ދެހާސް އަށެއްގައި ފާސް ކުރި އާ ގާނޫނުއަސާސީގައި ލިޔެފައިވާ ގޮތުން ރާއްޖޭގައި ސަރުކާރު ހިންގާނީ ރިޔާސީ ނިޒާމަކަށެވެ. ރިޔާސީ ނިޒާމުގެ މައިގަނޑު މަގްސަދަކީ ވެސް ސަރުކާރުގެ މައިގަނޑު ގުނަވަންތައް ކަމުގައިވާ ރިޔާސީ ބާރުގެ ބަޔާއި، ގާނޫނު ހެދުމުގެ ބަޔާއި އަދި އަދުލު އިންސާފު ގާއިމް ކުރުމުގެ ތިން ބަޔަށް ބަހާފައިވާ އިރު މިތިންބައި ހިންގަން ހަވާލުވާ ފަރާތްތަކުން އެއްބަޔަކު އަނެއް ބަޔަކު ސަރުކާރުގެ ކަންކަން ގެންދަނީ އަދުލު އިންސާފުގެ މަތީންތޯ ކަށަވަރު ކުރެވޭނެ އެންމެ މޮޅުގޮތަކަށް އެކުލަވާފައިވާ ނިޒާމަކަށްވާ ކަމެވެ. ރާއްޖޭގެ ސިޔާސީ މަސްރަހުގައި މަދުމަދުން ދޭތެރެދޭތެރެއިން އަދި މިހާރަކަށް އައިސް ތަންކޮޅެއް ގިނައިން ސަރުކާރު ހިންގާ ނިޒާމު ބަދަލު ކުރަން ޖެހޭ ކަމުގެ ވާހަކަތައް މިއީ ކިހިނެއް ވެގެން ދެކެވޭ ވާހަކައެއްތޯ ސުވާލު މިވަނީ ކުރިމަތިވެފަ އެވެ.
ސަރުކާރެއް އެކުލަވާލުމުގެ މައިގަނޑު ބޭނުމަކީ ގައުމެއްގައި އުޅޭ ރައްޔިތުންނަށް ގުޅިގެން ސުލްހަވެރި ކަމާއެކު އުޅެ ކުރިއެރުން އެއްމެނަށް ހޯދައި ދެވޭނެ ހަމަހަމަ ފުރުސަތު ލިބިދޭ އަދުލުއިންސާފު ގާއިމް ކުރެވޭނެ ނިޒާމެއް ގާއިމް ކުރުމެވެ. ރައްޔިތުންގެ ފުރާނައިގެ ރައްކާތެރިކަމާއި މުދަލުގެ ހިމާޔަތަކީ އެއްމެނަށް ހަމަހަމަކޮށް ލިބިދެވޭ ނިޒާމެއް ގާއިމް ކުރުމެވެ.
ރާއްޖޭގައި މިކަން ކުރުމަށް އެކުލަވާފައި މިއޮތީ 2008 ގައި ބައިނަލްއަގުވާމީ އެހީތެރިކަމާއެކު ވަކީން ހާއްސަކޮށް އދ. ގެ ގާނޫނުއަސާސީގެ މާހިރުންގެ ލަފަޔާއެކު އެކުލަވާފައި މިއަދު ދުނިޔޭގެ ގައުމެއްގައި އޮތް އެންމެ ފުރިހަމަ މިސާލީ ގާނޫނުއަސާސީއެކެވެ. އަދުލު އިންސާފުވެރިކަމާއެކު ސަރުކާރެއް ހިންގުމަށް އެންމެ އިންސާފުވެރިކޮށް ގެންދެވޭނެ ގޮތަކީ ކޮބައިތޯ ވަރަށް ފުޅާކޮށް މަޝްވަރާ ކުރެވި އަދި ރައްޔިތުންގެ ހިޔާލު ވެސް ހޯދި ނިންމާފައި ވަނީ ރިޔާސީ ނިޒާމެއް ހިންގުމަށް މި އާ ގާނޫނުއަސާސީގައި ލިޔުމަށެވެ. އެގޮތުން އެކަން ކުރުމަށް ހަމަ ލިޔެވޭނެ އެންމެ މޮޅަކަށް ގާނޫނުއަސާސީގައި އެވަނީ ލިޔެފަ އެވެ. ސަރުކާރުގެ ރިޔާސީ ބަޔާއި ގާނޫނުގެ ބަޔާއި އަދުލުއިންސާފުގެ ބައި އެއްބަޔަކު އަނެއްބަޔަކު ކުރިއަށް ގެންދަނީ އިންސާފުވެރިކަމާއެކުތޯ ވަރަށް ފުރިހަމައަށް ބެލޭނެ ގޮތަށެވެ.
އާ ގާނޫނުއަސާސީ އެއް 2008 ގައި ގެނެވުނީ އެއްޕާޓީން ހިންގާ ސަރުކާރުގެ ނިޒާމަކީ ތިން ބައި، އެއްބަޔަކު އަނެއްބަޔަކަށް އެބަޔަކު ހިންގާ ގޮތެއް ބެލޭނެ ގޮތެއް ނެތި އާދަޔާ ހިލާފު ބާރުތަކެއް ނަގަމުންދާ ކަމުގެ ބޮޑު ތުހުމަތާއެކު ހުދުމުހުތާރު ނިޒާމެއް ކަމަށް އެތައް ރައްޔިތުންނެއް ގޮވަން ފަށައި އެކަން އިސްލާހު ކުރެވޭނެ ގޮތެއް ހޯދުމަށް 2004 ގެ ޖޫން މަހުތެރޭ އެއިރުގެ ރައީސުލްޖުމްހޫރިއްޔާ އެކަމަށް ތަން ދެއްވުމުންނެވެ.
އެސަރުކާރުގައި ރައިސުލްޖުމްހޫރިއްޔާއަށް ސަރުކާރު ހިންގުމަށް ފެނިވަޑައިގަންނަވާ އެންމެ ރަނގަޅަކަށް ހިންގެވުމަށް ފުރުސަތު ވަނީ އެއިރުގެ ގާނޫނުއަސާސީގައި ދެވިފައެވެ. ނަމަވެސް އެއިރުގެ ރިޔާސީ ބާރުގެ ދަށުން ބޭނުންވާ ކޮންމެ ގޮތަކަށް، އަދުލު އިންސާފުގެ މަގުން ރައްޔިތުންނަށް ސުވާލު އުފެދޭ ގޮތަކަށް ކަންކަން ހިނގި ނަމަވެސް އެކަން ޖަވާބުދާރީ ކުރުވޭނެ ނުވަތަ ބެލޭނެ ހަމަ އެއްވެސް ގޮތެއް ނެތް ކަމަށް އެއިރު މުޅި ރާއްޖޭގައި އަޑު އުފުލަމުން ދިޔަ އެވެ. އެ އަޑުއުފުލުމުގެ ނަތީޖާއަކީ އެއިރު ސަރުކާރު ހިންގަމުންދިޔަ މިދެންނެވި ތިންބައި މަސްހުނިވެފައިވާ ނިޒާމު މުޅިން ވަކިކުރެވި އެއްބަޔަކު އަނެއް ބަޔަކު ހިންގާ ކަންކަން އެއީ އަދުލުއިންސާފުގެ މަގުން ހިނގާ ކަމެއްތޯ ޖަވާބުދާރީވެވޭނެ ނިޒާމެއް 2008 ގެ އައުގާނޫނުއަސާސީގައި ލިޔަން ޖެހުމެވެ.
ދެހާސް އަށެއްގެ ގާނޫނުއަސާސީގެ ދަށުން އައި ފުރަތަމަ ސަރުކާރުގެ ތިން އަހަރާއި ތިން މަސް ދުވަހުތެރޭ ފެނިގެން ދިޔައީ މިދެންނެވި ސަރުކާރުގެ ތިން ބާރު ވަކިވެފައިވާ ނިޒާމުގެ ދަށުން ރިޔާސީ ބާރުން ހުދުމުހުތާރުކޮށް ހިންގަން އުޅެމެ ފުރުސަތު ނުލިބި އެންމެ ފަހުން އިސްތިއުފާ ވެސް ދޭންޖެހުމެވެ. ރައްޔިތުން ބޭނުންވި ފަދަ ޖަވާބުދާރީ ކުރުވޭ ނިޒާމެއް ގާއިމްކުރެވުނު ކަމުގެ ސާފު ހެއްކެކެވެ. އެހެނީ އެ ސަރުކާރުގެ ރިޔާސީ ބާރާ ހަވާލުވެ ހުންނެވި މިހާރުގެ ރައްޔިތުންގެ މަޖިލިހުގެ ރައީސް ސަރުކާރު ހުދުމުހުތާރުކޮށް ގެންދަން ބޭނުންވެ އެމަނިކުފާނު ވަނީ "ޗާޓު" ން ބޭރުވާން ޖެހިއްޖިއްޔާ އެކަން ކޮށްގެން ނަމަވެސް ރިޔާސީ ބާރު ހިންގާނެ ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް ޗާޓުން ބޭރުން ހިންގަވަން ފުރުސަތު ނުލިބުނުކަމީ ހުދުމުހުތާރު ވެރިކަމަކަށް ޖާގަ ނުލިބުމެވެ. ދެހާސް އަށެއްގެ ކުރިން އޮތް ދިގު ސަރުކާރު ފަދަ ދިގު ސަރުކާރަކަށް އާ ނިޒާމުގެ ދަށުން ޖާގަ ނުދިންތަނެވެ. ސަރުކާރުގެ ރައިސުލްޖުމްހޫރިއްޔާ އިސްތިއުފާ ދެއްވި އެ ހިސާބުން ގައުމު ހިންގުމާ ހަވާލުވީ ގާނޫނުއަސާސީގައި ލިޔެފައިވާ ގޮތުގެމަތީން ގައުމުގެ އެއިރުގެ ނައިބު ރައީސެވެ.
އެ ސަރުކާރުގެ ދައުރުނިމި 2013 ގައި ގެނެވުނު ސަރުކާރުން އިގްތިސޯދީ ގޮތުން ބޮޑެތި މަޝްރޫއުތަކެއް ހިންގަވައި އަދި ބޮޑެތި މަޝްރޫއޫތަކެއް ނިންމަވައި ފަސް އަހަރުގެ ދައުރު ނިންމެވި އެވެ. އާ ރިޔާސީ ނިޒާމުގެ ދަށުން އެ ސަރުކާރަށް ވެސް އެތަކެއް ފާޑުކިޔުމާއި ހުދުމުހުތާރުވިޔަ ނުދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ޖަވާބުދާރީ ކުރުވުމަށް ޖާގަ ލިބިގެން ދިޔައެވެ. އެއާއެކު ދެން އައީ 2018 އިގެ އާ ސަރުކާރެވެ. މިހާރުގެ ސަރުކާރަށް މިވަނީ ވިއްސަކަށް މަސް ފާއިތުވެފަ އެވެ.
އަލަށް އައި މިސަރުކާރު އައިސްފައި ވަނީ 2013 ގައި ސަރުކާރު އައިގޮތަށް މަޖްލިހުގެ ވެސް ފުރިހަމަ ތާއީދު ރައްޔިތުން ދީގެންނެވެ. ނަމަވެސް މިހާރުގެ މަޖިލިސުން މިފެންނަނީ ރިޔާސީ ބާރުން ސަރުކާރު ހިންގަން ދަތިވާ މަންޒަރެވެ. ރިޔާސީ ބާރުން އަދުލުވެރިކަމާއެކު ހިންގަން ބޭނުންވާ ކަންކަމަށް ބުރަކި ޖެހި ހުއްޓުން އަރައި ކޮށިއެރުމުން އަނެއްކާ ވެސް ފެންފޮދެއް ދިރުވާލައިގެން ވަޔާ އިދިކޮޅަށް ވިޔަސް ކުރިއަށް ދެވޭތޯ އުޅެންޖެހިފައިވާތީ އެވެ. ރިޔާސީ ބާރުން ސަރުކާރު ހިންގުމަށް ބޭނުންވާ ރައްޔިތުންނަށް ފައިދާހުރި ސިޔާސަތުތައް ގާނޫނީ ނިޒާމުގެ ތެރެއިން ފުރިހަމައަށް ހަމަޖައްސައި ނުދެވެންޖެހޭ އެއްވެސް ސަބަބެއް ނެތުމާއެކުވެސް މެއެވެ.
ސުވާލަކީ މިހެން ދިމާވެގެން މިއުޅެނީ ކޮންސަބަބަކާ ހުރެ ހެއްޔެވެ؟ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް 2013 ގައި ރައްޔިތުންގެ ވޯޓުން ރައިީސްކަމަށް ވަޑައިގަތުމަށް ފުރުސަތު ނުދިނުމުން އަނެއްކާވެސް 2018 ގައި ރައިސްކަމަށް ވަޑައިގަތުމަށް ފުރުސަތު ހޯއްދަވަން އުޅެ ވަނީ އެފަހަރު ހުކުމެއްގެ މައްސަލަ ފެންމަތިވެ އަމިއްލަފުޅަށް ރާއްޖެއިން ބޭރަށް އަރުވާލެވިގެން ހުރުމުން ފެއިލްވެފަ އެވެ. އެހެންކަމުން އެމަނިކުފާނު އަލުން ވެރިކަމަށް ވަޑައިގަތުމަށް އޮތް ޝައުގުވެރި ކަމަށް ރައްޔިތުންގެ ތެރެއިން ނޫނެކޭ ބުނި ނަމަވެސް އެ ޝައުގުވެރިކަން ފާޅު އެބަކުރައްވަ އެވެ. އެގޮތުން އަރުވާލެވިގެން ހުންނެވުމަށް ފަހު އެމަނިކުފާނަށް ރާއްޖެ ވަޑައިގަތުމާއެކު ފުރަތަމަ ދުވަހުވެސް އެމަނިކުފާނުގެ ވެރިކަމެއް ގާއިމް ދެން ކުރެވޭނެ ގޮތަކީ ކޮބައިތޯ ހިސާބު ޖައްސަވައި ވިދާޅުވެފައި ވަނީ ރައްޖެއަށް ސަރުކާރު ހިންގަން ކަމުދަނީ އެމަނިކުފާނުގެ "ލޯފުޅުފެޅީއްސުރެ" ފެންނަ ބަރުލަމާނީ ނިޒާމު ކަމަށާއި އެކަން ވީހާވެސް އަވަހަކަށް ކުރުމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.
އަދި ދާދި މިދާކަށް ދުވަހު މިވަނީ ސަރުކާރު ހިންގޭނީ ބަރުލަމާނީ ނިޒާމަކަށް ކަމަށް ވިދާޅުވެ އެމަނިކުފާނުގެ އާއްމު ރާގުގެ މަތީން އިއްވާފަ އެވެ. އެމަނިކުފާނު ލޯފުޅުފެޅީއްސުރެ އޮތް ރިޔާސީ ނިޒާމު ފެނިވަޑައިގަތް ކަމަކަށް ނުހެއްދެވި އެވެ. މިއަދު ދުނިޔޭގައި އޮތް އެންމެ ވަރުގަދަ ސަރުކާރު ހިންގުމުގެ ނިޒާމު އޮތް އެމެރިކާގައި ކާމިޔާބުކަމާއެކު ހިންގަމުން އަންނަ ރިޔާސީ ނިޒާމު ވެސް ފެނިވަޑައި ނުގަތެވެ. އެހެންކަމުން އެމަނިކުފާނު އެ ބައްލަވަނީ ދިވެހިރާއްޖޭގެ ވެރިކަމަށް އެމަނިކުފާނު ވަޑައިގަންނަވަން ރައްޔިތުން ނޫނެކޭ އެއްފަހަރު ބުނުމުން ވެސް ދެން ވެސް ވެރިކަމަށް އާދެވޭނެ ގޮތެއް ހާސިލްވޭތޯ މަސައްކަތް ކުރާ ކަމުގެ ފުރިހަމަ ހެއްކެކެވެ.
އެގޮތުން މިހާރުގެ މަޖުލިހުގެ ރައީސަށް ރާއްޖޭގައި ބަރުލަމާނީ ނިޒާމް ގާއިމްކޮށްފިނަމަ ރާއްޖޭގެ ވެރިކަމަށް އެމްޑީޕީގެ ރައީސްކަމުގެ މަގާމުގައި ހުރިހާ ދުވަހަކު އެމްޑީޕީން މަޖުލިހުގެ މެޖޯރިޓީ ގޮނޑި ހޯދާ ކަމަށް ވާނަމަ އެމަނިކުފާނު ނޫން ދެވަނަ ފަރާތަކަށް ބޮޑުވަޒީރު ކަމުގެ މަގާމަށް ނާދެވޭނެ ކަމަށް އެމަނިކުފާނަށް މަންޒަރު ފެނިވަޑައިގަތަސް ސަރުކާރު ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރާނަމަ ކުރިމަތީގައި އޮތީ ގާނޫނުއަސާސީ ބަދަލު ކުރަން ޖެހޭ މަސައްކަތެވެ.
މުޅި ސަރުކާރުގެ ހިންގާ ނިޒާމަށް މިފަދަ ބޮޑު ބަދަލެއް ގެންނަނަމަ ގާނޫނުއަސާސީ އެއްކޮށްހެން ބަދަލު ކުރަންޖެހޭނެ އެވެ. އެއީ ބުރަ ބޮޑު މަސައްކަތަކަށް ވާނެއެވެ. ސަބަބަކީ ސަރުކާރު ހިންގަން ބަރުލަމާނީ ނިޒާމެއް ގެންނަނަމަ އެ ނިޒާމުން ކުރިން ދެންނެވިހެން އަދުލުވެރި ވެރިކަމެއް އިންސާފުވެރިކަމާއެކު ރައްޔިތުންގެ ފުރާނައިގެ ރައްކާތެރިކަމާއި އަދި މުދަލުގެ ރައްކާތެރިކަމާއި ރައްޔިތުންގެ ކުރިއެރުމަށް ހަމަހަމަ ފުރުސަތު އެންމެހާ ރައްޔިތުންނަށް ލިބިދީ ހުދުމުހުތާރު ނުވެވޭނެ ފަދަ ގޮތަކަށް ބައްޓަން ކުރަން ޖެހޭނެތީ އެވެ.
އަދިހަމަ އެހެންމެ މާ ދިގު މުއްދަތެއް ނުވި ނަމަވެސް މިދިޔަ ކުރު މުއްދަތުގައި ޖަވާބުދާރީ ކުރުވުމުގެ ވަރުގަދަ ސަގާފަތެއް ރައްޔިތުންނަށް ފެނިފައިވިޔަސް އަނެއްކާވެސް ރައްޔިތުން ނުރުހުނަސް ރައްޔިތުންގެ ރުހުން އޮއްތޯ ބެލުމަށް ރައްޔިތުންގެ ޚިޔާލުހޯދުމުގެ ވޯޓަކާ ހަމައަށް ވެސް ގާނޫނުއަސާސީގައިވާ ގޮތުން ދާންޖެހޭނެ އެވެ.
ބަރުލަމާނީ ނިޒާމެއްގައި ސަރުކާރު އެކުލަވާލާ ގޮތަކީ ރައްޔިތުންގެ މަޖުލިހުގެ މެޖޯރިޓީ ހޯދާ ސިޔާސީ ޕާޓީއަށް ސަރުކާރު ހިންގުމަށް އެކުލަވާލަން ހަވާލު ކުރުމެވެ. ރަމްޒީ ބާރުތަކެއް ދެވިފައި އޮންނަ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރަސްގެފާނު ނުވަތަ ރާނީ އާ ބައެއް ގައުމުތަކުގައި އެކަން ހަވާލު ކުރެވިފައި ވެއެވެ. ސަރުކާރު ހިންގުމުގެ ހުރިހާ ބާރެއްމެ އޮންނާނީ ބޮޑުވަޒީރުގެ އަތުގަ އެވެ. އަދި ބޮޑުވަޒީރުގެ ދައުރު ބައެއް ގައުމުތަކުގައި ހަތަރެއް ނުވަތަ ފަސް އަހަރުގެ ދެ ދައުރު ކަމަށް ކަނޑައަޅާފައި ވެއެވެ.
މި ބަރުލަމާނީ ނިޒާމުގައި މަޖުލީހުގެ މެޖޯރިޓީ ސިޔާސީ ޕާޓީއަކުން ހޯދައިފިނަމަ ސަރުކާރު އެކުލަވައި މެޖޯރިޓީ ބޭނުންކޮށް ފަސޭހަ ކަމާއެކު ގާނޫނުތައް ބޭނުންގޮތަކަށް ފާސް ކޮށްލުމުގެ ފުރުސަތު އޮންނާނެ އެވެ. ބޮޑުވަޒީރަކަށް އަންނާނީ މަޖުލީހުގެ މެޖޯރިޓީ ހޯދާ ސިޔާސީ ޕާޓީގެ ރައީސެވެ. އާއްމު ގޮތެއްގައި ސިޔާސީ ޕާޓީއަކުން އާއްމު އިންތިހާބުގައި މިދެންނެވި މަޖުލިސް މެޖޯރިޓީ ނުހޯދިއްޖެނަމަ އެ ޕާޓީއެއްގެ ރައީސް ފެއިލްވީ ކަމަށް ދެކި އިސްތިއުފާ ދޭންޖެހެ އެވެ. އަދި ޕާޓީގެ އާ ރައިސަކަށް ޕާޓީއާއިގެން ދެން ކުރިއަށް ދެވޭނެ އާ ރައިސަކު ޕާޓީން ހޮވައެވެ. ބަރުލަމާނީ މި ނިޒާމުގައި އަދިހަމަ އެއްޕާޓީ އަނެއް ޕާޓީއާ ޑީލް ހަދައި މަޖުލިސް މެޖޯރިޓީ ހޯދުމަށް އެއް ސިޔާސީ ޕާޓީއަކުން އެކަނި ނުކުޅެދޭނަމަ ކޮއެލިޝަން ހަދައިގެން މަޖުލިހުގެ މެޖޯރިޓީ ގޮނޑި ހޯދައި ސަރުކާރު ހިންގަން ހަވާލުވުމަކީ އާއްމު ގޮތެއްގައި އޮންނަ ފުރުސަތެކެވެ.
އެހެންކަމުން ކެބިނެޓުގައި ތިބޭނީ ކޮއެލިޝަން ހަދާ ޕާޓީތަކުގެ ނުވަތަ މެޖޯރިޓީ ގިނިކަންޏާ ހޯދާ ސިޔާސީ ޕާޓީގެ މަޖުލިސް މެންބަރުންނެވެ. މިދެންނެވިހެން މަޖުލިހުގެ މެޖޯރިޓީ ގޮނޑި ލިބޭ ބަޔަކަށް ގާނޫނުއަސާސީ ބަދަލުކޮށް ވެރިކަމުގެ ދައުރުތައް ދިގު ދަންމާލުމުގެ ނުވަތަ ރަމްޒީ ރައީސް ބޭނުންކޮށް މަޖުލިސް އުވާލާ ސިޔާސީ އެތައް ހަލަބޮލި ކަމަކަށް ހުށަހެޅިގެންދިއުމަށް މި ނިޒާމުގައި ދިމާވެއެވެ.
މިފަދަ ބަރުލަމާނީ ނިޒާމެއްގައި އެންމެ ބޮޑު މައްސަލައަކީ ރާއްޖޭގެ ރައްޔިތުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ 30 އަކަށް އަހަރުގެ ވެރިކަމުގައި ފެނުނުހެން އެއް ޕާޓީއަކުން ހިންގަން ޖެހުމުން، ސަރުކާރުގެ މިދެންނެވި ތިން ބާރު މަސްހުނިވެ އަދުލު އިންސާފުން ހިނގާތޯ އެއްބާރުން އަނެއްބާރު ޖަވާބުދާރީ ކުރެވޭނެ އުސޫލެއް ނޯންނާނެތީ އެވެ. އެހެނީ ވެރިކަމާ ހަވާލުވާނީ މަޖުލިސް މެޖޯރިޓީ ގޮނޑި ހޯދާ ޕާޓީއަށް ވެފައި ސަރުކާރު ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރު އޮންނާނީ އެއްވެފައި ކަމުގައިވާތީ އެވެ. ވަޒީރުންނަށް ހަމަޖއްސާނީ މެޖޯރިޓީ ގޮނޑި ހޯދާ ޕާޓީގެ މަޖުލިސް ގޮނޑިކާމިޔާބު ކުރާ މެންބަރުންގެ ތެރެއިން މެންބަރުންނެވެ. އެހެންކަމުން ސަރުކާރު ހިންގާ ދެ ބާރު މަސްހުނިވެ ނުވަތަ އެކައްޗަކަށްވީ އެވެ. އަދުލުއިންސާފުގެ ދާއިރާގައާއި އަދި މިނިވަން މުވައްސަސާތަކަށް މީހުން އައްޔަން ކުރުމުގައި މަޖުލިސް މެޖޯރިޓީ ޕާޓީގެ ބާރު އޮތުމުން އެ ދާއިރާތަކުގެ ބާރުވެސް އޮންނާނީ ސީދާ މަޖުލިހަށެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ތިން ބާރު އެއްވެފައިވާ ޖަވާބުދާރީ އެކަށީގެންވާ ގޮތަށް ކުރުން މިހާރުގެ ނިޒާމަށްވުރެ އިންތިހާއަށް ކުޑަވާނެ އެވެ.
އެހެންކަމުން ދިވެހި ރައްޔިތުންނަށް ތިން ބާރު އެއްވެގެން މައްސަލަތައް ދިމާވެ ހުދުމުހުތާރު ނިޒާމެއްގެ ކަންބޮޑުވުން ރައްޔިތުން އިހުސާސު ވީކަމަށް ދެކި އަތުން ހިފާފައިތިބި ކަމަށް ބުނާ ބަޔަކު އެކަން ބަދަލުކުރިތާ އަދި މާގިނަ ދުވަހެއް ވެސް ނުވަނީސް އަނެއްކާ ވެސް އެފަދަ މަސްހުނި ނިޒާމަކަށް ދާން ނުވިސްނާނެ ކަމީ ޝައްކެއް ހުރި ކަމެއް ނޫނެވެ. އެހެނީ މިވަގުތު ސަރުކާރު ހިންގަން އޮތް ސިޔާސީ ނިޒާމުގެ އެއްވެސް މައްސަލަ ނެތެވެ. ނުވިތާކަށް މިހާރުގެ ނިޒާމުގެ ޖަވާބުދާރީ ކުރުވުމުގެ ވަރުގަދަކަން މިވަނީ ލޮލުންދެކި އަތުން ހިފާފައެވެ.
ފަހަރެއްގައި ރައިސް އިބްރާހިމް މުހައްމަދު ސޯލިހު ދާދިފަހުން ސަރުކާރު ހިންގުމުގެ ނިޒާމު ބަދަލު ކުރަން އެމަނިކުފާނަށް ވަގުތެއް ނެތްކަމަށް ވިދާޅުވީ އެމަނިކުފާނަށް އެކަން ހިތްޕުޅުގެ އަޑިން ގަބޫލްފުޅުކުރެއްވޭތީ ކަމަށްވެސްވުން ގާތެވެ. އެހެންކަމުން މި އުޅެނީ އަދި ނިޒާމުގެ މައްސަލައެއް ނޫނެވެ. މި އުޅެނީ މިހާރުގެ މަޖުލިސް ރައީސަށް ގައުމުގެ ވެރިކަމުގެ އަލިވާ ހިސާބަށް ކިރިޔާ ވެސް އަލުން ވަޑައިގަތުމަށް ޖާގަ އޮތީ ބަރުލަމާނީ ނިޒާމެއް ގެނެސްގެން ކަމަށްވާތީ އެ އަޑު އިރުއިރުކޮޅާ އެކި ސިފަސފައިގައި ރަނގަބީލެއް ޖައްސަވާހެން ޖައްސަވާ އަޑެވެ.
އެހެންނަމަވެސް މިއީއަކީ ގައުމަށް ފައިދާ ހުރި ގޮތެއް ނޫނެވެ. ސިޔާސީ ހަމަޖެހުމާއެކު ގައުމުގެ ރައްޔިތުންގެ ކުރިއެރުމަށް އެންމެހާ ރައްޔިތުން ތިބީ އެދިއެދިއެވެ. ސިޔާސީ ނިޒާމަކީ ކުޅޭކުޅޭ ކުޅިވަރެއް ނޫނެވެ. އެއީ ކުޅިވަރަކަށް ހައްދަވައިފިނަމަ އެކަމުން މުޅި އެންމެހާ ރައްޔިތުންނަށް ލިބޭނީ ގެއްލުމާއި ނިކަމެތިކަމެވެ. ކުރީގެ ބަންޑާރަ ނައިބު ޑރ. މުނައްވަރު ދާދިފަހުން ހަނދާން ކޮށްދެއްވާފައިވާ ފަދައިން އޮންނަ ގާނޫނުއަސާސީ އަށް އަމަލު ނުކޮށް ދުވާލަކު އެއް ފަހަރު ގާނޫނުއަސާސީ ބަދަލު ކުރާނަމަ ގާނޫނުއަސާސީ އެއް އޮތުމުގެ ވެސް ބޭނުމެއް ނޯންނާނެ އެވެ. ގާނޫނުއަސާސީ މާތްވަނީ އެހެންވެގެނެވެ. ގާނޫނުއަސާސީއަށް އަބަދުމެ އިހުތިރާމް ކުރަން ކޮންމެ ރައްޔިތަކުވެސް ޖެހެއެވެ.
އެޑިޓަރުގެ ނޯޓް: މި ލިޔުން ލިޔުއްވެވި މުޙައްމަދު ފަރުޙާދަކީ ޚާރިޖީ ދާއިރާގައި ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވެވި އަދި ފަހުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ރާއްޖޭގެ ސިޔާސީ މަސްރަހާއި، ބައިނަލްއަގުވާމީ މަސްރަހާއި އަދި މުޖްތަމައުގެ ތަފާތު އެކި މައްސަލަތައް ދިރާސާ ކުރައްވާ ބޭފުޅެކެވެ. އިންޑިއާގެ އޮޒްމޭނިއާ ޔުނިވަސިޓީން ސިޔާސީ ދާއިރާއިން ފުރަތަމަ ޑިގްރީ އަދި މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން ސިޔާސީ ދާއިރާއިން މާސްޓާސް ހޯއްދަވާފަފައި ވެއެވެ.