުރު 500 މީހުންނަށް ބަލި ޖެހިފައިވެއެވެ. އެހެން ކަމުން ބައްޔަށް ހުށައެޅޭ މީހުންގެ އަދަދު ބޮޑުތަނުން ވަނީ އިތުރުވެފައެވެ.

  • ފުރަތަމަ 500 ކޭސް - 7 މާޗްއިން 2 މެއި: 56 ދުވަސް
  • ދެވަނަ 500 ކޭސް - 2 މެއިން 15 މެއި: 13 ދުވަސް
  • ތިންވަނަ 500 ކޭސް - 15 މެއިން 28 މެއި: 13 ދުވަސް
  • ހަތަރުވަނަ 500 ކޭސް - 28 މެއިން 12 ޖޫން: 15 ދުވަސް
  • ފަސްވަނަ 500 ކޭސް - 12 ޖޫންއިން 7 ޖުލައި: 25 ދުވަސް
  • ހަވަނަ 500 ކޭސް - 7 ޖުލައިން 21 ޖުލައި: 14 ދުވަސް
  • ހަތްވަނަ 500 ކޭސް - 21 ޖުލައިން 28 ޖުލައި: 7 ދުވަސް

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށްފަހު އެ ފިޔަވަޅުތަކަށް ލުއި ދީފައިވަނީ މެއި މަހުގެ 28 ވަނަ ދުވަހުއެވެ. އަދި ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އިތުރު ލުއިތަކެއް ވަނީ ދީފައެވެ. ނަމަވެސް މިފަހުން ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކު ދަނީ ކޮވިޑަށް ޕޮޒިޓިވްވަމުންނެވެ. އިއްޔެއަކީ އެންމެ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވީ ދުވަހެވެ. އިއްޔެ އެކަނިވެސް 152 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.