ލައިފްސްޓައިލް

މަގުމަތީ ކުއްޖަކު ފާސްވުމުން ނަސީބު އަތުގައި ހިފައިފި

މަގުމަތީގައި ޖަހާފައި ހުންނަ ހޮޅިދަނޑީގެ އަލީގައި ތިބެގެން ކުދިން ކިޔަވާ މަންޒަރަކީ އާންމުކޮށް ފިލްމުތަކުން ފެންނަ މަންޒަރު ތަކެކެވެ. ނަމަވެސް 17 އަހަރުގެ އާޝްމާ ޝައިޚް މިހާރު ވެސް ކިޔަވަނީ މަގުމަތީގައި ހުންނަ ހޮޅިދަނޑީގެ އަލީގައިއިނދެގެންނެވެ. އަދި މިގޮތަށް ކިޔަވައިގެން އޭނާ ވަނީ އެސްއެސްސީ އިމްތިހާނުން ފާސްވެފަ އެވެ.

އާޝްމާ އާއި އޭނާގެ މައިންބަފައިން އަދި ފިރިހެން ކޮއްކޮ ދިރިއުޅެނީ އިންޑިޔާގެ މުމްބައިގެ އާޒާދު މައިދާނުގައި މީހުން ހިނގަން އޮންނަ ދުވާރު މަތީގަ އެވެ. މި އާއިލާގެ ގެދޮރެއް ނެތެވެ. ފަގީރު ކަމުން ބަނޑު ފުރާނަ މުއްތި ކުރެވޭ ވަރު ވެސް ވަނީ ކިރިޔާ އެވެ. ނަމަވެސް އާޝްމާ ވަނީ މިހާ ދަތި ހާލުގައި އުޅެމުން ވެސް ކިޔަވައިގެން އެންމެ ފަހުން ހެދި އިމްތިހާނުން 40 ޕަސެންޓަށް ވުރެ މަތީ މާކްސް ހޯދާފަ އެވެ. މިއީ ވަރަށް ދަށް މާކްސް އެއް ކަމަށް މިހުންނަށް ހީވެދާނެ އެވެ. ނަމަވެސް މިއީ އާޝްމާ ހެދި އިމްތިހާނުން ފާސްވާ ވަރުގެ ނަތީޖާ އެކެވެ. މި ނަތީޖާ ހޯދަން މި ކުއްޖާ ކުރި މަސައްކަތް އެނގޭނަމަ މި މާކްސް ދަށް ކަމަކަށް އެއްވެސް މީހަކު ގަބޫލެއް ނުކުރާނެ އެވެ.

ޓައިމްސް އޮފް އިންޑިޔާ އާ ވާހަކަ ދައްކަމުން އާޝްމާ ބުނެފައިވާ ގޮތުގައި ދުވާލު ގަޑީގައި ދުވާރު މަތީގައި ކާރޫބާރޫ ބޮޑުކަމާއި މަގުމަތީގައި އަޑުފައްގަނޑު ގަދަ ކަމުން އެއްގޮތަކަށް ވެސް ކިޔެވޭ ވަރެއް ނުވެ އެވެ. ޓްރެފިކްގެ އަޑާއި ދުއްވާ އެއްޗެތީގެ ބަރުގޮނުގެ އަޑުން އަބަދު މުޅި ތަން އޮންނަނީ ގުގުމާފަ އެވެ. އެހެންވެ އޭނާ ކިޔަވަނީ ރޭގަނޑު ދަންވަރު އެންމެ އަޑުފައްގަނޑު މަޑުވާ ގަޑީގައި މަގުމަތީގައި ޖަހާފައި ހުންނަ ހޮޅިދަނޑީގެ ކައިރީގައި އިނދެގެންނެވެ.

އާޝްމާގެ ބައްޕަ އާމްދަނީ ހޯދަނީ ލުނބޯ ޖޫސް ވިއްކައިގެންނެވެ. ކިތަންމެ ހާލެއްގައި އުޅެން ޖެހުނަސް ދަރިންނަށް ރަނގަޅު ތައުލީމެއް ފޯރުކޮށްދެވޭތޯ އާޝްމާގެ ބައްޕަ ބެލި އެވެ. އެހެންވެ ދަރިން ސްކޫލަށް ލައިގެން ކިޔަވައިދޭން އޭނާ މަސައްކަތް ކުރެ އެވެ. ނަމަވެސް ދުވާލު ގަޑީގައި އާޝްމާ އާއި އޭނާގެ ކޮއްކޮ ވެސް ސްކޫލަށް ދާ ގަޑި ފިޔަވައި އެހެން ގަޑިތަކުގައި އުޅެނީ ބައްޕަ އާއެކު މަސައްކަތުގަ އެވެ.
އާޝްމާ ބުނެފައިވާ ގޮތުގައި އޭނާއަށް ކިޔަވައިދޭން މީހެއްގެ އަތުން ފައިސާ ނެގުމުގެ ސަބަބުން ބައްޕަ މިހާރުވެސް ވަނީ ދަރަނިވެރި ވެފަ އެވެ.

އާޝްމާ 10 ވަނަ ކްލާހުގެ އިމްތިހާނުން ފާސްވި ޚަބަރު ސޯޝަލް މީޑިއާގައި އާއްމުވުމުން އޭނާއަށް ސަރުކާރު ސްކީމެއްގެ ދަށުން ބޯހިޔާވަހި ކަމެއް ފޯރުކޮށްދިނުމަށާއި ޕާޓް-ޓައިމް ވަޒީފާއެއް ހޯދައި ދޭން އިންޑިޔާގެ ސިޔާސީ ޕާޓީއެއްގެ އިސް ވެރިޔަކު މިހާރު ވަނީ ވައުދުވެފަ އެވެ.

ޝިވް ސޭނާ ޕާޓީގެ އެމްއެލްއޭ ޕްރަތާޕް ސަރްނައިކް ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި ފޯޓު އޭރިއާއިން އާޝްމާ އަށް ޕާޓް-ޓައިމް ވަޒީފާއެއް ހަމަޖައްސައި ދޭނެ އެވެ. އެއީ ކިޔަވަމުން އަދާ ކުރެވޭ ކަހަލަ ވަޒީފާ އެކެވެ. އަދި މަގުފުޅާކުރުމުގެ ޕްރޮގްރާމްގެ ސަބަބުން ގެދޮރު ގެއްލުނު އާޝްމާއަށް ކުޑަ ގެއެއް ހޯދާދޭނެ ކަމަށް ވެސް ޕްރަތާޕް ވަނީ ވައުދުވެފަ އެވެ.

އާޝްމާ ބުނި ގޮތުގައި ލުނބޯ ޖޫސް ވިއްކައިގެން އެ އާއިލާގެ ޚަރަދު ބަލަހައްޓާ ބައްޕަ ގޮވައިގެން އޭނާގެ އަމިއްލަ ގެއަކަށް ވަންނަ މަންޒަރަކީ ހަޔާތުގައި އެންމެ ދެކެން ބޭނުންވާ ދުވަހެވެ. މިހާރު ބެލެވެނީ އާޝްމާގެ މި ހުވަފެން ވަރަށް އަވަހަށް ހަގީގަތަކަށް ވާނެ ކަމަށެވެ.