ލައިފްސްޓައިލް

ސަތޭކައަށްވުރެ ގިނަ މީހުން މެރި "މަރުގެ ޑޮކްޓަރު"

އިންޑިޔާގެ އުއްތަރު ޕްރަދޭޝްގެ އަޔުރްވެދިކް ޑޮކްޓަރެއްގެ މައްޗަށް 100 އަށް ވުރެ ގިނަ މީހުން މެރިކަމުގެ ކުށް ސާބިތުވެ މިހާރު ވަނީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންނެވެ. އޭނާ މަރާލި މީހުންގެ ތެރޭގައި ހިމެނެނީ ޓްރަކް ޑްރައިވަރުންނާއި ޓެކްސީ ޑްރައިވަރުންނެވެ.

މި ޑޮކްޓަރު ދިގު މުއްދަތަކަށް ޖަލަށް ލާން މީގެ 16 އަހަރު ކުރިން އިންޑިޔާގެ ކޯޓަކުން ހުކުމް ކޮށް ފާއިތުވީ 16 އަހަރު އޭނާ ހޭދަ ކޮށްފައިވަނީ ޖަލުގަ އެވެ. ނަމަވެސް އޭނާގެ އަޚުލާގު ރަނގަޅުކަމުން އެތައް ހަފުތާއަކަށް ޕެރޯލްގެ ދަށުން މިދިޔަ ޖެނުއަރީ މަހު އޭނާ ގެއަށް ފޮނުވި އެވެ. މި ޑޮކްޓަރަށް އާއްމުންގެ ސަމާލުކަން އަނެއްކާވެސް ލިބެން މެދުވެރިވީ ޕެރޯލް މުއްދަތު ހަމަވުމުން އޭނާ އަނބުރާ ޖަލަށް ނުދިއުމުންނެވެ.

ދެވެންދުރަ ޝަރުމާ، 62، މިހާރު އަނެއްކާ ވެސް ދިއްލީ ފުލުހުން ވަނީ ހައްޔަރު ކޮށްފަ އެވެ. ރާޖަސްތާން ކޯޓަކުން 2004 ގައި ޝަރުމާ ކުށްވެރިވާ ކަމަށް ނިންމައި ވަރަށް ދިގު މުއްދަތަކަށް ޖަލަށް ލާން ވަނީ ހުކުމް ކޮށްފަ އެވެ. އޭނާ 2002 އާއި 2004 އާ ދެމެދު އެތައް ބަޔަކު މަރާފައިވާކަން ސާބިތު ވެގެންނެވެ. އޭނާ މަރާލި މީހުންގެ އަދަދު ގިނަ ކަމުން އިންޑިޔާގެ މީޑިއާތަކުން އޭނާއަށް ވަނަމަކަށް ކިޔަނީ "ޑރ. ޑެތު" އެވެ.

ޝަރުމާ ވަނީ ދިއްލީ، ހަރިޔާނާ، އުއްތަރު ޕްރަދޭޝް އަދި ރާޖަސްތާނުގައި ޓްރަކް އަދި ޓެކްސީ ޑްރައިވަރުންގެ ގޮތުގައި މަސައްކަތްކުރި ގިނަ އަދަދެއްގެ ބަޔަކު ކިޑްނެޕް ކޮށްގެން ގެންގޮސް މަރާފަ އެވެ.

ޝަރުމާގެ ކްރިމިނަލް މައްސަލަތައް ފުލުހުންގެ ސަމާލުކަމަށް ފުރަތަމަ އައީ މީގެ 20 އަހަރު ކުރިންނެވެ. އެއީ 1994 އިން 2004 އާ ދެމެދު އޭނާ ހިންގި ކިޑްނީ ވިއްކުމާއި ވަގަށް ކިޑްނީ ޓްރާންސްޕްލާންޓް ކުރުމުގެ މައްސަލަތަކަކާ ގުޅިގެންނެވެ.

ޝަރުމާ އާއި އޭނާގެ އެކުވެރި ޑޮކްޓަރުންތަކެއް އަދި އެމީހުންގެ މެދުގައި މެދުވެރިއެއްގެ ރޯލު ކުޅޭ މީހަކު ވެގެން ވަނީ 125 ވަރަކަށް މީހުންގެ ކިޑްނީ ނަގާ ވިއްކާލުމުގެ ވިޔަފާރިއެއް ހިންގާފަ އެވެ.

ފުލުހުން ޝަރުމާގެ މައްޗަށް ތުހުމަތުކުރާ ގޮތުގައި ގޭންގަކާ ގުޅިގެން އޭނާ ވަނީ ޓެކްސީ ޑްރައިވަރުންނާއި ޓްރަކް ޑްރައިވަރުން އަތުލައިގަނެގެން ގެނެސް އެމީހުންގެ އަތުގައި ހުރި ނަމަ ހުރި އެއްޗެއް ފޭރިގަތުމަށްފަހު އެމީހުން މަރާލައި އަދި އެމީހުން ދުއްވަން ގެންގުޅުނު ވެހިކަލް ވެސް ވިއްކާލާފަ އެވެ.

ދެ ކިޑްނީ ނެގުމަށްފަހު އެމީހުންގެ ހަށިގަނޑު އެއްލާލަނީ ކިނބޫ އުޅޭ ކޯރަކަށެވެ. އިސާހިތަކު ކިނބޫތައް އައިސް އެ ހަށިގަނޑު ކާލާތީ މީގެން އެއްވެސް މީހެއްގެ ހަށިގަނޑު ފެންނާނެ ގޮތެއް ނޯވެ އެވެ.

އެތައް 100 ބަޔަކު މެރި ނަމަވެސް ޝަރުމާގެ މައްޗަށް ސާބިތުވީ ހަ މީހެއް މަރާލިކަމުގެ ކުށެވެ. މިއަށް ވުރެ މާ ގިނަ މީހުން މަރާލިކަމަށް ޚުދް ޝަރުމާ ވެސް ތަހުގީގުގައި އެއްބަސް ވެފައި ވެއެވެ. ނަމަވެސް އޭނާއާ ދެކޮޅަށް އެކަށީގެންވާ ހެކި ނެތުމުން އެ މަރުތައް ސާބިތު ނުކުރެވުނީ އެވެ.

"ފަންސާހަށް ވުރެ ގިނަ މީހުން މަރާލުމުގެ މާސްޓަމައިންޑަކީ އޭނާ ކަމަށް ޝަރުމާ އެއްބަސް ވެފައިވޭ،" ޕޮލިސް ސްޓޭޓްމަންޓްގައި ބުނެފައި ވެއެވެ.