ވިޔަފާރި

ގެޓްސެޓް ލޯނު ލިބުނު ބައެއް މީހުނަށް މިމަހު ފައިސާ ދޫކުރަނީ

Oct 6, 2015

އިކޮނޮމިކް މިނިސްޓްރީގެ އެންޓަޕްރައިސް ޑިވްލޮޕްމެންޓް (އީޑީ) ގެ ބިޒްނަސް ކޮންސަލްޓަންޓް އިބްރާހިމް ފިރުޝާން ވިދާޅުވީ ގެޓް ސެޓްލޯނު ލިބުނު 72 ފަރާތުގެ ތެރެއިން ބައެއް ފަރާތްތަކުން މިހާރު ކުރަމުންދަނީ ވިޔަފާރި ފަށަން ބޭނުންވާ ތަން ހޯދުމާއި ބޭނުންވާނެ މުވައްޒަފުންގެ އަދަދު ދެނެގަތުން ފަދަ ކަންތައްތައް ކަމަށެވެ.

"ވިޔަފާރިތައް އެސްޓަބްލިޝް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދަނީ. އެ ފަރާތްތަކުން ފައިސާ ބޭނުންވީމަ އެ ފައިސާ ދޫކުރާނީ. އެ މީހުން ޖެހޭނެ ބޭނުންވާ އަދަދަކާ ކަމެއް ބުނެފައި އެޕްލައި ކުރަން. ޑިސްޕާސްމަންޓް ޕްލޭނެއް ލާން. އެ ޕްލޭނާ އެއްގޮތަށް ފައިސާ ދޫކުރާނީ. ނަމަވެސް އެގޮތަށް އެއްވެސް ބަޔަކު އެދިފައެއް ނެތް. އޭގެ ކުރިން ހަމަޖައްސަން ޖެހޭ ކަންކަން ކުރިއަށް ދަނީ،" ފިރުޝާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިމަހުގެ ތެރޭގައި ފައިސާ ދޫކުރެވޭ ވަރުވާނެ ކަމަށާ، ނަމަވެސް ލޯނު އެގްރީމެންޓްގެ ބައި އަދި އޮންނާނެ ކަމަށެވެ.

"އެ މީހުން އެޕްލައި ކުރީމަ. ބޭންކަށް ފޮނުވައިގެން ބޭންކުން ކޮންޓްރެކްޓް ހަދާނީ،" ފިރުޝާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގެޓްސެޓް ސްކީމް ކުރިއަށް ދަނީ އެއްކޮށް ފައިސާ ދޫކުރާ ގޮތަށް ނޫން ކަމަށެވެ.

"އެއްފަހަރަކާ ފައިސާއެއް ނުދޭނެ. އެއްކަމެއް ކޮށްފައި އައިސް ދެއްކުމުން އަނެއް މަސައްކަތެއް ކުރަން ފައިސާ ދޭނީ،" ފިރުޝާން ވިދާޅުވި އެވެ.

ގެޓްސެޓް ލޯނު ދޫކުރުމުގެ މަސައްކަތް ކުރިއަށް ދަނީ އިކޮނޮމިކް މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ. މި ލޯނަށް ހޮވިފައިވާ މީހުންނަށް ބޭނުންވާ ތަމްރީންތައް ވެސް މިނިސްޓްރީން ދީފައިވެ އެވެ.

ގެޓްސެޓް ލޯނުގެ ފުރަތަމަ ބުރުގައި 72 ފަރާތްތަކަށް 25 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކުރުމަށް ހަމަޖެހިފައިވެ އެވެ. މި ލޯނު ސްކީމްގެ ޖުމްލަ އަދަދަކީ 200 މިލިއަން ރުފިޔާގެ ލޯނު ސްކީމެކެވެ. މި ސްކީމުގެ ދަށުން މި އަހަރު 40 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ރަހުނަކާ ނުލައި ނެތި މި ސްކީމުން 300،000ރ. އާއި 800،000ރ. އާ ދެމެދުގެ އަދަދެއްގެ ލޯނު ދޫކުރާނެ އެވެ. މި ލޯނުތައް ދެއްކުމަށް ހަތަރު އަހަރާއި ނުވަ އަހަރު ލިބެ އެވެ.