ވިހޭއިރު އޭނާއަށް ވަނީ ކޮވިޑް-19 ޖެހިފަ އެވެ. އެހެންކަމުން ވިހެއުމުގެ ވޭނާއެކު އޭނާއަށް ކޮވިޑްގެ ވޭން ވެސް ތަހައްމަލު ކުރަން ޖެހުނެވެ. އޭނާއަށް އުފުލަން ޖެހުނު ވޭނުގެ ގަދަފަދަ ކަމުން ގޮސް ސިކުނޑިއަށް ލިބުނު ގެއްލުންތަކުގެ ސަބަބުން މިހާރު ވަނީ ބަލިވެ އިންކަން ވެސް ހަނދާން ނެތިފަ އެވެ. އޭނާ ވިހޭތާ މިހާރު ތިން މަސް ދުވަސް ވެއްޖެ އެވެ. ނަމަވެސް އޭނާ އުފަންކުރި ދަރިފުޅަކީ އޭނާގެ ދަރިއެއް ކަމެއް ވެސް އޭނާއަކަށް ނޭނގެ އެވެ.
ސިލްވިއާ ލެރޯއީ އަކީ އެމެރިކާގެ ބްރޫކްލީންގެ ބްރޫކްޑޭލް ޔުނިވަސިޓީ ހޮސްޕިޓަލުގައި މަސައްކަތްކުރާ ލޭބާ އެންޑް ޑެލިވަރީ ނާސް އެކެވެ. އުމުރުން 35 އަހަރުގެ ސިލްވިއާ ބަލިވެ އިނދެ ބަނޑަށް 28 ވަނަ ހަފުތާގައި އޭނާ ކޮވިޑަށް ޕޮޒިޓިވް ވިއެވެ. އަދި އެ ބައްޔާ ހަނގުރާމަކުރާތާ ދެ ހަފުތާއެއްހާ ދުވަސް ވީތަނާ މިދިޔަ އޭޕްރީލް މަހުގެ 12 ވަނަ ދުވަހު އޭނާގެ ހިތް ހުއްޓުނީ އެވެ.
އޭނާގެ ހިތް އަލުން ހިންގުމުގައި ޑޮކްޓަރުން ކާމިޔާބު ހޯދި އެވެ. އަދި ކުޑަކޮށް ހާލަތު ރަނގަޅުވުމުން ސިޒޭރިއަން ހަދަން އޮޕަރޭޝަން ތިއޭޓަރަށް ގެންދިޔަ އެވެ. އޮޕަރޭޝަން ކުރުމުގެ ތެރޭގައި އޭނާގެ ސިކުނޑިއަށް އޮކްސިޖަން ނުލިބި ހަތަރު މިނިޓް ދިޔަ އެވެ. ނަތީޖާއަކަށް ވީ ސިކުނޑިއަށް ބޮޑު ގެއްލުމެއް ލިބުމެވެ. ސިލްވިއާގެ ސިކުނޑިން ގެއްލުން ލިބުނީ ވާހަކަ ދެއްކުމާއި ގުޅޭ ބަޔަށާއި ހަނދާނަށެވެ.
ސިލްވިލާގެ ދައްތަ ޝާލީ ލީޗިން، ނިއު ޔޯކް ޕޯސްޓަށް ދީފައިވާ އިންޓަވިއު އެއްގައި ބުނީ ދެ ކުދިންގެ މަންމަ ސިލްވިއާ އަށް ވާހަކަ ދެއްކެނީ ވެސް ވަރަށް އުނދަގުލުން ކަމަށާއި ފަހުން ވިހޭ ދަރިފުޅަށް ބަލިވެ އިންކަން ވެސް ހަނދާން ނެތް ކަމަށެވެ.
"އަހަރެމެން އޭނާ ކައިރީ ބަލިވެ އިނދެ ވިހޭ ހަނދާން އެބަހުރިހޭ އެހީމަ ބޯ ހަލުވާލާފައި ނޫނެކޭ ބުނަނީ،" ޝާލީ ބުންޏެވެ.
ސިލްވިއާ އާއި ފިރިމީހާ ޖެފްރީގެ ތިން އަހަރުގެ ކުޑަ ފިރިހެންކުއްޖެއް ވެސް އެބަހުއްޓެވެ. ޝާލީ ބުނި ގޮތުގައި އޭނާގެ ކޮއްކޮ ދުނިޔޭގައި އިނަސް އޭނާއަކީ ނެތް މީހެއް ފަދަ އެވެ. ނަމަވެސް އެ ހާލުގައި ވެސް ލޮލަށް ފެންނަން އިނީމަ އުފާވެ އެވެ.
ސިލްވިއާގެ ހާލަތު ދެކެން އޭނާގެ އާއިލާއަކަށް ފަސޭހައެއް ނޫނެވެ. ޝާލީ ބުނި ގޮތުގައި ސިލްވިއާ ކާޑިއެކް އެރެސްޓަކަށް ދިޔައީ ކޮރޯނާވައިރަހުގެ ސަބަބުން ފުއްޕާމޭގައި އުފެދުނު އޮލަ، ގިނަ އަދަދެއްގެ ދިޔައިގެ ސަބަބުން ކަމަށް ޑޮކްޓަރުން ލަފާކުރާ ކަމަށެވެ.
ސިލްވިއާ ވިހޭ ދަރިފުޅުގެ ހާލު ރަނގަޅު ނަމަވެސް ކުޑަ ކުޑަ އެސްތާ އަށް ވެސް އޭނާގެ މަންމަގެ ލޯބި ލިބޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށް ޝާލީ ބުންޏެވެ.