އެޗްޕީއޭގެ އިންސްޕެކްޝަންގައި ކޮވިޑް-19 އިގެ އުސޫލުތަކަށް ނުފެތޭތީ މިއަދު ވެސް 40 ތަނެއް ބަންދު ކޮށްފި އެވެ.
އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އިންސްޕެކްޝަންގައި މިއަދު 189 ތަނެެއް ބެލި ކަމަށެވެ. އެއީ ކާބޯތަކެތީގެ ހިދުމަތްދޭ 62 ތަނަކާއި 113 ފިހާރައެއްގެ އިތުރުން 13 ސެލޫނަކާއި މާރުކޭޓެއް ކަމަށެވެ.
އޭގެ ތެރެއިން 40 ތަނެއް ބަންދު ކުރި އެވެ. ނުވަ ސެލޫނަކާއި 14 ފިހާރައަކާއި ކާބޯތަކެތީގެ ހިދުމަތްދޭ 16 ތަނެއްގެ އިތުރުން މާރުކޭޓެކެވެ.
މީގެ ހަތަރު ދުވަސް ކުރިން ފެށި އިންސްފެކްޝަންގައި އުސޫލުތަކަށް ނުފެތޭ ތަންތަން ވަގުތުން ބަންދު ކުރެ އެވެ. ފުރަތަމަ ދުވަހު 27 ތަނެއް ބަންދުުކުރިއެވެ. ދެވަނަ ދުވަހު 50 އަދި އިއްޔެ ތިން ތަނެއް ބަންދު ކުރި އެވެ. މާދަމާވެސް އިންސްޕެކްޝަންގެ ކުރިއަށް ގެންދާނެ އެވެ.
ކޮވިޑް-19 އިގެ ބަލިމަޑުކަމާއި ގުޅިގެން ކެފޭ، ރެސްޓޯރަންޓް އަދި ހޮޓާތަކާއި ސެލޫން އަދި ޖިމް ފަދަ ތަންތަން ހުޅުވަން ހުއްދަދީފައި ވަނީ މިމަހުގެ ފުރަތަމަ ދުވަހު އެވެ. އެތަންތަަން ހުޅުވުމުގެ ހުއްދަ ދީފައި ވަނީ ވަކި އުސޫލުތަކަކަށް އަމަލު ކުރަން ޝަރުތުު ކުރުމަށްފަހު އެވެ. ނަމަވެސް ބައެއް ތަންތަނުން އެ އުސޫލުތަކާއި ހިލާފަށް ހިދުމަތް ދެއެވެ.