ވިޔަފާރި

ދިރާގު ބްރޯޑްބޭންޑް ޕެކޭޖްތަކަށް ހެޔޮ ބަދަލެއް، އިތުރު ޑޭޓާ އާއި ސްޕީޑް

ދިރާގު ބްރޯޑްބޭންޑް އިންޓަނެޓު ޕެކޭޖް ތަކަށް ބޮޑެތި ބަދަލު ތަކެއް ގެނެސް، ސްޕީޑް ހަލުވިކޮށް އިތުރު ފުރިހަމަ ކަމެއް ގެނެސް ދީފި އެވެ.

ދިރާގުން މިފަހަރު ގެނެސްފައިވާ ބަދަލާއެކު، ކަސްޓަމަރުންނަށް އިތުރު ހަރަދެއް ނެތި، އިތުރު ޑޭޓާ އާއި ސްޕީޑް ލިބިގެން ދާނެ އެވެ. އަދި ޕެކޭޖްތަކުގެ އަޕްގްރޭޑްތަކާއެކު ކަސްޓަމަރުންނަށް 20 ޕަސެންޓާއި 65 ޕަސެންޓާ ދެމެދުގެ އިތުރު ޑޭޓާ އަދި މާ ރަނގަޅު ސްޕީޑް ވެސް ލިބިގެން ދާނެ އެވެ.

އެ ކުންފުނިން ބުނީ މި އަޕްގްރޭޑް ގެނެސްފައިވަނީ ޑިޖިޓަލް ޓެކްނޮލޮނީ އާއެކު ދިވެހިންގެ ދިރިއުޅުމަށް ބޮޑެތި ބަދަލު ތަކެއް ގެންނަމުންދާ ދުވަސް ވަރެއްގައި އިންޓަނެޓުގެ ބޭނުން ނުހަނު ބޭނުންވެފައިވާތީ ކަމަށެވެ. އެ ކުންފުނިން ބުނީ ވޭތުވެ ދިޔަ މަސްތަކުގައި ކަސްޓަމަރުން އިންޓަނެޓް ބޭނުން ކުރާ މިންވަރަށް ބޮޑެތި ބަދަލު ތަކެއް އައިސްފައިވާ ކަމަށެވެ. އެހެންވެ، ދިރާގުން ގަސްތުކުރީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކޮށް، ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައި ހޯމް ފައިބަ އިންޓަނެޓް ޕެކޭޖަ ތަކުން އިތުރު ޑޭޓާ އަދި ސްޕީޑް ލިބޭނެ ގޮތަކަށް ޕެކޭޖްތައް އަލުން ފަރުމާ ކުރުމަށް ކަމަށް ބުނެފައިވެ އެވެ.


ދިރާގުން ބުނީ މި ބަދަލާއެކު ހުރިހާ ޕެކޭޖްތަކެއްގެ އަޕްގްރޭޑްކޮށް މި މަހުގެ ފުރަތަމަ ހަފުތާގައި ނިމޭނެ ކަމަށެވެ.

ބޮޑު މި ބަދަލާ ބެހޭ ގޮތުން، ދިރާގު ޗީފް މާކެޓިން އޮފިސަރު މަހުމޫދު ދައްސަރު ވިދާޅުވި ގޮތުގައި ފައިބާ ބްރޯޑްބޭންޑް ޕެކޭޖް ތަކަށް މި ގެނައި ބަދަލަކީ ދިރާގުން ރާއްޖޭގެ ހުރިހާ ހިސާބަކަށް ހައި ސްޕީޑް އިންޓަނެޓް ހެޔޮއަގެގައި ފޯރުކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކަމަށެވެ. މި ގެނައި ބަދަލާއެކު ކަސްޓަމަރުންނަށް އިންޓަނެޓް މަހުފީ އިން 21 ޕަސެންޓާއި 40 ޕަސެންޓާއި ދެމެދުގެ ލުޔެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ބަދަލުން ޑިޖިޓަލް ކޮށް ކިޔަވާ، މަސައްކަތް ކޮށް އަދި އެހެނިހެން ކަންތައް ކުރުމަށް އިތުރު ފުރުސަތުތައް ހުޅުވިގެން ދާނެކަމަށް އުންމީދު ކުރަން،" މަހުމޫދު ވިދާޅުވި އެވެ.

ދިރާގުން ބުނީ ރާއްޖޭގެ ގިނަ ގޭބިސީ ތަކަށް މިހާރު ވެސް، ދިރާގު ފައިބާ ބްރޯޑްބޭންޑް އަޕްގްރޭޑްގެ އިތުރު ސްޕީޑް އަދި ޑޭޓާ ތަޖުރިބާ ކޮށްލެވޭނެ ކަމަށެވެ. ފައިބާ ބްރޯޑްބޭންޑް ހިދުމަތް ލިބޭ ހުރިހާ ރަށެއްގައި ދިރިއުޅޭ ކަސްޓަމަރުންނަށް މި ޕެކޭޖްތައް ތަޖުރިބާ ކޮށްލުމުގެ މަގު ފަހިކޮށްދިނުމަށް އެ ކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށާ، އެގޮތުން 16 ރަށެއްގައި މިހާރު ދިރާގުން ދަނީ ނެޓްވޯކް ކެޕޭސިޓީ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެކުންފުނިން ބުނެ އެވެ.

ދިރާގު ދަނީ ފައިބާ ބްރޯޑްބޭންޑް ހިދުމަތް ރާއްޖޭގެ އާބާދީގެ 76 ޕަސެންޓަށް ދެމުންނެވެ. އެ ކުންފުނީގެ މި ހިދުމަތް ރާއްޖޭގެ 61 ރަށަށް މިހާރު ލިބެ އެވެ.